ރާއްޖޭގެ މަގުބޫލު ޑިޒައިނަރު ރައިދާ ޝަފީގުގެ ޑިޒައިންތައް ދުބާއީ މޮޑެސްޓް ފެޝަން ޝޯގައި ދައްކާލައިފި އެވެ.
ދުބާއީގައި ކޮންމެ އަހަރަކު ބާއްވާ ދުބާއީ މޮޑެސްޓް ފެޝަން ވީކަކީ މޮޑެސްޓްކޮށް ހެދުން އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ބާއްވާ ޝޯއެކެވެ. މި ޝޯތަކަކީ އިސްޓަންބުލް، ލަންޑަން އަދި ދުބާއީގައި ވެސް ބާއްވަމުން އަންނަ ޝޯތަކެކެވެ.
މާޗް ހަތަކުން ނުވައަކަށް މި އަހަރުގެ ޝޯ ބޭއްވިއިރު މި ޝޯގައި 20 ގައުމަކުން 35 ޑިޒައިނަރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަގުބޫލު ބޮޑެތި ބްރޭންޑްތައް ހިމެނޭއިރު ޝޯ ބެލުމަށް ސޯޝަލް މީޑިއާގައި މޮޑެސްޓް ހެދުންތަކަށް މަގުބޫލު މީހުންގެ އިތުރުން އެތައް ވިޔަފާރިވެރިންނެއް ވަނީ ބައިވެރިވެފައެވެ.
މިއީ ދުބާއީގައި ބޭއްވި މި ފެޝަން ޝޯގައި ދިވެެއްސަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.
ރައިދާގެ ޑިޒައިންތަކުގައި މޮޑާން ރެޑީ ޓު ވެއާ ވަނީ ހިމަނައިފައެވެ. "ވަން އޮންލައިން"އާ ވާހަކަދައްކަމުން ރައިދާ މިއަދު ބުނީ އޭނާގެ ކަލެކްޝަން އިންސްޕަޔާވެފައި ވަނީ ތުރުކީގެ ކުރީގެ ކާޕެޓް ވިޔުންތެރިންގެ ފަރާތުން ކަމަށެވެ. ހެދުންތައް ފަހާފައިވަނީ ސިލްކް، ޖޯޖެޓް އަދި ކްރޭޕް ފޮތިންނެވެ. މީގެ އިތުުން ރައިދާގެ ބްރޭންޑް ކަމުގައިވާ ރައިދާސް މޯލްޑިވްސްއިން ހާއްސަކޮށް ޑިޒައިންކުރި ގްރެފިކް ޕްރިންޓްސް އާއި އެމްބްރޮއިޑަރީ މަސައްކަތް ހެދުންތަކުގައި ހިމަނާފައިވެއެވެ.
ރައިދާ ބުނި ގޮތުގައި ދުބާއީގެ މޮޑެސްޓް ފެޝަން ޝޯގައި ދައްކާލާފައިވާ އޭނާގެ މުޅި ކަލެކްޝަން މި ރޯދަމަސް ނިމެންވާއިރަަށް ރާއްޖެ އަދި ލަންކާއިން ލިބެންހުންނާނެއެވެ.
ރައިދާ ވަނީ މިމަހު ލަންކާގައި ބޭއްވި ސާރކް އެވޯޑު ފެޝަން ޝޯގައިވެސް ރައިދާސް މޯލްޑިވްސްގެ ޑިޒައިންތަކެއް ދައްކާލާފައެވެ.
ވިމެން އިން މޭނޭޖްމަންޓުން ދޭ ޔޫތު ޔަންގް ލީޑާޝިޕް އެވޯޑް ގޯލްޑް ކެޓަގަރީން ލިބިފައިވާ ރައިދާގެ "ރައިދާ މޯލްޑިވްސް" ބްރޭންޑަކީ 2015 ވަނަ އަހަރުގެ ޖެނުއަރީގައި އަންހެނުންނަށް ހާއްސަ ހެދުންތައް ޑިޒައިންކޮށް ވިއްކަން އުފެއްދި ބްރޭންޑެކެވެ. ރައިދާ މޯލްޑިވްސްގެ ފިހާރައެއް މާލޭގައި ހުންނަ އިރު ސްރީލަންކާގައި ވެސް ތިން ބްރާންޗެއް ވަނީ ހުޅުވައިފައެވެ.
ރައިދާއަށް ވަނީ މިއަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑުގައި ބިޒްނަސް ވުމަން އޮފްދަ އިޔާ އެވޯޑުވެސް ލިބިފައެވެ.