ރިފާ ހަލީލު
ކެންސަރު ބައްޔަކީ މިހާރު ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. ހާއްސަކޮށް އުރަމަތީ ކެންސަރާއި ލޭގެ ކެންސަރާއި އަނގައިގެ ކެންސަރަކީ އާންމުކޮށް ރާއްޖެއިން ފެންނަ އެކި ބާވަތުގެ ކެންސަރެވެ. އެހެންނަމަވެސް ފަހަކަށް އައިސް އުރަމަތީގެ ކެންސަރު ކަންބޮޑުވާން ޖެހޭ މިންވަރަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން "ވަން" އިން އެދިގެން އާސަންދައިން ފޮނުވި ތަފާސްހިސާބުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖެއިން ބޭރުން އެންމެ ގިނައިން މީހުން ފަރުވާހޯދާފައިވަނީވެސް އުރަމަތީގެ ކެންސަރަށެވެ.
ކެންސަރުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ އަދި ކެންސަރު ބަލީގެ އޮޕަރޭޝަން ޑޮކްޓަރު، މުހައްމަދު ޝިފާން "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އުރަމަތީގެ ކެންސަރު، އުފެދެން ފަށަނީ އުރަމަތީގައި ހިމެނޭ ބައިތަކުގެ އެތެރެ ފަށަލައިގެ ސެލްތައް، ވަރަށް އަވަހަށް އިތުރުވެ، ބޮޑުވާން ފެށުމުން ކަމަށެވެ.
ޑރ. ޝިފާން ވިދާޅުވީ ވަރަށް ގިނަ އަންހެނުންގެ އުރަމަތީގައި ގަނޑުލާ މައްސަލަ ދިމާވާ ކަމަށާއި ނަމަވެސް އުރަމަތީގައިލާ ގިނަގަނޑުތަކަކީ އުރަމަތީގެ ކެންސަރަށް އަދި ގިނަވައްތަރުތަކަކީ ކެންސަރަށް ބަދަލުވާ ވައްތަރުތަކެއްވެސް ނޫން ކަމަށެވެ.
"އާންމުކޮށް އުރަމަތީގެ ކެންސަރު ފަށާނީ، ކިރުދައުރުކުރާ ޑަކްޓުތަކުގައި. ކިރު އުފައްދައިދޭ ގްލޭންޑް ތަކުގައި. މަދުފަހަރެއްގައި އުރަމަތީގެ އެހެނިހެން ޓިޝޫތަކުން ކެންސަރު އުފެދޭ. އެކަމަކު މިހާރު ދަރިމައިވާ އުމުރުގެ މީހުންނަށް މިކަން ކުރިމަތިވޭ. ދަރިއަކު ނެތް ނަމަވެސް އުރަމަތީ ކެންސަރު ޖެހޭ މީހުން ރާއްޖޭގައި މިހާރު އެބަތިބި." އޭނާ ވިދާޅުވިއެވެ.
ޑރ. ޝިފާން ވިދާޅުވީ މީގެ ކުރިންވެސް ރާއްޖޭގައި ކެންސަރު ބައްޔަކީ އާންމު ބައްޔެއް ކަމަށެވެ. އެހެން ނަމަވެސް އޭރު ވަސީލަތްތައް މަދުވެ، ރާއްޖެއިން އެކަމަށް ޓެސްޓު ނުކުރެވޭތީ އެ ބައްޔަކީ އެހާ އާންމު އަދި މީހުންތެރޭގައި އާންމުކޮށް ވާހަކަދެކެވޭ ބައްޔެއް ނޫން ކަމަށެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މިކަމަށް ފަރުވާކުރެވެން ފެށުނު ކަން ފާހަގަކުރެއްވިއެވެ. އެއަހަރު ފަރުވާދިން ކެންސަރު ބަލިމީހުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރުގެ ބަލިމީހުން ކަމަށާއި އެގޮތުން ކެންސަރު ބަލި ޖެހުނު މީހުންގެ ތެރެއިން 73 މީހުން، އެއަހަރު އަލަށް އުރަމަތީ ކެންސަރަށް ޑައިގްނޯސްވި ކަމަށް ވިދާޅުވިއެވެ.
2019 ވަނައަހަރު އައިޖީއެމްއެޗުގައި 52 މީހުން އުރަމަތީގެކެންސަރުގެ އޮޕަރޭޝަންކޮށް އިތުރު ފަރުވާ ހޯދަން ފަށާފައިވާއިރު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 34 މީހުން މުޅިން އަލަށް އުރަމަތީ ކެންސަރަށް ޑައިގްނޯސްވެފައިވާ ކަމަށް ޑރ. ޝިފާން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން މިދިޔަ އަހަރު ކެންސަރު ބަލީގައި 182 މީހަކަށް ފަރުވާ ދީފައިވާއިރު، މީގެ ތެރެއިން 105 މީހުންނަކީ އުރަމަތީ ކެންސަރަށް ފަރުވާ ހޯދި މީހުން ކަމަށް ވެސް ވިދާޅުވިއެވެ.
"އުރަމަތީ ކެންސަރު ޖެހޭ އެންމެ އާންމު އުމުރުފުރާއަކީ 40-60 އަހަރާ ދެމެދު. އެކަމަކު ރާއްޖޭގަ މިހާރު މި ބަލި އެބަޖެހޭ އުމުރުން 30 އަހަރުގެ މީހުންނާއި އެއަށްވުރެ ހަގު މީހުންނަށްވެސް. ދުނިޔޭގެ ނިސްބަތުން ބަލާނަމަ ރާއްޖޭގައި އުރަމަތީ ކެންސަރަށް ޑައެގްނޯސްވާ މީހުންގެތެރޭގައި ގިނައީ ޒުވާނުން. މިއީ ހަގީގަތުގަ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް." އޭނާ ވިދާޅުވިއެވެ.
ޑރ. ޝިފާން ފާހަގަކުރެއްވި ގޮތުގައި އެންމެ އާންމު އަލާމާތަކީ އުރަމަތިން އަލަށް ފާހަގަކުރެވޭ ދުޅައެއް ނޫނީ ގަނޑެކެވެ. ތަދު ނުވާ ހަރު، ގަނޑުކޮޅެކެވެ. މިސަބަބަށްޓަކައި އަލަށް ގަނޑުކޮޅެއް ފެނިއްޖަނަމަ ޑޮކްޓަރަކަށް ދައްކައި ޗެކްކުރުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ޝިފާން ވަނީ އިތުރަށް ފެނިދާނެ އަލާމާތްތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން:
ޑރ. ޝިފާން ވިދާޅުވީ މި އަލާމަތްތައް އުރަމަތީގެ އެހެނިހެން ބަލިތަކުގައިވެސްފެނިދާނެ ކަމަށާއި އެހެން ނަމަވެސް މިފަދަ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަކަށް ދެއްކުން މުހިއްމު ކަމަށެވެ.
ޑރ. ޝިފާން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މިހާރު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ކިޔެވުމާއި ކެރިއާ ބިލްޑުކުރުމަށްޓަކައި ޒަވާޖީ ހަޔާތެއް ނުފަށައި ނުވަތަ ފެށި ނަމަވެސް ދަރިޔަކު ނުހޯދައި ތިބޭ މައްސަލައެވެ. އަދި އުމުރުން 30 އަހަރަށްވުރެ މައްޗަށް ދިޔުމުން ދަރިން ހޯދުމުގެ ސަބަބުން އުރަމަތީ ކެންސަރަށް މަގުފަހިވާ ކަމަށްވެސް ވިދާޅުވިއެވެ.
އުރަމަތީ ކެންސަރާއި އެހެނިހެން ބައެއް ބާވަތްތަކުގެ ކެންސަރަށް ރާއްޖެއިން މިހާރު ފަރުވާކުރެވޭއިރު ޑރ. ޝިފާން ވިދާޅުވީ، އުރަމަތީ ކެންސަރު ޖެހޭ ބައެއް މީހުންގެ އުރަމަތި އެއްކޮށް ނެގުމަށްފަހު ހަށިގަނޑުގެ އެހެން ތަންތަނުން މަސް ނެގުމަށްފަހު ރީކޮންސްޓްރަކްޓްކުރާ ކަމަށެވެ. އުރަމަތީގެ ބައެއް ނެގުމަށްފަހުވެސް މިގޮތަށް އަމަލުކުރާ ކަމަށާއި ގިނަ މީހުން ފަރުވާއަށްފަހު ވަރަށް ބޮޑަށް ރަނގަޅުވާކަމަށް ވިދާޅުވިއެވެ. އަދި މީގެ ތެރެއިންވެސް އުރަމަތި އެއްކޮށް ނަގާން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވާ ކަމަށް ވިދާޅުވިއެވެ.
ޑރ. ޝިފާން ވިދާޅުވީ މި ބަލި މިހާރު އާންމުވެފައިވާއިރު، ކެންސަރު ބައްޔަކީ ފުރާނައަށް ނުރައްކާވާ ނުވަތަ ފަރުވާ ނުކުރެވޭނެ ބައްޔެއްގެ ގޮތުގައި ނުވިސްނައި މިއީ ހަކުރު ބައްޔެކޭ އެއްގޮތަށް ދާއިމީ ބައްޔެއް ގޮތުގައި ވިސްނާ މީހުން ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ދިގު މުއްދަތަކަށް ބޭސް ގަވާއިދުން ބޭނުންކުރުމުން މި ބަލިން ރަނގަޅުވާނެ ކަން ގިނަ ބަޔަކު ގަބޫލުކޮށް އަދި އެފަދަ މީހުންނަށް އަޅާލައި ހިތްވަރުދޭ މީހުން ގިނަކަންވެސް ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
އުރަމަތީގެ ކެންސަރަކީ އެބަލީގެ ކުރީކޮޅުގައި ފެނިއްޖެނަމަ އެއްކޮށް ޝިފާ ހޯދޭ ބައްޔެއް ކަމަށާއި އަދި ބަލި ފެތުރުމަށް ފަހުވެސް، ފަރުވާއަށް އައިސްފައިވާ ބަދަލާއެކު، ބަލި އިތުރުވިޔަ ނުދީ، އެހެނިހެން ދާއިމީ ބައްޔެކޭ އެއްފަދައިން ފަރުވާކުރެވޭނެ ބައްޔެއް ކަމަށް ޑރ. ޝިފާން ފާހަގަކުރެއްވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ވަން"އިން ހޯދި މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރުވެސް އަދި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖެއިން ބޭރުން އެންމެ ގިނައިން ދިވެހިން ފަރުވާ ހޯދާފައިވަނީ ކެންސަރު ބައްޔަށެވެ. އޭގެތެރެއިން ވެސް މިއަހަރު އެންމެ ގިނައީ އުރަމަތީ ކެންސަރަށް ފަރުވާ ހޯދި މީހުންނެވެ.
އެގޮތުން އުރަމަތީ ކެންސަރަށް އެކަނިވެސް 5.19 މިލިއަން ރުފިޔާ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އާސަންދައިން ވަނީ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އުރަމަތީ ކެންސަރަށް ހަރަދުކޮށްފައިވަނީ 1.8 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއީ 3.39 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.