ކުޅިވަރު

ފައިނަލުން ޖާގަ ހޯދަން ރާއްޖެ ނޭޕާލްއާ ދެކޮޅަށް

ބަނގްލަދޭޝްގެ ޑާކާއިން: އަހުމަދު ޔަޝާއު - ވަން އޮންލައިން

ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލުން ޖާގައެއް ހޯދަން މިއަދު ހަވީރު ދިވެހިރާއްޖެ ނޭޕާލްއާ ދެކޮޅަށް ނިކުންނަން ތައްޔާރު ވެއްޖެއެވެ.

ރާއްޖެ މިމުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދީ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުލިބި، ގޯލެއްވެސް ކާމިޔާބު ނުކުރެވިއެވެ. ރާއްޖެ ހިމެނުނު ގުރޫޕުގައި އެކުވެރި ސްރީލަންކާއާ ހުރިހާ ގޮތަކުން އެއްވަރުވެ ގުރުއަތުލައިގެން ރާއްޖެއަށް ސެމީގެ ޖާގަ ލިބިގެން ދިޔައިރު މި ގުރޫޕުން އެއްވަނައިގައި ސެމީން ފުރުޞަތު ހޯދީ އިންޑިއާއެވެ. އިންޑިއާ ސެމީގައި ބައްދަލުކުރާނީ ޕާކިސްތާނާއެވެ.

މިއަދުގެ މެޗަށް ޓީމު ނިކުންނައިރު ރާއްޖޭގެ ކޯޗު ޕީޓާ ސެގާޓް ބުނެފައިވަނީ، އޭނާއަށް މީޑިއާގެ ޒަރިއްޔާއިން ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިވާ ކަމަށާއި، ނަމަވެސް، އެކަންކަމާ އޭނާ މާބޮޑަށް އަޅާނުލާކަމަށާއި، އޭނާ ބަލާނީ މިއަދުގެ މެޗުން ގޯލެއް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދުމަށް ކަމަށެވެ. އޭގެއިތުރުން، މިއީ ޓީމު އެކަތިގަނޑަކަށް ވާންވީ ވަގުތުކަމަށާއި، މިއަދުގެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން ހުރިހާ ކުޅުންތެރިންވެސް ގަދައަޅާ މަސައްކަތްކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ނޭޕާލް ސެމީން ޖާގަ ހޯދީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިއަދުގެ މެޗާބެހޭގޮތުން ނޭޕާލްގެ ކޯޗު ބާލް ގޯޕާލް ބުނީ، އޭނާގެ ޓީމު އޮތީ ވަރަށް ފޯމުގައިކަމާއި، ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް އިތުބާރާއެކު ކަމާއި، އެންމެފަހުން ރާއްޖެއާ ދެކޮޅަށް ކުޅުނު ދެމެޗުންވެސް މޮޅުވެފައި އޮތުމަކީ ލިބޭނެ ހިތްވަރެއް ކަމަށެވެ.

ނޭޕާލް ވަނީ 2016 ވަނަ އަހަރުގެ ބަންގްބަންދު ގޯލްޑް ކަޕްގައި 1-4 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ. އަދި ސައުތު އޭސިއަން ގޭމްސް ގައި 3-4 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ. މި ދެމެޗުގައިވެސް ނޭޕާލްގެ ނަވަޔުގް ޝްރެސްތާ ވަނީ ހެޓްރިކް ހަދާފައެވެ.

ސާފް ޗެމްޕިއަންޝިޕް ތާރީހުގައި ނޭޕާލްއަށް ރާއްޖެ އަތުން އަދި މޮޅުވެވިފައެއް ނެތެވެ. ޖުމްލަ 6 ފަހަރު ބައްދަލުކުރިއިރު ރާއްޖެ 4 ފަހަރު މޮޅުވެފައިވެއެވެ. 2 ފަހަރު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މިއަދުގެ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރުފަހު 3 ޖަހާއިރުއެވެ.