މުހައްމަދު އައުޒަމް
މަންތާ އެއާއިން ފަސް ޕައިލެޓުންނަށް އޭޓީއާރް ތަމްރީން ސްޕޮންސަރ ކޮށްފިއެވެ.
މަންތާ އެއާއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ބޭއްވި ރަސްމިއްޔާތުގައި އޭޓީއާރް ތަމްރީނަށް ހޮވުނު ފަސް ޕައިލެޓުންނަށް ހަނދާނީ ލިޔުން ދެއްވީ މަންތާ އެއާގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އެޑްވަރޑް އަލްސްފޯރޑްއެވެ.
މަންތާ އެއާގެ ސީޕްލޭން ޕައިލެޓުންގެ ތެރެއިން ފަސް ޕައިލެޓުން އޭޓީއާރް ޕައިލެޓުންގެ ފެންވަރަށް ތަމްރީން ހޯދުމަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.
45 ދުވަހުގެ މުއްދަތަށް ތައިލެންޑުގައި ކުރިޔަށްދާ މިޓްރެއިނިންގގެ ހުރިހާ ހަރަދެއް ކުރާނީ މަންތާ އެއާއިން ކަމަށް އެއެއާލައިނުން މައުލޫމަތު ދެއެވެ.
ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަންތާ އެއާގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އެޑްވަރޑް އަލްސްފޯރޑް ވިދާޅުވީ މިއީ ދިވެހިންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ފުރުސަތެއް ކަމަށާއި ދިވެހިންގެ ތެރޭގައި އޭވިއޭޝަން ދާއިރާއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިދާއިރާއިން ލިބިގެންދާނެ ހިތްވަރަކަށް ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަންތާ އެއާގެ ޗީފް މާކެޓިންގ އޮފިސަރު އަހުމަދު މައުމޫން ވިދާޅުވީ މަންތާގެ ފަސް ޕައިލެޓުންނަށް ލިބިގެން މިދިޔަ ފުރުސަތުގެ ސަބަބުން މަންތާގެ އޮޕަރޭޝަނަށް ކުރިއެރުން ލިބިގެން ދާނެކަމަށެވެ.
މައުމޫން ވިދާޅުވީ މަންތާގެ އޮޕަރޭޝަނަށް ތިން ހަފުތާވެފައިވާއިރު ލިބެމުން އަންނަ ތަރުހީބު ބޮޑުކަމަށެވެ. އަދި ކެޕޭސިޓީ އިތުރުކުރުމަށް މިއަދު ގެނެވުނު އެއާކްރާފްޓާއެކު އޮޕަރޭޝަން އިތުރަށް ފުޅާވެގެން ދާނެކަމަށެވެ. އެގޮތުން މިހާރު ކުޑަހުވަދޫއަށް އެކަނި ފްލައިޓު ދަތުރުކުރިކަމުގައިވީ ނަމަވެސް މުސްތަގުބަލުގައި ދަރަވަންދުއަށް އޮޕަރޭޓްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިޔަށް އޮތް ތާގައި އައްޑޫ އަދި ކޫއްޑޫގެ އިތުރުން ހުވަދުއަތޮޅަށް ދަތުރުކުރަން ފަަށާނެ ކަމަށެވެ.
މައުމޫން އިތުރަށް ވިދާޅުވީ މަންތާ އެއާއިން ސީޕްލޭން ދަތުރުތައް ފެށުމުގެ ތައްޔާރީތައްވެސް ކުރިޔަށް ދާކަމަށެވެ.
މަންތާ އެއާއިން މިއަދުވަނީ އެ އެއާލައިންގެ ތިންވަނަ މަތިންދާބޯޓު ރާއްޖެ ގެނެސްފައެވެ.