"އަތޮޅުތަކުގެ ރަށްތަކުގައި އަންހެންވެރިން ވަރަށް ގިނަ މަސައްކަތްތައް ކުރާކަން އެނގޭ، މިސާލަކަށް ފަންގިވިނުން، އިލޮށިމަށައިގެން އިލޮށިން ތަކެތި ހެދުން، ހެދިކާގެ ބާވަތްތަކާއި ގިނަދުވަހަށް ރައްކާކުރެވޭހެން ޕެކްކުރެވޭ ކުދިގުޅަ، ބަޖިޔާފަދަ ތަކެތި، ކަނަމަދުމެޓާ ހެދުން މިފަދަ ގިނަ މަސައްކަތްތަކެއް ރަށްރަށުގަ ކުރާކަން އެނގޭ. އެކަމަކު މިރަށުގެ މީހުންހެން ކަނޑުހުރަސްކޮށްފަ ފަޅުރަށްރަށަށް ގޮސް މިފަދަ މަސައްކަތްތައް އަމުދުން އަންހެނުންތަކެއް، އެތައް އަހަރެއްވަންދެން މިކަން ކުރަމުން މިއަންނަ ގޮތް ވަރަށް ތަފާތު."
މިއީ ހދ ނެއްލައިދޫގެ މަސައްކަތްތެރި، ހީވާގި އަންހެނުންނާ ގުޅޭގޮތުން އެރަށަށް ދުވަސްކޮޅަކަށް ޒިޔާރަތްކުރި މީހަކު ހައިރާންކަމާއެކު ދެއްކި ވާހަކައެކެވެ.
ނެއްލައިދޫގެ މި ހިތްވަރުގަދަ އަންހެނުންގެ ޓީމު އަންނަނީ އަދިވެސް ބޮޑުވަމުންނެވެ. ރަށުގައި އާއިލާއާއި ކުދިން ބަލަހައްޓާ، އަދި ރަށު ސުކޫލުން މަތީ ސާނަވީ ތައުލީމު ލިބޭތީ ރަށުގައި ތިބި އަންހެނުންނަށް އާމްދަނީ ހޯދުމަށް އެންމެ ނަފާވެރި މަސައްކަތަކަށް ފެންނަނީ ވެސް މިމަސައްކަތެވެ.
ރަށް އުފެދިފައި އޮތް ގޮތުން، ރަށުގެ ބިމާ އަޅައި ބަލާއިރު އާބާދީ ބޮޑުކަމުން، ދަރުކޮށާނެ ބޮޑެތި ގަސްތައް ހެދިފައި އޮތް ވަލެއް ނެތެވެ. އެހެންކަމުން މިރަށުގައި ފަންގިވިނުމާއި ރޯނުވެށުމާއި ތަފާތު ކާތަކެތި ތައްޔާރު ކުރާ، ކަނަމަދުމެޓާ އަދި ކަނަމަދުގެ އެކި ބާވަތްތައް ތައްޔާރުކުރާ ފަރާތްތަކަށް އޮތް ހަމައެކަނި ހައްލަކީ ޖެހިގެން އޮތް ފަޅުރަށްތަކަށް ދަތުރުދިއުމެވެ. ރަށުގައި ޑިންގީތައް ގިނައެވެ. ކޮންމެވެސް ވަރަކަަށް ދޯނިފަހަރުވެސް އެބަހުއްޓެވެ. އެހެންކަމުން މިރަށުގެ އަންހެނުން އަތުކުރި އޮޅާލައި، ދަތުރަށް ތައްޔާރުވެ، ނުހަނު ފޯރިއާއެކު، އެވަނީ މަސައްކަތް ފަށާފައެވެ. މީގެ އެތައް އަހަރެެއް ކުރީއްސުރެ މިރަށުގައި މިމަސައްކަތްތަކަށް ފިރިހެނުންނަށްވުރެ އަންހެނުން ކުޅަދާނަވެފައި ހިތްވަރުގަދައެވެ.
"ހެނދުނު ހެނދުނާ ފުރައިގެން ގޮސް ސައިބޮއި ހަމަޖެހިގެން ދެން މަސައްކަތް ފަށާނީ، ދިހަގަޑީގެ ޖޫހަށް މަޑުކޮށްލިޔަސް ގިނައިރު އުޅޭނީ މަސައްކަތުގަ. ދެން މެންދުރު ނަމާދުކޮށްލައި ކައިގެން ފަށާ ގޮތަށް ހަވީރަށް ނިންމާފަ ޑިންގީއަށް އަރުވައިގެން ގެންނަނީ ރަށަށް." މިމަސައްކަތުގައި ދެމިހުންނަތާ އެތައް އަހަރެއްވެފައިވާ އަދި މިހާރުވެސް މިދަތުރުކުރާ، ނެއްލައިދޫ 50 އަށްވުރެ ދޮށީ އަންހެނަކު ކިޔައިދިނެވެ. އެއްވެސް ފިރިހެނަކާ ނުލައި ހަމައެކަނި ހަތަރުފަސް އަންހެނުން ދަރުކޮށުމާއި ފަންކެނޑުމާއި މަދުހޮވުމާއި، މިހުރިހާ ކަމެއް ނިމުމުން އެތަކެތި ޑިންގީއަށް އެރުވުމުގެ މަސައްކަތްވެސް ކުރަނީ ހަމައަމިއްލައަށެވެ.
"ފަންގިވިނުމަށް ފަން ކަނޑަންޖެހޭ. ވެއްޓިފަ ހުންނަ ފަންތައް ނަގައިގެން އައިސް މޫދުލައިގެން ބޭނުންކުރެވޭ ގޮތް ހަދަނީ. ބައެއްފަހަރު ވެއްޓިފަ ރޯފަންތައް އެނޫނީ އަތުޖެހޭ ހިސާބުގަ ކިރިޔާ އޮތިއްޔާވެސް ހިފާ ދަމަނީ، ދަމާ ވައްޓައިގެން އިލޮށިމަށަންވެސް ބޭނުންކުރެވޭ. ދަރުކޮށައިގެން ދެން މަދު މޫސުމެއްވިއްޔާ ހަމަ އެންމެން އެއްބަސް ކިޔައިގެން މަދުހޮވަނީ. އެކަކަށްވުރެ އަނަކެކު ގިނައިން މަދު ހޮވިއޭ ކިޔައި އެކަހަލަ ތާކުންތާކު ނުޖެހޭ މައްސަލައެއް ދުވަހަކުވެސް ނުޖެހޭ." މިއީވެސް ނެއްލައިދޫން ވާހަކަދެއްކި، ތިރީހަކަށް އަހަރު މިމަސައްކަތުގައި ހޭދަކޮށްފައިވާ އަދިވެސް މިގޮތަށް ފަޅުރަށްތަކަށް ދަތުރު ކުރުމުގައި ދުވަސް ހޭދަކުރަމުން އަންނަ އަންހެނަކު ދެއްކި ވާހަކައެވެ.
މިދުވަސްވަރަކީ މޫސުން ގޯސް، ވިއްސާރަ ދުވަސްތަކެއްކަމުން ދަތުރު ނުކުރެވޭތީ މިހާރުވެސް ނެއްލައިދޫ އަންހެނުން ތިބީ ފުރުން ލަސްވެ، ދާން މުހިންމުވެ، ބޭނުންވެފައެވެ.
ނެއްލައިދޫ އަންހެނުން ހިތްވަރާއެކު ކައިރިކައިރީގައި އޮންނަ ހަތަރުފަސް ފަޅުރަށަކަށް ދަތުރުކުރާ ގޮތާއި ބައެއް ފަހަރު އެއްރޭ ދެރޭ މަޑުކުރާކަމަށްވެސް އެމީހުން ކިޔައިދިނެވެ.
"އުޅެވޭ ގޮތަށް ހަދާފަ ހުންނަ ގެތައް އެރަށްތަކުގަ ހުންނާނެ. ފެންވަޅުވެސް ހުންނާނެ. ދެން ރޭވީމަ އަހަރެމެން ގެންދާ ބެޓެރި ހޮޅިބުރި ލައިޓްތައް ދިއްލައިގެން ތިބެނީ. ހަދާފަ ހުންނަ އެނދުވެސް ހުންނާނެ، ބާލީސްކަހަލަަ ތަކެތި ހިފައިގެން ދަނީ، ގޮދަޑި، ބާލީސްތަކާ ފޮތިތައް ދަތުރުދާ މީހުންވެސް ބޭނުންކޮށްފަ ދޮވެހިއްކާނެ. ވަރަށް މީހުން ދަތުރުވެސްގޮސް އުޅޭނެ. އެހެންރަށްރަށުން މަސައްކަތަށް ދަރާއި މަދުހޮވައި ފަންކަނޑަން ގޮސް ތިބޭނެ، އެކަމަކު އެހެން ރަށްރަށުން ގިނައިން ދާނީ ފިރިހެންވެރިން."
މިއީ ހިތްވަރުގަދަ ކެރޭ ބަޔަކު އުޅޭ ރަށެއްތާއެވެ. އަންހެންވެރިންނަށް ފިސާރި ސާބަހާއި އައްސަރިބަހެވެ. ފިސާރި ކަނބަލުންނޭ ކިޔަނީ ތިޔަހެން ވީމައެވެ.
"ރަށަށް ތަކެތި ގެންނަން ޑިންގީއަށް އަރުވާނީވެސް އަހަރެމެން. ދަތުރަކު ހަތަރުފަސް މީހުން ދާނެ. އޭރުން ޑިންގީއަށް ތަކެތި އެރުވޭނީ. ޑިންގީގަ އަހަރެމެން ގެންގޮސް ބާލާފަ ޑިންގީސޮރު ދާނެ. އަނެއްކާވެސް އަންނާނީ ބަލައި."
ބޭނުންވާ ސާމާނު ހިފައިގެން ބައެއް ޑިންގީން ފުންމާލައިގެން، ތަކެތި ބޯމައްޗަށް ނަގައިގެން ރަށަށް އެރުމުގެ ތެރޭގައި ދިޔަވަރު ބޮޑުކަމުން ތެމިފޯވަނީ ވެސް މަދު ދުވަހަކު ނޫނެވެ.
"ތިއިވުނީ ހަމަތެދެއް. މިރަށުގަ ތިބޭނީ ހަމަ ފިސާރި ކެރޭ ބައެއް. ޑިންގީން ބާލަދެންހޭ އެހިޔަސް ބުނާނެ. ނޫނެކޭ. ދައްތަމެނަށް ފޭބޭނެއޭ. ކިޔާފަ ފުންމާލާނެ. މިހާރު މިއުޅޭ ޅަޒުވާން އަންހެންކުއްޖަކު ޑިންގީގަ ގޮވައިގެން ތަނަކަށް ދަންޏާ އެތައް އެތައް ކަންބޮޑުވުމެއް ދިމާވާނެ. ރޯންވެސް ރޯނެ. އެކަމަކު ނެއްލައިދޫ އަންހެނުންނަށް ހަމަ އެވޯޑެއް ދޭވަރުވޭ." މިއީ ތަންކޮޅެއް ކުރިން އެރަށުގައި ކުޑަދުވަސްކޮޅަކަށް ގޮސްއުޅުނު، މިހާރު މާލެއާ ކައިރި ރިސޯޓެއްގައި އުޅޭ ޒުވާނަކު އޭނާގެ ތަޖުރިބާއިން ނެއްލައިދޫ އަންހެނުންނާ ބެހޭ ގޮތުން ބުނެލި ދެތިން ޖުމްލައެކެވެ.
ނެއްލައިދޫ އަންހެނުން ދާ ފަޅުރަށްތަކުގެ ތެރޭގައި ފަރިދޫ، ހޮނޑައިދޫ، މުއިރީ، ކޭލަކުނު އަދި މީގެ ކުރިން މީހުން ދިރިއުޅުނު އެހެންނަމަވެސް ދިރިއުޅޭނެ ގެއެއްގެ ތަޅުދަނޑިއާއި ކޮންމެވެސް ވަރެއްގެ ފައިސާއަކާއެކު އެހެންރަށަށް އެމީހުން ބަދަލުވުމަށްފަހު މިހާރު ފަޅުރަށެއްގެ ގޮތުގައި އޮތް ކުނބުރުދޫވެސް ހިމެނެއެވެ. އެންމެ ގިނައިން ދެވޭ ރަށަކީ މުއިރި ކަމަށްވެސް އެއް އަންހެނަކު ބުންޏެވެ.
މިހާރު ރަށުގައި ދަރިންނަށް އެދެވޭ ތައުލީމެއް ލިބެން އޮތުމާއެކު އަމިއްލަ ރަށުން ފައިބައިގެން ދިއުމުގެ އެެއްވެސް ހިޔާލެއް ނެތް ކަމަށާއި ބޭނުންވަނީ އަމިއްލަ ރަށް ތަރައްގީވެ، ޒަމާނުގެ ކުލަވަރާއި އެއްވަރަށް ތަމައްދުންވެ ތަހުޒީބުވުން ކަމަށްވެސް އެމީހުން ބުންޏެވެ.
"މިއުމުރަށް ދިޔައީމަ ދެން މާލެގޮސް ކުޑަ ގޮޅިއެއްގަ ދިރިއުޅޭކަށް ބޭނުމެއް ނުވާނެދޯ." އެއްއަންހެނަކު ހީނގެންފައި ބުންޏެވެ.
"ކުނބުރުދޫ މީހުންނަށް ދިންހެން 50،000 ރުފިޔާ ނަގުދު ފައިސާއާއި ރީއްޗަށް ހަދާފަހުރި ގެއެއްގެ ތަޅުދަނޑި ދީފިއްޔާ އެހެން ރަށަކަށް ބަދަލުވުމާމެދުވިސްނާނަން." ކުނބުރުދޫގައި ރޭގަނޑު މަޑުކުރާކަމަށް ވަންޏާ އެރަށުގައި ހުންނަ ހަމައެކަނި ބޯހިޔާވައްސަކީ އެރަށުގައި ހުންނަ މިސްކިތެއްކަމަށްވެސް އެމީހުން ބުންޏެވެ. މިރަށުން ވާހަކަދެއްކި އެއްވެސް އަންހެނަކުވެސް ފިރިހެނަކުވެސް އެމީހުންގެ ނަމާއި ވަނަވަރު ހާމަކުރަން ބޭނުމެއް ނޫނެވެ. ސަބަބަކީ އެންމެންވެސް އެއްކަމެއް ކުރާ ރަށެއްގައި ލިބޭ ރީތިނަމެއްވިޔަސް އަދި އެހެންކަމެއްވިޔަސް މުޅި ރަށަށް ލިބެން ޖެހޭނެތީއެވެ.
ކޮންމެއަކަސް ނެއްލައިދޫއަކީ ވަރަށް ހިތްވަރުގަދަ، ބުންވަރު ހުރި ގަދަފަދަ އަންހެނުންތަކެއް އުޅޭ ރަށެކެވެ. އެންމެންވެސް މަސައްކަތް ކުރާ ރަށަކަށް ވާތީ، އެރަށުގެ މީހުން ވެފައިވަނީ، މަސައްކަތުގެ ވާދަވެރިކަން ބޮޑުވެފައި، ތަފާތު ގޮތްގޮތަށް ތަކެތި ވިއްކައިގެން އަމިއްލަ ދިރިއުޅުން ނުހަނު ތަނަވަސްކޮށް އުޅޭ ބަޔަކަށެވެ.
ނެއްލައިދޫގެ ރައްޔިތުންނަކީ، ތަރައްގީވުމަކީ، ރައްޔިތުން ޖީބަށް ފައިސާ ވަނުން ކަމުގައި ވަނީނަމަ، ސަރުކާރުން ކަމެއް ކޮށްދޭނެ ދުވަހެއްގެ އިންތިޒާރުގައި ނުވަތަ އެހެންވެސް މީހަކަށް، ފަރާތަކަށް ބަރޯސާވެގެން ކަރުނަގައިގެން ތިބެން ނުޖެހޭކަން ދައްކުވައިދޭ މިސާލެކެވެ. ފަންގިވިނުމާއި މަދުފަޅައިގެން ވިއްކާ ކަނަމަދުކޭކާއި މެޓާ އަޅައި ވިއްކާ، ގުޅަބަޖިޔާފަދަ ކުދިހެދިކާ ހަދާ ރަށްރަށް އަތޮޅުތަކުގައި ހުންނަކަން އެނގެއެވެ. އެހެންނަމަވެސް ފިރިހެނުންނަށް ބަރޯސާ ނުވެ، ފިރިހެނުން އެބައިމީހުންގެ މަސައްކަތަށް ދޫކޮށްލާފައި އަމިއްލަ މަސައްކަތްތައް އަމިއްލައަށް ސާމާނު ހޯދައިގެން ކުރާބަޔަކަށް އަދި އެންމެ ހާއްސަ ކަމަކަށް ކަނޑުހުރަސްކޮށް އެކަނި އަންހެނުންތަކެއް މިފަދަ މަސަައްކަތްތަކެއް ކުރުމަކީ ފާހަގަކޮށްލަން ޖެހޭ ތަފާތު ކަމެކެވެ.