އަބްދުﷲ ފާރޫގް ހަސަން
(3 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
ޙަޤީޤަތުގައި މިނިވަންކަމާއި ހަމަހަމަކަމުގެ ނިޢުމަތް ލިބޭނީ ޙަޤީޤީ ޖުމްހޫރިއްޔަތުގެ ތެރެއިންނެވެ. ކުރީއްސުރެ ދަންނަވަމުން އަންނަފަދައިން އިސްލާމީ ސިޔާސީ ނިޒާމާ އެންމެ ކައިރި ވެރިކަމުގެ ނިޒާމަކީ ޖުމްހޫރީ ނިޒާމެވެ. މުސްލިމުންގެ ބައެއް ޢިލްމުވެރީން މުސްލިމުންގެ ސިޔާސީ ނިޒާމަށް ޖުމްހޫރިއްޔަތުގެ ނަން ދެއްވަނީ އެހެންވެގެންނެވެ. އެކަމަކު މިހާރަކަށްއައިސް އިސްލާމީ އެއްވެސް ޤައުމަކުން އެ ނިޒާމު ފެނުމަކީ ކާޅަކުން ހުދުފަތެއް ފެނުންކަހަލަ ކަމެކެވެ. އިސްލާމީ ގިނަ ޤައުމުތަކުގައި ޙަޤީޤީ މާނައިގައި ސިޔާސީ ޢިލްމު ކިޔަވައެއްވެސް ނުދެއެވެ. ޖުމްހޫރީ އަސާސުތައް ރައްޔިތުންނަށް ދަސްވިޔަ ނުދިނުމަށްޓަކައެވެ. ޖުމްހޫރީ ޙައްޤުތައް ހޯދަންއުޅޭން އެނގުނަ ނުދިނުމަށްޓަކައެވެ. (ސަޢޫދީ ނޫސްވެރިޔާ ޚަޝޯޤީ މަރައިލުމަށްފަހު އަނގުންތައް ބުރިކޮށް ގޭސް ޗޭމްބަރަށް އަޅައިލީ ކީއްވެގެންތޯއެވެ؟) ރައްޔިތަކު ކިރިޔާ ކޫސްކިޔައިލިކަމުގައިވިޔަސް ގެންގޮސް ވައްދަނީ ޖަލަށެވެ. ފިރުޢައުނާއި ހާމާނުވެސް މީހުންނަށްދޭން ނުދަންނަ އަދަބުތައް މިހާރުވަނީ سـيسـى އާއި بـشّـــار ގެ ޖަލުބަނޑޭރީން ދަސްކޮށްފައެވެ. މުސްލިމުންގެ ތެރެޔަކު މިހާރަކު أحمــد بــن حـنـبـــل رحــمـــه اللّــه އެއް ނުއުޅުއްވައެވެ. ބުރަކަށިފުޅުގައި ހަންމުށީން ތަޅަމުން ގެންދާއިރުވެސް ޙައްޤު ބަސްފުޅުގެ އަޑުހަރުކުރައްވަމުން ގެންދަވާނީ އެހެންނަމައެވެ.
އިސްލާމްދީން އެކުލެވިފައިވަނީ ދެބާވަތެއްގެ މުޢާމަލާތަކުގެ މައްޗަށެވެ. އިންފިރާދީ މުޢާމަލާތާއި އިޖްތިމާޢީ މުޢާމަލާތުގެ މައްޗަށެވެ. އިންސާނާގެ ޒާތީ ދިރިއުޅުން ވޭތުކުރާންވީގޮތުގެ ޙުކުމްތަކާ ގުޅިފައިވަނީ އިންފިރާދީ މުޢާމަލާތެވެ. ސިޔާސީ ނިޒާމާއި އިޤްތިޞާދީ ނިޒާމާއި ބައިނަލްއަޤްވާމީ ގުޅުންތަކާއި ކުށްކުށުގެ އަދަބު ކަނޑައެޅުމާއި ޖިހާދުކުރުމާ މިފަދަ އެންމެހައި ކަންކަމުގެ ޙުކުމްތަކަކީ އިޖްތިމާޢީ މުޢާމަލާތަކުގެ ޙުކުމްތަކެވެ. އިންސާނާގެ ޒާތީ ދިރިއުޅުން ސީދާމަގުން އެއްކިބާވެ ފާސިދުވެއްޖެކަމުގައިވާނަމަ އޭނާގެ އަޚްލާޤު ނުބައިވެއެވެ. ސުލޫކު ވިޔާނުދާވެއެވެ. އޭގެސަބަބުންވެސް އިސްލާމީ ތަސްވީރު ހުތުރުވެއެވެ. އިޖްތިމާޢީ މުޢާމަލާތު މަގުން ކަސިޔާރުވުމުން ލަގަނެއްނެތް ރަސްކަމުގެ ބިންގާ އެޅެއެވެ. ގޮށްމުށުބާރުގެ ވެރިކަން އުފެދޭގޮތްވެއެވެ. އިންސާނީ އަސާސީ މިނިވަންކަމުން މީހުން މަޙްރޫމުވެއެވެ. އަނިޔާވެރިކަން ޢާންމުވެއެވެ. މީހުން އިންސާފަށްއެދި ފެންބޮވައިގަނެއެވެ. ސަލާންޖަހާން މަޖްބޫރުވެއެވެ. ސަރުކާރުގެ ޚަޒާނާއަކީ އަމީރުގެ އަމިއްލަ މިލްކިއްޔަތަކަށް ބަދަލުވެއެވެ. އިޤްތިޞާދީ ހަމަހަމަކަމާއި ހަމަޖެހުން ނެތިގެންގޮސް މީހުންގެ ދިރިއުޅުމުގެ ޚަރަދުބަރަދު ލިބުން ދަތިވެއެވެ. ދުވަހުގެ ފުރާގު ހޯދަން އުނދަގޫވެއެވެ. މިކަންކަމުގެ ނަތީޖާއަކަށްވެސްވަނީ ދީނީ ތަސްވީރު ހުތުރުވުމެވެ. އިސްލާމީ މުޖްތަމަޢާމެދު މީހުންގެ ހިތުގައި ޝައުޤުވެރިކަން ކުޑަވުމެވެ. ފޫހިކަން އުފެދުމެވެ. އިސްލާމްދީން ޤަބޫލުކުރާ މީހުންގެ ޢަދަދު މަދުވުމެވެ. މިއަދުގެ ދުނިޔޭގެ އިސްލާމީ ދައުލަތްތަކުން ދުނިޔޭގެ ކުރިމައްޗަށް ހުށަހަޅަނީ މިދެންނެވި ބާވަތުގެ ސިފަގެއްލިފައިވާ ހުތުރު ތަސްވީރެވެ. މުސްލިމުންގެ އަމީރުން ގެންދަވަނީ އެބޭފުޅުންގެ ރަވައްޔާއިން އިސްލާމްދީން ބަދުނާމު ކުރައްވަމުންނެވެ.
މީހުން އަބަދުވެސް އޮޅުންފިލުވާން ބޭނުންވެއެވެ. މުސްލިމު ޤައުމުތަކުގައި މިހައި ނޭއްގާނިކަންބޮޑީ ކީއްވެގެންބާވައެވެ؟ ޚާއްޞަކޮށް ޢަރަބި ޤައުމުތައް އަބަދުވެސް ކޯޅިކޯޅި ތިބެނީ ކީއްވެގެންބާވައެވެ؟ މުސްލިމުންގެ ތެރޭގައި އަބަދުވެސް ބަޣާވަތްތައް އުފެދެމުންދަނީ ކީއްވެގެންބާވައެވެ؟ ލޭއޮހޮރުވުންތައް ދުވަހަކުވެސް ނުހުއްޓިގެންއުޅެނީ ކީއްވެގެންބާވައެވެ؟ އަބަދުވެސް ޖަލުތައް ފުރިފައި ހުންނަނީ ކީއްވެގެންބާވައެވެ؟ ކޮންމެ ދުވަހަކުމެ އިޙްތިޖާޖުތައް ކުރެވެމުންދަކީ ކީއްވެގެންބާވައެވެ؟ އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ އަލިފާނާއި ދަގަނޑުގެ ކުޅިސަމާގެ ދުވަހަކަށްވަނީ ކީއްވެގެންބާވައެވެ؟ ދުނިޔޭގެ ހުރިހައި ކަންކޮޅުތަކެއްގައި ޖުމްހޫރީ ނިޒާމު ޤާއިމުވެފައިވާއިރު ޢަރަބި ޤައުމުތަކުގައި ޝާހީ ވެރިކަން އޮންނަނީ ކީއްވެގެންބާވައެވެ؟ ގޮށްމުށުބާރާއި ލާޤާނޫނިއްޔަތަށް ނިމުމެއް ނާންނަނީ ކީއްވެގެންބާވައެވެ؟
ދުނިޔޭގެ ޢާންމުންގެ އަޣުލަބިއްޔަތަކަށް އެކަމުގެ ސަބަބުތަކެއް ރަނގަޅަކަށް މޭރުމެއް ނުކުރެވެއެވެ. ޚާއްޞުންނަކަށްވެސް ރަނގަޅު ނަތީޖާއަކާ ހަމަޔަކަށެއް ނުދެވެއެވެ. ބޮޑެތިބޮޑެތި ސިޔާސީ މުބައްޞިރުންނާއި ޢާލަމީ ނޫސްވެރިކަމުގެ މުޙައްލިލުންވެސް ތިއްބަވަނީ ރަނގަޅު ނަތީޖާއެއް ހޯއްދަވާން ނުކުޅެދިވަޑައިގެންފައެވެ. ސަބަބަކީތޯއެވެ؟ ދުނިޔޭގެ މިދެންނެވި މުފައްކިރުން އިސްލާމްދީނާއި އެހެނިހެން ދީންތަކުގެ މެދުގައިހުންނަ ފަރަގާމެދަކު ވިސްނުންފުޅެއް ނުހިންގަވައެވެ. ދުނިޔޭގެ އެހެނިހެން ދީންތަކުގައި ދީނަކީ ހާލަކުންފަހަރަކު އަޅުކަމެއް ކޮށްލުމެވެ. ދީނަށް ޢަމަލުކުރުމަކީ އާދީއްތަ ދުވަސްދުވަހު ފައްޅިޔަށް ޖައްސައިލުމުން ފުދޭކަމެކެވެ. އިސްލާމްދީން ފިޔަވައި އެހެނިހެން ދީންތަކަކުން ޙަޔާތުގެ ފުރިހަމަ ނިޒާމެއްގެ ތަޞައްވުރެއް ނުފެނެއެވެ. އެދީންތައް ޤަބޫލުކުރާ މީހުން އެކަމަކަށް ދަޢުވާއެއްވެސް ނުކުރެއެވެ. އެހެންކަމުން އެދީންތައް ޤަބޫލުކުރާ މީހުން އިސްލާމްދީނާމެދުވެސް ޤިޔާސުކުރަނީ ތިމައުރެންގެ ދީނާ އެއްގޮތަށެވެ. ނަމަވެސް އިސްލާމްދީނަކީ އިންސާނީ ޙަޔާތުގެ ފުރިހަމަ ނިޒާމެކެވެ. އިސްލާމްދީނަކީ ހުސްއެކަނި ޢިބާދާތުގެ މަޖްމޫޢާއެއް ނޫނެވެ. އެދީނުގެ އަމިއްލަ ސިޔާސީ ނިޒާމެއް އެބައޮތެވެ. އިޤްތިޞާދީ ނިޒާމެއް އެބައޮތެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކެއްވެސް ހުރެއެވެ. އެހެންކަމުން އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކުން އިސްލާމްދީނުގެ ޖާމިޢު ނިޒާމަށް ޢަމަލުކުރަމުން ނުގެންދާކަމުގައިވާނަމަ މުސްލިމުންގެ ތަންދޮރުދަންނަ މީހުންގެ ޖަމާޢަތްތަކާއި ޢިލްމުވެރީން އެކަމާ ހިތްހަމަނުޖެހުމަކީ ޠަބީޢީކަމެކެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރާން ގޮވައިލުމަކީ ނުވެނުދާނެކަމެކެވެ.
އިސްލާމީ ތާރީޚުގެ ގަނޑުތައް އުކައިލާއިރު ފެންނަނީ الخــلافـــة الـــرّاشــــدة އަށްފަހު އިސްލާމީ ވެރިކަމުގެ ނިޒާމާއި ސިޔާސަތުގެ ނިޒާމުގެ ރޭލު ރަނގަޅު ދަގަނޑުން ކައްސައިލައިފައި ވަނިކޮށެވެ. އިސްލާމީ ޖުމްހޫރިއްޔަތުގެ ޢުންސުރުތައް ޣާއިބުވެފައިވާ ތަނެވެ. ޞަޙާބީންގެ ކުރިޔަށް ހުންނެވި ބޭކަލެއް أمـيـــــرمـعــــاويــــة رضــى اللّــه عــنـــــه ގެ ދަރުބާރަށް ވަޑައިގެންނެވިއެވެ. އެބޭކަލަކު أمـيـــــرمـعــــاويــــة އަށް ސަލާމްކުރައްވާން ބޭނުންކުރެއްވީ السّـلام عَــلَــيْــكَ اَيُّـــهَـــا المَـلـِكُ މި ޢިބާރަތެވެ. أمـيـــــرمـعــــاويــــة ވިދާޅުވިއެވެ. "ކަލޭގެފާނު އަޅުގަނޑަށް أمـيــــرالمــؤمـنـــيـــن އޭ ވިދާޅުވުމުގައިއޮތީ ކޮންގެއްލުމެއްތޯއެވެ؟" އެބޭކަލަކު މިނިވަންކަމާއެކު ޖަވާބު ދެއްވިއެވެ. "މާތް اللّــه ގަންދެއްވަމެވެ. ކަލޭގެފާނަށް މިވެރިކަން ލިބިވަޑައިގެންނެވިގޮތަށް އަޅުގަނޑަށް ވެރިކަންލިބޭން އުޅުނުނަމަކަ އަޅުގަނޑު ފަހަރެއްގައިވެސް ވެރިކަން ޤަބޫލެއް ނުކުރީމުހެވެ." (ޚިލާފަތު ވަ މުލޫކިއްޔަތު سيّــد أبــوالأعـلــى مـــودودى، ޞަފުޙާ: 147)
އިސްލާމީ ޚިލާފަތު ދީނުގެ ސިޔާސީ އުޞޫލާ ޚިލާފުވި ޚިލާފުވުން އެންމެންނަށްވެސް އިޙްސާސުކުރެވެއެވެ. އެކަމަކު އޭގެފަހުންވެސް އިސްލާމީ އުންމަތުގައި ޝަރީޢަތް ތަންފީޒުކުރެވެމުން ދިޔައެވެ. އިސްލާމީ ޤާނޫނަށް ޢަމަލުކުރެވެމުން ދިޔައެވެ. އިސްލާމީ ޤާނޫނުތައް ލިޔެއެކަށައެޅުމުގެ މަސައްކަތް ނުހަނު ފުޅާދާއިރާއެއްގައި ހިނގަމުންދިޔައެވެ. މުސްލިމުންގެ ބޮޑެތިބޮޑެތި ފަޤީހުން މަޝްޣޫލުވެވަޑައިގެން ތިއްބެވީ އެމަސައްކަތްޕުޅުގައެވެ. ޢިލްމާއި ފަންނާއި ސައިންސުގެ މައިދާނުގައި މުސްލިމުންގެ ތަރައްޤީ ދިޔައީ ހުއްޓުމެއްނެތި ކުރިޔަށެވެ. ނުހަނު ހަލުވިކަމާއެކުގައެވެ. ފުތޫޙާތުގެ ދާއިރާއަށްއައި ފުޅާކަމުގެ ސަބަބުން ދުނިޔޭގެ ބޮޑެތިބޮޑެތި އެތަކެއް ބައްރުތަކެއްވަނީ އިސްލާމީ އަޤްލީމުގައި ހިމަނައިލެވިފައެވެ. ޝައްކެއްނެތެވެ. މުސްލިމުންކުރެ ޢިލްމުގެ އަހްލުވެރީންނާއި ދީންވެރިން ތިއްބެވީ ސަރުކާރާ ނުޤަބޫލުފުޅުވެފައެވެ. ރުހިވަޑައިނުގެންފައެވެ. ސިޔާސަތު ކަނޑައެޅުމާއި ވެރިކަން ހިންގުމުގެ އިސްލާމީ ނިޒާމަށް ނުރަނގަޅު ބަދަލެއް އައިސްފައިވާތީއެވެ. އެނިޒާމުގައި ވިދުއެޅިފައިވާތީއެވެ. އެހެންކަމާއެކުވެސް މުޖްތަމަޢުގައި ބާރުވެރިކަންއޮތީ ހެޔޮކަމަށެވެ. އަނެއްކޮޅުން ސިޔާސަތުގެ ރޭލު އަލުން ރަނގަޅު ދަގަނޑަށް އަރުވަންކުރެވުނު މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. ބިންވަނީ މުސްލިމުންގެ ލެއިން ތަތްތެޅި ރަތްވެފައެވެ. އެހެންކަމުން ވަރަށްގިނަ ޢިލްމުވެރީން ސިޔާސަތާ ދުރުހެލިވެވަޑައިގެން މަޝްޣޫލުވެވަޑައިގެންނެވީ މުސްލިމުންނަށް ތަރުބިޔަތު ދެއްވުމުގެ މަސައްކަތްޕުޅުގައެވެ.
މާޒީއާ ޚިލާފަށް މިހާރު ކަންހުރީ ކޮންގޮތަކަށްތޯއެވެ؟ އިސްލާމީ ޖުމްހޫރިއްޔަތެއްވެސް ނެތެވެ. އިސްލާމީ ޤާނޫނުތައްވެސްވަނީ ޤައުމުން ބޭރަށް އަރުވައިލެވިފައެވެ. އިސްލާމީ ޝަރީޢަތްވަނީ މަންސޫޚު ކުރެވިފައެވެ. އިސްލާމީ ޤައުމުތަކާއި މުސްލިމުންނަކީ ހުޅަނގުގެ ފެމުސްވެރީންކަމުގައިވެ ނިމިއްޖެއެވެ. ތަޢުލީމީ އިދާރާތަކުންވަނީ މުސްލިމު ޒުވާނުންގެ ސިކުނޑިތައް ހުޅަނގަށް އަޅުވެތިކުރުވައިފައެވެ. މިސުރާއި ޝާމާއި ޢިރާޤުގެ ހުރިހައި ކަމުވޮށީންނަކީ ހުޅަނގުގެ "ތަހްޒީބުގެ ފެކްޓަރީން އުފެއްދި މުދަލެވެ." ހުޅަނގު ތަހްޒީބުގެ ޠޫފާންވަނީ މުސްލިމުން މިސްކިތްތަކުގައި ޙިޞާރުކޮށްފައެވެ.
އެހެންކަމުން މިޙާލަތުގައި ދީނާއި ޝަރީޢަތުގެ މާހިރުންނާއި ޢިލްމުވެރީންގެ ޒިންމާއަކީ ސަރުކާރުތައް ރަނގަޅުމަގަށް އެޅުއްވުމެވެ. ދީނުގައިވާގޮތާއި ދީން އެދޭގޮތް ސަރުކާރަށް ހުށަހަޅުއްވަމުން ގެންދެވުމެވެ. ޢާންމު ރައުޔު ހެޔޮބަދަލަކަށް ތައްޔާރުކުރެއްވުމެވެ. ހޭލުންތެރިކަން އުފެއްދެވުމެވެ. ސަރުކާރަށް ފާޑުވިދާޅުވެ ތަންޤީދުކުރެއްވުމެވެ. އެބޭކަލުންގެ ގަލަންކޮޅުތަކުގެ އަދަބީ ބާރު އިޙްތިޖާޖީ މަސައްކަތްޕުޅަށް ވަޤުފުކުރެއްވުމެވެ. އެކަމަކު އެކަމެއް ނުހިނގައެވެ. އިސްލާމީ ޤައުމުތަކުގެ ވެރީންކުރެ ގިނަބޭފުޅުންގެ އަރިހުގައި ވެރިކަމުގެ ނިޒާމުގެ އައިޑިޔަލް ނަމޫނާތަކަކީ ހުޅަނގުގެ ސަރުކާރުތަކެވެ. އިސްލާމީ ޤައުމުތަކުގެ ވެރީންކުރެ ގިނަބޭފުޅުންނަކީ ހުޅަނގުން ތަޢުލީމު ހޯއްދަވައިގެން ތިއްބަވާ ބޭފުޅުންނެވެ. ހުޅަނގުގެ ވެށީގައި ބޮޑުފުޅުވެ ޒުވާންވެވަޑައިގަންނަވާ ބޭފުޅުންނެވެ. އޭގެތެރެއިން މަދުބޭފުޅަކަށް މެނުވީ އިސްލާމްދީނާ ބެހޭގޮތުން އެންމެ އަސާސީ މަޢުލޫމާތުތައްވެސް އެނގިވަޑައެއް ނުގަންނަވައެވެ. އެންމެ ރަނގަޅު ބުނުމަކަށްވާނީ އިސްލާމްދީނުގެ އަލިފުވެސް އެނގިވަޑައެއް ނުގަންނަވައޭ ދެންނެވުމެވެ. އެހެންކަމުން އެބޭފުޅުން އިސްލާމީ ޝަރީޢަތް ތަންފީޒުކުރުވަންއެދޭ ދީނީ ޖަމާޢަތްތައްދެކެ ފޫހިފުޅުވެއެވެ. އިންތިހާޔަށް ހަރުކަށިވެވަޑައިގަންނަވައެވެ. އަތްއިސްކުރުމާއި ކޯޅުން ފެށެނީ މިހައިތަނުންނެވެ. އެފަށައިގަތުމުގެ ނަތީޖާއަކަށްވަނީ ޤައުމުތަކުގެ ވެރީން ދީނީ ފިކުރުގެ ތަޙްރީކުތަކުގެ އިސްވާރުންނަކީ ވިސްނުންފުޅުގެ ދާއިރާ ހަނި ކަޓުމުއްލާއިން ކަމުގައި ނިންމެވުމެވެ. އެއަށްފަހު ނިރުބަވެރިކަމުގެ ލޭބަލް ޖެއްސެވުމެވެ. ދެން އޮންނަ މަރްޙަލާއަކީ އިސްލާމީ ޚިޔާލުގެ މީހުން ހިލިހިލާ ޖައްސަވައި ޖަލަށްލެއްވުމެވެ. ދީނީ ތަޙްރީކުތަކަކުން އެހައިތަނަކުންވެސް ހަތިޔާރެއް ނުބަހައްޓައެވެ. އެންމެފަހު މަރްޙަލާއަކީ ދީނީ ތަޙްރީކުތަކުގެ ޤާއިދުން ދަންޖައްސާ ފިލާގަނޑަށް އެރުވުމެވެ. އިސްލާމީ ކޮންމެ ޤައުމެއްގައިވެސް ކަންހިނގަނީ މިގޮތަށެވެ. މިއީ ހުރިހައި ޒަމާންތަކެއްގެވެސް ތާރީޚެވެ. ދަންނަބޭކަލުންކުރެ ބައެއް ބޭކަލުން ހިތްވަރު ކުރައްވައިފައި ކުރިޔަށް ނުކުމެވަޑައިގަންނަވައެވެ. ބަދަލެއް ގެނެވުމުގެ އެކަށޭނަކަން ފެނިވަޑައިނުގެންނެވުމުން ބައެއް ބޭކަލުން ދާއިރާ ބަދަލުކޮށްލައްވައެވެ. އެބޭކަލުން މަޝްޣޫލުވެވަޑައިގަންނަވަނީ ޢިލްމުތައް ތަދުވީން ކުރެއްވުމުގައެވެ. ފޮތްތައް ލިޔުއްވުމާއި ކިޔަވައިދެއްވުމުގައެވެ. އަމިއްލަފުޅު ނަފުސު ތަޒްކިޔާ ކުރެއްވުމުގައެވެ. އެކަމަކު ކޮންމެ ދައުރެއްގައިވެސް ޢިލްމުވެރީންކުރެ ބައެއް ބޭކަލުންނާއި ޣީރަތްތެރި ބައެއް މުސްލިމުން ޤުރުބާންވެވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވައެވެ. ޢަރަބި ޤައުމުތަކުގައި ދިގުލަމުން އެދަނީ މިސިލްސިލާއެވެ.
ޢާންމު މުސްލިމުންގެ އާރެއްބާރެއް ނެތުމާއި ނިކަމެތިކަމުގެ ޒަމާން ހައްތާވެސްއައީ ދިގުވަމުންނެވެ. ޖުމްހޫރިއްޔަތުގެ ތޯތާތައް ޢަރަބި ޤައުމުތަކުގެ ޢަސްކަރީންގެ ކޮށިތަކުގައި ފިޔަތަޅަމުން ގެންދެއެވެ. ދީނީ ޚިދުމަތުގައި އުޅޭ ޖަމާޢަތްތަކުގެ އަތްދަނޑިތަކާއި މުލައްދަނޑިތައްވަނީ ފާރުވެފައެވެ. ޒަޚަމުވެފައެވެ. ޢަރަބި ޤައުމުތައް ތުރުކިޔޭގެ ދަށުން ނެއްޓިގަތީ އެއްވަނަ ބޮޑުހަނގުރާމަޔަށް ފަހުގައެވެ. ޢަރަބީން އިސްލާމީ ތުރުކިޔޭއިންނާ ވަކިވެގަތުމުގެ ޙަރަކާތް ހިންގައިލީ ހުޅަނގުގެ އިޝާރަތަށެވެ. ތުރުކިޔޭއިންނާ ވަކިވެގެން ޢަރަބީން އުފެއްދި ސަރުކާރުތަކަކީ ގޮށްމުށުބާރުގެ ސަރުކާރުތަކެކެވެ. ނުވަތަ ވިރާސީ ރަސްކަމެވެ. ޖުމްހޫރިއްޔަތުގެ ދައުރުގައި ޖުމްހޫރިއްޔަތު ޗިސްކުރުމުގައި ޤަރުނުތަކެއް ހޭދަކުރެވުމަކީ އެކަށީގެންވާކަމެއް ނޫނެވެ. ތޫނިސާއި މިސުރާއި ލީބިޔާއާއި ސޫރިޔާއާއި ޢިރާޤާއި ޔަމަނުގެ ޑިކްޓޭޓަރ ސަރުކާރުތަކަކީ އިސްލާމީ މިޒާޖާ މުޅީން ޚިލާފު ސަރުކާރުތަކެކެވެ. ޝައްކެއްނެތެވެ. ރަސްކަމަކީވެސް އިސްލާމީ ސިޔާސީ ނިޒާމާ ހަމައެޅޭ ކަމެއްނޫނެވެ. ނަމަވެސް ޢަރަބީންގެ ތެރެއިން ރަސްކަން ޤާއިމުވެފައިވާ ތަންތާނގައި ޢާންމުންތިބީ ފުދުންތެރިކަމުގައެވެ. ދިރިއުޅެމުން ގެންދަނީ ހިތްހަމަޖެހިލައިގެންނެވެ. ގޭގައި މުދަލާއި ފައިސާގެ ތިޔާގިކަން އެބައޮތެވެ. އެހެންކަމުން ބަހުގައި ބުނެވޭގޮތުގައި ރައްޔިތުން ތިބެނީ ހަމަޖެހިލައިގެންނެވެ. ޢިލްމުވެރީންވެސް ތިއްބަވަނީ ހިތްޕުޅު ހަމަޖެހިވަޑައިގެންނެވެ. ސިޔާސަތާއި ޙުކޫމަތުގެ ފެންވަރުގައި ނޫންކަމުގައިވިޔަސް އެހެންކަންކަމުގައި އިސްލާމީ ޤާނޫނުވެސް ތަންފީޒުކުރެވެއެވެ.
(ނުނިމޭ)