އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ޔާމީންގެ ބައެއް ޓެސްޓްތައް ރާއްޖެއިން ހެދެން ނެތްކަން އާއިލާއަށް ވަނީ އަންގާފައި: އަބްދުއްރަހީމް

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައެއް ޓެސްޓްތައް ރާއްޖެއިން ހެދެން ނެތްކަން ޑޮކްޓަރުން، ޔާމީންގެ އާއިލާއަށް އަންގާފައިވާކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި މެދު ކަންބޮޑުވާ ކަމަށާއި ހައްޔަރުގައި ހުންނަވާއިރު ލިބިދޭންޖެހޭ އަސާސީ ހައްގުތައް ޔާމީނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ.

އެގޮތުން ޔާމީންގެ ބަންދަށް ލުޔެއް ހޯދުމަށް ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމުން، ސިޔާސީ ގޮތުން އެކަމަށް ލުޔެއް ދެވިދާނެ ކަމަށް ރައީސް ވިދާޅުވުމުން ޔާމީން ބަންދުގައި ހުންނަވާ ސަބަބު ވަރަށް ސާފު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ޔާމީންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުންނާއި އެމަނިކުފާނުގެ ސިއްހީ ހާލާ މެދު ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނިކުންނަ ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ބަންދުގައި ބަހައްޓަނީ މަޖިލިސް އިންތިޚާބުގައި އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގަތުމުން ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެކަން ސަރުކާރަށް ޔަގީންވާތީ ކަމަށެވެ.

މީގެއިތުރުން އަބްދުއްރަހީމް ވަނީ އަނިޔާވެރިކަމާ ދެކޮޅު ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރައްޔިތުންނަށް އިންތިހާއަށް އަނިޔާވެރިވަމުންދާ ކަމަށް ވިދާޅުވެފައެވެ.