އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އަބްދުއްރަހީމް، އިސްލާމިކް މިނިސްޓަރަށް: ޝަހިންދާ، މިނިސްޓްރީއަށް ހާޒިރުކުރާކަށް ނުވޭތޯ؟

ޝަހީދާ އަބްދުﷲ ސައީދު

އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގަށް ގޮވައިލައި މީހުން އެއް މޭޒު ދޮށަށް އައުމަށް ޖަލުތަކުގެ ހާލަތު ބަލާ ކޮމިޝަންގެ މެންބަރު ޝަހިންދާ އިސްމާއީލު ގޮވާލެއްވުމާ ގުޅިގެން އޭނާ އިސްލާމިކް މިނިސްޓްރީއަށް ހާޒިރުކުރަން ނުވަނީތޯ ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވާލު އުފައްދަވައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގަށް ގޮވައިލާ މީހުން އެއްމޭޒަށް އައުމަށް ގޮވާލެއްވި މައްސަލައިގައި އިސްލާމިކް މިނިސްޓްރީއަށް ޝަހިންދާ ހާޒިރު ކުރެއްވުމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ގޮވައިލައްވައިފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހިންނަކީ ވަކި ދީނެއްގެ މަތީގައި ދެމި ތިބޭ ބައެއް ކަމަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

''އަޅުގަނޑު ހަމަ އިސްލާމިކް މިނިސްޓަރަށް ދަންނަވާލަން ޝަހިންދާ މިނިސްޓްރީއަށް ހާޒިރުކުރާކަށް ނުވޭތޯއޭ. ޝަހިންދާ އެބަޖެހޭ އިސްލާމިކް މިނިސްޓްރީއަށް ހާޒިރުކުރަން. ކަނޑައެޅިގެން ފާޅުގައި ވާހަކަ ދެއްކީމަ ދެން އެއީ އެއްވެސް ކަމަކަށް ނަހަދާ ދޫކޮށްލާކަށް ނުވާނެ. އަޅުގަނޑަކަށް ނޭނގޭ އެމަނިކުފާނަށް އޮތީ މިނިސްޓްރީ ހިންގެވުމަށް ކިހާ ބާރެއްކަމެއް އަދި އެމަނިކުފާނު މަސައްކަތް ކުރައްވަންޖެހެނީ ކޮން އުސޫލަކުން ކަމެއް،'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިސްލާމް ދީނަށް ހިތުހުރި ގޮތަކަށް ފުރައްސާރަކުރާއިރު ސަރުކާރުން އެކަމާ އަޅައިނުލުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމަށް ގޮވާލާ މީހުންނާ ގުޅޭގޮތުން ދޭން ބޭނުންވާ މެސެޖަކީ ކޮބާތޯ ''ފޯރަމް އޭޝިއާ''އިން ޝަހިންދާއާ ސުވާލުކުރުމުން، އޭނާ ބުނެފައިވަނީ ދޭން ބޭނުންވާ ބޭސިކް މެސެޖަކީ ހުރިހާ އިންސާނުންނަކީވެސް ހަމަހަމަ ބައެއްކަން އަނެކާއަށްވެސް އެނގެންޖެހޭނެ ކަމަށެވެ.

''އަހަންނަށް އެނގެންވާނެ އަނެކާއަށްވެސް އެ ހަމަހަމަކަން ލިބެން ޖެހޭނެކަން. އަހަރެން ބާރު އަޅަން، ޒުވާން އަންހެނުންނަށް އަދި އެލްޖީބީޓީއައިކިއު އަދި ހައްގުތަކަށް މަސައްކަތް ކުރާ ހުރިހާ އެންމެން އެއް މޭޒެއްގެ ދޮށަށް ގެންނަން. އެއްވެސް ކަމަކަށް ޖެހިލުން ނުވެ، ހުރިހާ ފުރުސަތެއްގައިވެސް ބޭނުން ހިފަންވީ.'' ޝަހިންދާ ބުނެފައިވެއެވެ.