އަލީ ޔާމިން
އަތްތެރިމަސައްކަތަކީ ދިވެހީންގެ ތެރޭގައި އެންމެ ގަދަޔަށް ކުރި އެއް މަސައްކަތެކެވެ. އެކަން ރާއްޖޭގެ އެކި ރަށްރަށުގައި ހަދާފައިވާ ހިރިގަލުގެ މިސްކިތްތަކުގެ ވަކަރުތަކާއި މިސްކިތުގެ އެތެރޭގެ ވަޑާމަށް ބަލައިލުމުން ސާފުވެއެވެ. އަތްތެރިމަސައްކަތް ކުރާ މީހުން މިހާރު ރާއްޖޭގައި މަދެމެވެ. ހާއްސަކޮށް، ދިވެހީން މި މަސައްކަތުގައި އުޅޭލެއް ވަރަށް މަދެވެ. އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވެފައި ގިނަ ބަޔަކު އަދިވެސް ބޭނުންވަނީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ތަކެތިވެސް އިމްޕޯޓުކުރާށެވެ. މިސާލަކަށް ހުނިގޮނޑިއެއްވިޔަސް، ފޮތް ހަރެއްވިޔަސް ނުވަތަ ތުވާލި އަޅުވާ ހަރެއްވިޔަސް ކުރަނީ އިމްޕޯޓެވެ. ނަމަވެސް ދިވެހިންގެ ތެރޭގައިވެސް، މިތަކެތި ރަނގަޅު ކޮލެޓީގައި ހެދޭ ފެންވަރުގެ މީހުން އެބައުޅެއެވެ. އެފަދަ އެކަކީ، ކޮޅުމަޑުލު ހިރިލަންދުއަށް އުފަން، އުމުރުން 38 އަހަރުގެ އަހުމަދު ހުސައިން މަނިކު (އެންޑޯ) އެވެ.
މާލޭގައި ކުރީގައި ހުރި އީޕީއެސް ސްކޫލުން ގްރޭޑް ދިހައެއް ނިންމުމަށް ފަހު، އެކި ވަޒީފާތަކަށް ލައިގެންވެސް ކުރިއެރުމެއް ނުލިބުމުން އެންޑޯ ބަދަލުވީ އުފަން ރަށް ހިރިލަންދުއަށެވެ. ރަށަށް ބަދަލުވެ އެކި ދާއިރާތަކުގައި މަސައްކަތް ކުރިއެވެ. ރާނާ ސިމެންތި ޖެހުމާއި ބެރު ޖެހުން ފަދަ ކަންކަން ކޮށް އުޅުނެވެ. ކޮންމެވެސް ވަރަކަށް އަތްތެރިމަސައްކަތާއި ވަޑާމުގެ ތެރޭގައިވެސް އުޅުނެވެ. އެންޑޯ ބުނި ގޮތުގައި އަތްތެރި މަސައްކަތަކީ އޭނާ ކުޑައިރުއްސުރެ ކުރާ ހިތްވާ ކަމެކެވެ. އެންޑޯގެ ބޮޑުބޭބެ، ހުސައިން އަރީފް އެކަން ކުރާތަން ފެނި އެކަމަށް އޮތް ޝައުގު ބޮޑުވިއެވެ. އެހެން އުޅެނިކޮށް، 1996 ވަނަ އަހަރު، އެންޑޯގެ އުމުރުން އެންމެ 12 އަހަރުގައި، އޭނާ ވަނީ މުޅި ކޮޅުމަޑުލަށް ހުޅުވާލައިގެން ބޭއްވި އަތްތެރިމަސައްކަތުގެ މައުރަޒަކަށް އޭނާގެ އަމިއްލަ އުފެއްދުމެއް ހުށަހަޅައި އެ މައުރަޒުގެ ތިން ވަނަ ހޯދައިފައެވެ. އެ މައުރަޒަށް އެންޑޯ ހުށަހެޅީ ނާށި ކަފައިގެން ހެދި ޓްރޮފީއެކެވެ. ސްކޫލުގައި އުޅުނުއިރުވެސް ބޮޑު ޗުއްޓީއަށް ރަށަށް ގޮސް އެންޑޯ ގިނައިން އުޅެނީ ބޮޑުބޭބެގެ ވަޑާންގޭ ތެރޭގައެވެ. ނަމަވެސް އެއިރު ކަރަންޓު މެޝިނުތަކަކާ ނުކުޅެއެވެ. ތަކެތި ހަދަމުން ދިޔައީ ފަސޭހައިން ގެންގުޅެވޭ ސާމާނުން ބޭނުންކޮށްގެންނެވެ.
ރަށަށް ބަދަލުވެ، އެކި މަސައްކަތުގައި އުޅެނިކޮށް 2011 ވަނަ އަހަރު، އެންޑޯއަށް ޓީޗިން ކޯހެއް ލިބުނެވެ. ގައުމީ ޔުނިވަސިޓީން އިސްލާމިކް ސްޓަޑީޒް އިން ޑިޕޮލޮމާ ހާސިލްކުރުމަށް ފަހު 2013 ވަނަ އަހަރު ރަސްމީކޮށް ހިރިލަންދޫ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާގައި މަސައްކަތް ކުރަން ފެށިއެވެ. މިހާރު އޭނާއަކީ މާސްޓާސްވެސް ހާސިލުކޮށްފައިވާ ޓީޗަރެކެވެ. އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް، އަތްތެރިމަސައްކަތާއި ކްރާފްޓިންއަށް އެންޑޯގެ ހިތުގައި އޮތް ލޯބި ބޮޑެވެ. އެހެންވެ، ކޮންމެ އަހަރަކު ހިރިލަންދޫގައި ބާއްވާ، ޒުވާނުންގެ ހަފުތާއަށްވެސް އޭނާ އައީ ތަކެތި ތައްޔާރުކުރަމުންނެވެ. އެގޮތުން 2018 ވަނަ އަހަރުގެ ޒުވާނުންގެ ހަފުތާގެ އަތްތެރިމަސައްކަތުގެ މައުރަޒުން އޭނާ ވަނީ އެއްވަނަ ހޯދައިފައެވެ. ސްކޫލުގައި އުޅޭއިރުވެސް، ބައެއް ހަރަކާތްތަކާ ގުޅިގެން އެންޑޯ ވަނީ ބައެއް ކަހަލަގެ ތަކެތި ތައްޔާރުކޮށްފައެވެ.
އެންޑޯ މީގެ ކުރިން އަތްތެރި މަސައްކަތްކޮށް އުޅުނީ އޭނާގެ ބޮޑުބޭބެގެ ވޯކްޝޮޕްގައެވެ. ނަމަވެސް އެ މަސައްކަތް ފުޅާކުރުމަށް 2019 ވަނަ އަހަރުގެ ތެރޭގައި އެންޑޯ ވަނީ އަމިއްލަ ގޭގައި ވޯކްޝޮޕެއް ހުޅުވައިފައެވެ. އެ ވޯކްޝޮޕަށް 80،000 ވުރެ ގިނަ ރުފިޔާ ހަރަދުވިއެވެ. އޭގެ ކުރިން 2016 ވަނަ އަހަރުން ފެށިގެން އޭނާ ދިޔައީ އަގަށް ތަކެތި ހަދައިދެމުންނެވެ. އަދި 2017 ވަނަ އަހަރު އެންޑޯސް ކްރާފްޓް (Ando’s Craft) ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައި، ފަސޭހައިން ތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖެއްސިއެވެ.
އަމިއްލަ ވޯކްޝޮޕެއް ހުރުމާއެކު އެންޑޯއަށް މަސައްކަތުގައި އުޅޭން ފަސޭހައެވެ. ނަމަވެސް އަމިއްލައަށް އުޅެން ޖެހުމުން ކުޑަ ތަކުލީފެއް އުފުލަންޖެހެއެވެ. އޯޑަރަށް އެއްޗެހި ހަދައިދީ، މާލެއަށް ޑެލިވަރކޮށްދެއެވެ. ގޭތެރޭގައި އާއްމުކޮށް ބޭނުންވާ ހުރިހާ އެއްޗެއް އެންޑޯ ތައްޔާރުކުރެއެވެ. ކުޑަކުދީން ކުޅޭ ސާމާނު ލަކުޑިން ހަދައިދެއެވެ. އޭގެ ތެރޭގައި ހުނިގޮނޑިއާއި ފޮތް ހަރާއި ފައިވާން ހަރާއި ބަޑިއާއި އުނދޯއްޔާއި، ގޮނޑިއާއި ކުދި މޭޒާއި މިހެންގޮސް ނަން ހުސްކޮށް އެހުރީ އެންޑޯ ތައްޔާރުކުރާ ސާމާނު އޭނާގެ ޕޭޖުން ފެންނާށެވެ.
"ހުރިހާ އެއްޗެއްވެސް މިހާރު ތައްޔާރުކޮށްލެވޭނެ. ހަމަ އޯޑަރު ދޭތާ ގިނަވަގެން ދިހަ ދުވަހުގެ ތެރޭގައި ޑެލިވަރކޮށްލަދޭނެ. އަތޮޅުތެރެޔަށް ނަމަ ދެތިން ދުވަހުގެ ތެރޭގައި ޑެލިވަރ ކޮށްދެވޭނެ" އެންޑޯ ބުުންޏެވެ.
އެންޑޯ ބުނި ގޮތުގައި އަތްތެރިމަސައްކަތަކީ ކަވި އަދި އެކަމަށް ވަގުތު ބޭނުންވާ މަސައްކަތެކެވެ. އަގު ބޮޑު މެޝިނަރީޒް އެކަމަށް ބޭނުންވެއެވެ. ތަކެތީގެ ކޮލެޓީއަށް އިސްކަންދޭންޖެހޭއިރު، ބައެއް ކަހަލަގެ ތަކެތި ލިބުންވެސް ދައްޗެވެ. އާއްމުކޮށް މަސައްކަތަށް ބޭނުންވާ ތަކެތި މާލެއިން ލިބުނު ނަމަވެސް މޫސުން ގޯސް ދުވަސްވަރެއް ނަމަ އަދި ދަތުރުފަތުރު ހުންނަ ގޮތުން މަސައްކަތަށް އަސަރު ކުރެއެވެ.
"މާލެ ދަތުރުކުރާ އުޅަނދުތައް މިއަތޮޅުގަ މަދު. އެހެންވެ ޑިލޭއެއް އެބަ އާދޭ. އަތޮޅުތެރެޔަށް ޑެލިވަރ ކުރަންވެސް ދަތިތަކެއް އެބަހުރި. މިކަމުގެ ސަބަބުން ބައެއް ފަހަރު އޯޑަރު ނުނަގާވެސް ހުންނާނެ" އެންޑޯ ބުންޏެވެ.
އެންޑޯ ބުނި ގޮތުގައި އޭނާގެ މަންމައާއި ބައްޕައާއި އަންހެނުންނާއި އާއިލާއާއި ރަށުގެ ބައެއް ރައްޔިތުންގެ ފަރާތުންވެސް އޭނާގެ މަސައްކަތުގައި އެއްބާރުލުން ލިބެއެވެ. ތ. ހިރިލަންދޫ ދޭލިޔާގެ އާދަމްފުޅުގެ ފަރާތުން ޓެކްނިކަލް އެހީ ލިބޭއިރު، މާކެޓިންގައި ތ. ހިރިލަންދޫ ސަންލައިޓް މުސްތޮފާ އިސްމާއިލް އާއި ދަ ގިފްޓް ބާސްކެޓް މޯލްޑިވްސްގެ ބާނީ ޔުމްނާ ރަޝީދުގެ އެހީ ވަރަށް ބޮޑަށް ލިބެއެވެ. އެންޑޯ ތައްޔާރުކުރާ ތަކެއްޗަށް ކަސްޓަމަރުންގެ ފީޑްބެކް ރަނގަޅުކަން އޭނާ ފާހަގަކުރިއެވެ.
އެންޑޯއަކީ މުދައްރިސެކެވެ. އޭނާ ބޭނުންވަނީ އޭނާގެ ހުނަރު އެހެން ކުދިންވެސް ދަސްކުރުމެވެ. އެއީ މިހާރު އޭނާގެ އެންމެ ބޮޑު ހުވަފެންވެސް މެއެވެ. އެންޑޯ ބުނި ގޮތުގައި އަމިއްލަ އާޓް އެންޑް ކްރާފްޓް ސެންޓަރެއް (ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރެއް) ހުޅުވުމަކީ އޭނާ މިހާރު އެންމެ ބޭނުންވާ ކަމެކެވެ. އާޓް އެންޑް ކްރާފްޓިން ރާއްޖޭގައި ދިރުވައި އާލާ ކުރުމަކީ ބޭނުންތެރިކަމެއް ކަމުގައި އޭނާ ގަބޫލު ކުރެއެވެ.
"މިހާރު ބޭނުންވަނީ މި ހިދުމަތް އެހެން މީހުންނަށް ދަސްކޮށްދޭން. މިހާރުވެސް ކަމެއް ދަސްކުރަން ބޭނުންނަމަ ހަމަ އެއްވެސް އަގަކާ ނުލައި އެކަމެއް ދަސްކޮށްދެމުން މިދަނީ." އެންޑޯ ބުންޏެވެ.
އާޓް އެންޑް ކްރާފްޓިންއަކީ އެންޑޯގެ ހޮބީއެވެ. ފުލްޓައިމްކޮށް ރަނގަޅު އާމްދަނީއެއްވެސް އެކަމުން ހޯދޭނެ މަސައްކަތެކެވެ. މިއަދު އެންޑޯ އެހުރީ އެ ދާއިރާއިން އުހުގައެވެ. އެންޑޯ މިއަދު އެ ހުރީ އޭނާއަށް ލިބިފައިވާ ހުނަރާއި ތަޖުރިބާ އެހެން މީހުންނަށް ދަސްކޮށްދިނުމަށް ވެސް ކެތްމަދުވެފައެވެ.