މޭރީ ޓެރެސާ ބޮޖަކްސިއު، ވަނީ މަދާ ޓެރެސާގެ ނަމުން ދުނިޔޭގެ މަގުބޫލުކަން ހޯދައިފައެވެ. ގިނަ ފިލްމުތަކާ ޑޮކިއުމެންޓަރީސް މަދާ ޓެރެސާގެ ދިރިއުޅުމުގެ މައްޗަށް ވަނީ ހަދައިފައެވެ.
ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ސީމާ އުޕަދްޔޭ އަންނަނީ މަދާ ޓެރެސާއަށް ހިންދީ ބަހުން ބައޯޕިކްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ފިލްމު ހެދުމަށް ބޭނުންވާ ހުއްދަވެސް ސީމާ މިހާރުވަނީ މިޝަނަރީސް އޮފް ޗެރިޓީ އިން ކޮލްކަޓާ (މަދާ ޓެރެސާ އުފައްދާފައިވާ ޗެރިޓީ އޯގަނައިޒޭޝަނެއް)އިން ހޯދައިފައެވެ.
ސީމާ ބުނީ މަދާ ޓެރެސާއާ ބެހޭ ރިސާޗްގައި ތިން އަހަރު ހޭދަ ކޮށްފައިވާކަމަށެވެ. ފިލްމުގައި މަދާ ޓެރެސާގެ މުޅި ދިރިއުޅުން ފެނިގެންދާނެ ކަމަށްވެސް ސީމާ ބުންޏެވެ، ސީމާ އިތުރަށް ބުނީ މަދާ ޓެރެސާ އަކީވެސް އާދައިގެ އިންސާނެއް ކަމަށާއި، ކުރިން އަމިއްލަ ނަފްސަށް އިތުބާރު ނުކުރި ނަމަވެސް ފަހުން ވަނީ ހިލޭ ސާބަހަށް މަސައްކަތް ކޮށްދީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީވެގެން ދިރިއުޅުމުގެ މަންޒިލް ހޯދައިފައި ކަމަށެވެ.
ފިލްމުގެ ޝޫޓިން ގިނަ ތަންތާގައި ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭފައި މަދާ ޓެރެސާގެ އުފަން ސިޓީ އާއި ޕެރިސް އަދި އަޔަލޭންޑްގެ އިތުރުން ކޮލްކަތާ ހިމެނެއެވެ. ކޮލްކަތާ އަކީ މަދާ ޓެރެސާ ހިލޭސާބަހަށް މަސައްކަތް ކުރުމަށް ޗެރިޓީ އޯގަނައިޒޭޝަން ހުޅުވި ތަނެވެ. ފިލްމުގެ ޝޫޓިން މިއަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ފަށާނެ ކަމަށްވެސް ވެއެވެ.
ފިލްމުގެ ޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މަދާ ޓެރެސާގެ ރޯލު ކުޅޭނެ ބަތަލާއެއް ހޯދުމުގެ މަސައްކަތެވެ. ސީމާ ބުނި ގޮތުގައި ފިލްމުގައި އިންޑިއާ އާއި އިންޑިއާއިން ބޭރުގެ ތަރިން ފެނިގެންދާނެއެވެ.