ޝަހީދާ އަބްދުﷲ ސައީދު
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް، މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާ ދެކޮޅަށް ވާހަކަ ދެއްކެވީ، ގައުމަށް ވުރެ ވަޒީފާ ބޭނުންވާ މީހުން ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާކަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ހާމަކުރެއްވުމުން، އެކަމަށް ދެކޮޅު ހައްދަވަނީ މަގާމުގެ ދަހިވެތި ކަމުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ގާސިމް އިބްރާހީމާ ވާހަކަދެއްކެވީ މަޖިލީހުގެ ގިނަ ގޮނޑިތައް ލިބޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށާއި އެކަމުގައި ލިޔެކިއުމަކުން އެއްބަސްވުންތަކެއް ހެދިފައި ނުވި ނަމަވެސް ދެފަރާތުގެ ވާހަކަތަކަށް ގާސިމް އިހުތިރާމް ކުރައްވާނެ ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީން 32 ދާއިރާއަކަށް ވާދަކުރާއިރު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ވެސް 32 ދާއިރާއަށް ވާދަކުރައްވާ ކަމަށާއި އަދި ދެފަރާތުން 14 ދާއިރާއަކަށް ވާދަކުރާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާސިމްގެ ފަހުގެ ނިންމެވުން އެމަނިކުފާނުގެ އެންމެ އަރިހުގައި ތިއްބެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހާމަކުރައްވާފައިވާ ކަމަށާއި އެނިންމެވުމާ ދެކޮޅަށް ވާހަކަދައްކަވަނީ އެމްޑީޕީގެ ފިކުރުގައި ތިއްބެވި ޖޭޕީގެ މެންބަރުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ލިޔެކިއުމުން އެއްބަސްވި ނަމަވެސް އަދި އަނގަބަހުން އެއްބަސްވި ނަމަވެސް އެއްބަސްވުން ދެމިގެންދާނީ އެބައެއްގެ ހިތުގައި އިޚުލާސްތެރިކަން އޮތުމުން ކަމަށާއި އިޚުލާސްތެރިކަންް ނެތް ބަޔާއެކު ހަދާ އެއްބަސްވުމަކީ ދިގު ދެމިގެންދާނެ އެއްޗެއް ނޫންކަން މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ގޮނޑިތައް ބެހި ގޮތުން މިހާރު އެނގިގެން ހިނގައްޖެ ކަމަށެވެ.
ޕީޕީއެމްއާއި ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރާ 32 ކެންޑިޑޭޓުންނަށް ޖޭޕީން ތާއީދުކުރާކަން ގާސިމް ވަނީ ރޭގެ ބައްދަލުވުމުގައި ހާމަކުރައްވައިފައެވެ.
ނަމަވެސް ޖޭޕީގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ފިޝަރީޒު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވަނީ ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.