މާރުކޭޓު ހިދުމަތް ޒަމާނީކޮށް ތަރައްގީކުރުމަށް ހަތަރު ބުރީގެ އިމާރާތެއް ހަަދައި މާލޭ މަސް މާރުކޭޓު ކުރިމަތީގައި ހުރި ލޯކަލް މާރުކޭޓު ސަރަހައްދަށް މިހާރުގެ މަސް މާރުކޭޓު ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިހާރު މާލޭގައި ހުރި މަސް މާރުކޭޓުގެ ހާލަތު ވަރަށް ދެރަ ކަމަށާއި އެހެންކަމުން ޒަމާނީ ފެންވަރުގައި މާރުކޭޓުގެ ހިދުމަތް ތަރައްގީކުރަން ޖެހޭ ކަމަށެވެ.
ލޯކަލް މާރުކޭޓުގެ ބިމުގެ ސަރަހައްދަށް މަސްމާރުކޭޓުގެ ހިދުމަތް ބަދަލުކުރުމުން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.
"މިހާރު މަސް މާރުކޭޓު ހުންނަ ތަނުގެ ސަބަބުން އެކި ކަހަލަ ދަތިތައް އެބަ ކުރިމަތިވޭ. ދޯނިން މަގު ހުރަސްކޮށް މާރުކޭޓަށް މަސް ގެންދާއިރުވެސް އެކި ކަހަލަ ދަތިތައް ކުރިމަތިވޭ. އެކަމަކު އެތަނަށް މާރުކޭޓު ބަދަލުކުރުމުން ދޯނިތަކަށްވެސް ފަސޭހައިން ކައިރި ކުރެވޭނެ،" ޝިފާ ވިދާޅުވިއެވެ.
ލޯކަލް މާރުކޭޓު ހުރި ބިމަކީ ވަރަށް ބޮޑު ބިމެއް ކަމަށާއި އެތަނުގައި ޒަމާނީ ފެންވަރުގައި މާރުކޭޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފިނިކުރި މަހާއި ވަޅޯކުރި މަސްވެސް އެތަނުން ލިބޭނެ ފަދަ ހިދުމަތްތައް ތައާރަފުކުރުމަކީ ވިސްނުމެއް ކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ އަލަށް ހަދާ ހަތަރުބުރީގެ އިމާރާތުގައި މަސް މާރުކޭޓުގެ އިތުރުން ލޯކަލް މާރުކޭޓުގެ ހިދުމަތްވެސް އެތަނަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.