އެފްރިކާގެ އެންމެ ޒުވާން ބިލިއަނަރު ރަހީނުކޮށްފިއެވެ.
މުހައްމަދު އެންޓަޕްރައިސަސް ޓެންޒޭނިއާ ލިމިޓެޑް (އެމްއީޓީއެލް)ގެ ރައީސް އަދި ޓެންޒޭނިއާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ޑޫޖީ ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.
އުމުރުން 43 އަހަރުގެ ޑޫޖީ ރަހީނުކޮށްފައިވަނީ ހޮޓަލެއްގައި ހުންނަ ޖިމްއަކަށް ދިޔަ މަގުމަތީގައި ހަތިޔާރު އަޅައިގެން ތިބި ދެ ފިރިހެނުން ކަމަށް ޕޮލިސް ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ސަރަހައްދުގެ ރީޖަނަލް ޕޮލިސް ކޮމާންޑަރު ޕައުލް މަކޮންޑާއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެފައިވާ ގޮތުގައި ޑޫޖީ ރަހީނުކޮށްގެން ގެންދިޔައީ މޫނު ނިވާކޮށްގެން ތިބި ދެ މީހުންނެވެ. އަދި އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހޮޓަލްގެ މެނޭޖަރު ހިމެނޭ ކަމަށް ޕޮލިސް ކޮމާންޑަރު ވިދާޅުވެފައިވެއެވެ.
ޓެންޒޭނިއާގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި 2005 އިން 2015އަށް މަސައްކަތްކުރި ޑޫޖީއަކީ އެ ގައުމުގެ ހަމައެކަނި ބިލިއަނަރެވެ. ޑޫޖީ ހިންގާ އެމްއީއެލްޓީ ކުންފުންޏަކީ 1970ގެ އަހަރުތަކުގައި އޭނާގެ ބައްޕަ ފެށި ކުންފުންޏެވެ. ގިނަ ވިޔަފާރިތަކެއް ކުރާ އެ ކުންފުންޏަކީ ޓެންޒޭނިއާގެ އެންމެ ބޮޑު ކުންފުނި ކަމަށް އެ ގައުމުގެ ހަބަރުތަކުން ބުނެއެވެ.