އަބްދުﷲ ފާރޫގް ހަސަން
(26 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
އިސްލާމީ އުންމަތާމެދު ހެޔޮކަމެއްގެ އުންމީދުކުރެވޭނީ ޢިލްމުވެރީން ޙައްޤުގޮތުގައި ސާބިތުވެވަޑައިގެން ތިއްބަވާހައި ހިނދަކުއެވެ. ފަސްޖެހިވަޑައިގެންނެވުމެއްނެތި ޙައްޤު ބަސްފުޅު ވިދާޅުވަމުން ގެންދެވުމުންނެވެ. އުންމަތަށް ހެޔޮއެދިވަޑައިގަންނަވާ ފިސާރި ކެރިވަޑައިގަންނަވާ ބޭކަލުންކަމުގައި ވެވަޑައިގެންނެވުމުންނެވެ. އެބޭކަލުން ބާޠިލާމެދު ހަނުތިއްބެވުމުން ދުރުވެވަޑައިގެންނެވުމުންނެވެ. އެބޭކަލުންނަކީ ޙައްޤުބަސް ވިދާޅުވުމުގައި އެކެއްގެވެސް މަލާމާތަކަށް ބިރުފުޅުނުގަންނަ އެކަކުދީފާނެ އަދަބަކަށްވެސް ޑަރުހީފުޅުނުވާ ބޭކަލުންކަމުގައި ވެވަޑައިގެންނެވުމުންނެވެ. މިދެންނެވިފަދަ ބިރުފުޅެއް ސިހުމެއްނެތް ޢިލްމުވެރީންގެ ޙައްޤުބަސް ވިދާޅުވުމަކީ އެބޭކަލުންނަށް މާތް اللّــه ދެއްވައިފައިވާ މަތިވެރި މަޤާމާއި ދަރުމައިގެ ޙައްޤު އަދާކުރެއްވުމެވެ. ދީނުގެ ޝާން ޝައުކަތު ދެމިހުންނާނީ އެފަދަ ކެރިވަޑައިގަންނަވާ ޢާލިމުންގެ ވާސިޠާއިންނެވެ. އިންސާނިއްޔަތުގެ އަބުރު ދެމެހެއްޓޭނީ އެފަދަ ބޭކަލުންގެ ފަރާތްޕުޅުންނެވެ. އިސްލާމީ ޢާލަމުގެ ނިތްކުރީގެ ގަހަނާއަކީ އެފަދަ ބޭކަލުންނެވެ. އެފަދަ ބޭކަލުންގެ ޢަދަދު ކިތަންމެ މަދުވިކަމުގައި ވިޔަސްވެހެވެ. އުންމަތުގެ ފަސްގަނޑުގެ ދިރުމަކީ އެބޭކަލުންނެވެ.
އިސްލާމީ ޚިލާފަތު ދެމިއޮތްއިރު އުންމަތުގެ އެއްވެސް ކަންކޮޅެއްގައި ކަންކަން ބޮއްސުންލައި ނުބައިން ނުބަޔަށް ދާކަމުގައިވާނަމަ އުންމަތުގެ މަރުކަޒީ ބާރުކަމުގައިވާ އިސްލާމީ ޚިލާފަތުން އެކަމަކަށް ފަރުވާކުރައްވައެވެ. ބޭރުގެ ބާރަކުން އުންމަތުގެ އެއްވެސް ސަރަޙައްދަކަށް ޢުދުވާނީ ޙަމަލައެއް ދީފިކަމުގައިވާނަމަ މުސްލިމުންގެ މަރުކަޒީ ބާރު ޙަރަކާތަށް އާދެއެވެ. ނަމަވެސް ހިތާމަޔަކީ މިހާރު އެ މަރުކަޒީ ބާރު ކަނޑުވައިލެވިފައިވާކަމެވެ. މިހާރަކު އުންމަތުގައި އެއްވެސް ބެލެހެއްޓުންތެރިޔެއްނެތެވެ. ދޮރުވާނެއްނެތެވެ. މުސްލިމުންގެ އެންމެފުރަތަމަ ޤިބްލަކަމުގައިވާ مسجــد الأقــصــــى އަތުން ބީވެއްޖެއެވެ. ދެކެވެމުންދަނީ إخـــوان المسلـميــن އާއި حـمــــاس ގެ މޫތައް ކޮށައި ބަލިކަށިކުރާ ވާހަކައެވެ. ޢަރަބި ރަސްރަސްކަލުންގެ ދޯދިޔާ ސިޔާބަތުތަކަކަށް އިސްލާމީ ޢިލްމުވެރީންނާއި މުފައްކިރުން ފާޑުވިދާޅުވަމުންނެއް ނުގެންދަވައެވެ. އާދެ، ޢަރަބި ޤައުމުތަކުގެ ތެރެއިން ގިނަ ޤައުމުތަކުގައި އޮންނަނީ ޚުދުމުޚުތާރު ރަސްކަމެވެ. ތަކުރާރުކޮށް ދަންނަވަމުން އަންނަފަދައިން އެފަދަ ރަސްރަސްކަމަކަށް އިސްލާމީ ނިޒާމަކު ޖާގައެއްނެތެވެ. އިސްލާމީ ޖުމްހޫރިއްޔަތާއި އިސްލާމީ ޝޫރާއީ ނިޒާމު ނޯންނަ ދައުލަތްތަކަށް ފާޑުކިޔާންޖެހެއެވެ. ތަންޤީދުކުރާންޖެހެއެވެ. އެޤައުމުތަކުގައި ޢާންމުންގެ ޙައިސިއްޔަތަކީ ގެރިބަކަރީގެ ޙައިސިއްޔަތެވެ. ބައެއްގޮތްގޮތުން އެއަށްވުރެވެސް މާނުބައެވެ. ރައްޔިތުންނަށްވަނީ މަޖާކުރާނެ ކުޅޭއެއްޗެހިދީގެން ކުސްތެޅުން ހުއްޓުވައިފައެވެ. ފަލަސްތީނުވަނީ ދުޝްމިނުންގެ ބާރުގެ ދަށުގައެވެ. ސޫރިޔާގައި އަނިޔާވެރި ޤާތިލަކު ގެންދަނީ މުސްލިމުންގެ ޤަތުލުޢާންމެއް ހިންގަމުންނެވެ. އިސްލާމީ ޤައުމެއްކަމުގައިވާ އީރާނުގެ އެހީގައެވެ. ޢިރާޤުގައި ދިޖުލާކޯރާއި ފުރާތުކޯރުގެ ފެނަށްވުރެ އަގުހެވީ މުސްލިމުންގެ ލޭގެއެވެ. މިސުރުގައި عــبـــدالــفـتّــاح السّـيـــســى ގެ ސަބަބުން ނީލަކޯރުގެ ފެން ގަނޑުވެފައިވަނީ އިސްލާމްދީނުގެ ދުޝްމިނުންގެ ރޭސްކޯހަކަށެވެ. عــبـــدالــفـتّــاح السّـيـــســى އަކީ ޑިކްޓޭޓަރެކެވެ. އިސްލާމީ ނިޒާމާ ޑިކްޓޭޓަރޝިޕާ ދެމެދު ކުޑަވެސް ތިމާގެކަމެއްނެތެވެ. ސޫރިޔާގައިވެސްއޮތީ ހަމައެގޮށްމުށުބާރެވެ. ލީބިޔާއާއި ޢިރާޤުންވެސް ފެނިގެންދިޔައީ ހަމަ އެ ތަޖްރިބާއެވެ. އިސްލާމީ އުންމަތުގައި އިސްލާމީ ސިޔާސީ ނިޒާމުގެ އަޖުމަބަލާ ޤައުމެއް ނެތެވެ. އެހެންކަމުން އިސްލާމީ އިޖްތިމާޢީ ނިޒާމުގެ ކަދުރު ރުކުގައި ގަންނަނީ ހޮއިކަދުރެވެ. ވައިވަނި ކަދުރެވެ. ޑިކްޓޭޓަރޝިޕްގައިވެސް ރަސްކަމުގެ ނިޒާމުގައިވެސް ރައްޔިތުންނަކަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނުދެއެވެ. މިނިވަންކަން ނެތުމަކީ އަޅުވެތިކަމެވެ. އާދޭހެވެ. ޑިކްޓޭޓަރޝިޕް ނުވަތަ ރަސްކަން އޮންނަ ޤައުމުތަކުގައި ޢާންމުންވެސް ތިބެނީ އަޅުވެތިކަމުގެ ކަސްތޮޅު އަޅުވައިފައެވެ. އެފަދަ ޤައުމުތަކުގެ ދަންނަބޭކަލުންވެސް ތިއްބަވަނީ ވެރީންގެ ދަށުގައި ފިތިވަޑައިގެންފައެވެ. އަޅުވެތިކަމުގައި ބަނދެވި ހަފުސްކުރެވިފައެވެ. ތުންމަޅި އެޅުވިފައެވެ. އެބޭކަލުންނަކަށް ޙައްޤުބަސްފުޅު ވިދާޅުވާކަށެއް ކެރިވަޑައެއް ނުގަންނަވައެވެ.
މިނިވަންކަމަކީ އެތަކެއް ދާއިރާތަކެއް އެކުލެވިފައިވާ އަފޫރުއްބަ ނިޢުމަތެކެވެ. އޭގެތެރެއިން އެންމެ މުހިންމު ދާއިރާއަކީ ސިޔާސީ މިނިވަންކަމެވެ. ސިޔާސީ މިނިވަންކަމުގެ މާނަޔަކީ ދައުލަތުގެ ކަންކަމުގައި ބައިވެރިވުމުގެ ޙައްޤު، ރައްޔިތުންނަށް ލިބިފައިވުމެވެ. ކޮންމެ ރައްޔިތަކަށްވެސް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފަދައިން، ސަރުކާރުގެ މަޤާމުތަކާއި ވަޒީފާތައް ލިބުމުގެ ޙައްޤު ލިބިފައިވުމެވެ. ދުލާއި ގަލަމުން ތިމާގެ ޒަމީރުގެ އަޑު އިއްވުމުގެ ޙައްޤު ލިބިފައި އޮތުމެވެ. ސަރުކާރަށް ފާޑުކިޔުމުގެ ޙައްޤު އޮތުމެވެ. މިދެންނެވި ކަންކަމުގެ މިނިވަންކަން ލިބިފައި ނުވާކަމުގައިވާނަމަ ރައްޔިތުން ދިރިއުޅެމުން އެގެންދަނީ އަޅުވެތިކަމުގައެވެ. ދިރުހަމާއި ދީނާރާއި ރިޔާލައިން ޖީބުތައް ފުރިފައިވިޔަސްވެހެވެ.
އިސްލާމީ ޤައުމުތައްވަނީ މުސްލިމުންނަށް އެހީވާން ނުކުޅެދިފައެވެ. އަފުޣާނިސްތާނު މިހައިތަނަށްއޮތީ ދުޝްމިނުންގެ ބާރުގެ ދަށުގައެވެ. އިސްލާމީ ފިކުރުގެ ބަޔަކު އެތާނގެ ބާރު އަތުލުމާއެކު އެމީހުންވަނީ ވަށައިގެން ބައްދައިލައިފައެވެ. އެބައިމީހުންނަކަށް އަތްފައި ހަލުވައިލެވޭކަށެއްނެތެވެ. ކޮޅަށްތެދުވެ ހިންދެމިލެވޭކަށެއްނެތެވެ. ބަޣުދާދުގައި ބާރުއޮތީ ދީނުގެ ޢަދުއްވުންގެ އަތުގައެވެ. ޢަރަބި އެއްވެސް ޤައުމެއްގައި އަމިއްލަ ޒިންމާގައި ސިޔާސަތު ބައްޓަންކުރެވޭފަދަ ބާރެއްނެތެވެ. ރޫސީވިލާތްފަދަ ޤައުމުތަކަށް ޢަރަބި ޤައުމުތަކުގެ މައްޗަށް ބާރު ނުފޯރުވޭވަރުގެ އުރައްޕެއް އުފައްދާނެ ހިތްވަރެއްނެތެވެ. ކެރުންތެރިކަމެއްނެތެވެ. އިސްލާމްދީނުގެ ޢަދުއްވުން އެތިބީ ޖަޒީރަތުލްޢަރަބުގެ އެކިކަންކޮޅުތަކުގައި ހަތިޔާރާއެކު ޖަގަހަޖަހައިގެންނެވެ. މަންޒިލްކޮށްގެންނެވެ. އެކަމަކު މުސްލިމުންނަށް އަމުރުވެވިގެންވަނީ ޔަހޫދީންނާއި ނަޞާރާއިން ޖަޒީރަތުލްޢަރަބުން ނެރެ ބޭރުކުރުމަށެވެ.
ޚިލާފަތު އުވާލެވުމަށްފަހު މުސްލިމުންގެ މަރުކަޒީ ބާރުވެރިކަންވަނީ ކެނޑިފައެވެ. ނަތީޖާއެއްގެގޮތުން މުސްލިމުންގެ ކުޑަވެސް އުރައްޕެއްނެތެވެ. މުސްލިމުންގެ ޙާލުދެކެލާނެ ފަރާތެއްނެތެވެ. މުސްލިމުންގެ އަތްތައްވަނީ ވާޅުވެފައެވެ. ކަނޑިތަކުގެވަނީ މިޔަވެއްޓިފައެވެ. ތުރުކަސްތައްހުރީ ހުސްވެފައެވެ. ފާރަވެރީން މައިދާން ދޫކޮށްލައިފައި ހިނގައްޖެއެވެ. މުސްލިމުންގެ މަރުކަޒީ ސަރުކާރެއް ނުވަތަ ޚިލާފަތެއް ޤާއިމުކުރުމުގެ މަސައްކަތެއް ނުކުރެވެއެވެ. އެކަމުގެ ވިސްނުން ގެންގުޅޭ ބަޔަކުވެސް ނެތެވެ. ނަމަވެސް މުސްލިމުންގެ މަރްކަޒިއްޔަތެއް އުފެއްދުމަކީ އުންމަތުގެ މައްޗަށް ވާޖިބެކެވެ. މުސްލިމުންގެ މަރުކަޒިއްޔަތެއް ޤާއިމުނުވާހައި ހިނދަކު މުސްލިމުންނާއި އިސްލާމީ ޤައުމުތަކުގެ މިނިވަންކަން ދިފާޢުކުރުމާއި مسجــد الأقــصــــى ޙިމާޔަތްކުރުމަކީ އެންމެހައި މުސްލިމުންގެ މުޤައްދަސް ވާޖިބެކެވެ. އެއީ މުސްލިމުން ޢަމަލުކުރަމުން ގެންދާގޮތުގެ އިމްތިޙާނެކެވެ. އެއީ މިބިންމަތީގައި ކުރެވޭނެ އެންމެބޮޑު ހެޔޮކަމެވެ. އެކަމަށްޓަކައި އޮހޮރައިލެވޭ އެންމެ ލޭތިއްކަކީވެސް ޢަމަލުތައް ކިރުއްވާ ތަރާދުގައި އެހެން ހުރިހައި ހެޔޮކަމަކަށްވުރެ ބަރުވާނެ އެއްޗެކެވެ.
އިސްލާމީ ތާރީޚުގެ އެންމެ ޢާންމު ދަރިވަރުންވެސް ދަންނާނެ ހާދިސާއެކެވެ. ތަބޫކު ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވުމުގައި ޞަޙާބީންގެ ތިންބޭކަލަކު ބުރަހެލިވެވަޑައިގެންނެވިއެވެ. ކޮންފަދަ ތިންބޭކަލުންނެއްތޯއެވެ؟ އެބޭކަލުންގެ އިސްލާމްކަމާމެދު ޝައްކުގެ ކަންފުޅެއްވެސް ނެތް ތިންބޭކަލުންނެވެ. ނުހަނު ތަޤްވާވެރި ތިންބޭކަލުންނެވެ. ހެޔޮ ޢަމަލުފުޅުތަކުން ދާވަނިކޮޅު ފުރައިލައްވައިގެން ތިއްބެވި ތިންބޭކަލުންނެވެ. ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ވެސް އެބޭކަލުންގެ އީމާންކަމާއި އިޚްލާޞްތެރިކަމާމެދު ފުރިހަމަޔަށް އިތުބާރު ކުރައްވައެވެ. އެކަމަކުވެސް ތަބޫކު ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވުމުގައި ކަންފަސޭހަކޮށްލެއްވެވުމުގެ ނަތީޖާއަކީ ކޮބައިތޯއެވެ. އެކަންވީ ވަރަށްބޮޑު ކުށެއްކަމުގައެވެ. އަމުރުފުޅުއައީ އެންމެހައި މުސްލިމުން އެތިންބޭކަލުންނާ ހުރިހައި ގުޅުންތަކެއް ކަނޑައިލުމަށެވެ. އާދެ، ޖިހާދަކީ މިހައިވެސް ބޮޑުކަމެކެވެ.
ފަލަސްޠީނާއި مسجــد الأقــصــــى މިނިވަންކޮށް ޙިމާޔަތްކުރުމަކީ އިސްލާމީ އުންމަތުގެ މުޤައްދަސު ވާޖިބެކެވެ. އުންމަތުގެ ތެރެއިންވެސް حـــــرمــيـــــن شـــــريــفــيــــن ގެ ޚާދިމުންގެ ޒިންމާ ވަކީންބޮޑެވެ. حـــــرمــيـــــن شـــــريــفــيــــن އާ ޙަވާލުވެވަޑައިގެން ތިއްބަވާ ބޭފުޅުން އިސްލާމްދީނާއި މުސްލިމުން ރައްކައުތެރިކުރެއްވުމާއި ފަލަސްޠީނު ދިފާޢުކުރެއްވުމާއި مسجــد الأقــصــــى މިނިވަންކުރެއްވުމުގެ މުހިންމުކަން ވިސްނައިވަޑައިގަންނަވާން ޖެހެއެވެ. އިސްލާމީ ޢިލްމުވެރީން އެބޭފުޅުންނަށް އެ ވާޖިބުގެ މަތީން ހަނދުމަފުޅުކޮށް އަރުވާންޖެހެއެވެ. އެބޭފުޅުންގެ ވާޖިބަކީ ހުސްއެކަނި ޙައްޖާއި ޢުމްރާގެ ކަންތައް އިންތިޒާމު ކޮށްލެއްވުމެއް ނޫނެވެ. ޙައްޖާއި ޢުމްރާއަށް މީހުން ދިޔުމަކީ ސަޢޫދީ ސަރުކާރުގެ އާމްދަނީގެވެސް ވަރަށްބޮޑު ވަސީލަތެކެވެ. ދެ ޙަރަމްފުޅު ބޮޑުކުރެއްވުމާއި ބެލެހެއްޓެވުމަކުންވެސް އެބޭފުޅުންގެ ވާޖިބު އަދައެއް ނުކުރެއްވެއެވެ. އެކަންކަމަކީ މުސްލިމުންނާއި އިސްލާމްދީނަށްޓަކައި އެބޭފުޅުން އަދާކުރައްވާން ޖެހިވަޑައިގަންނަވާ ބޮޑު މަސްއޫލިއްޔަތުގެ ތެރެއިން ވަރަށް ކުޑަކުޑަ ކަންފުޅެކެވެ. އެކަން ކުރެއްވުމަކީ ސަޢޫދީ ސަރުކާރުގެ ޤާބިލިއްޔަތާއި ކަމާއެކަށޭނެކަން ސާބިކުރެއްވޭ ކަމެއްނޫނެވެ.
ޖުމްހޫރިއްޔަތުގެ އެއްތަނބަކީ މިނިވަންކަން ކަމުގައިވާނަމަ، ދެވަނަ ތަނބަކީ ހަމަހަމަކަމެވެ. މުސާވާތެވެ. އިސްލާމީ އުންމަތުގެ ގިނަ ޤައުމުތަކުގައި ޚާއްޞަކޮށް ޢަރަބި ޤައުމުތަކުގައި ހަމަހަމަކަމެއް ނެތެވެ. ޤައުމުގެ މުއްސަނދިކަމަކީ ޝާހީ ޢާއިލާތަކުގެ ވާރުތައެވެ. ޝާހީ ބޭފުޅުންގެ އަމިއްލަފުޅު ތެޔޮވަޅުތަކެވެ. މުސާވާތުގެ މާނައަކީ ޤައުމުގެ މުއްސަނދިކަން ބެހުމާއި ފުރުސަތުތައް ލިބުމުގައި އެންމެން އެއްވަރުވުމެވެ. ވަކި ޚާންދާނެއް ތަފާތުކުރުމެއް ނެތުމެވެ. ސިޔާސީ، އިޖްތިމާޢީ އިޚްތިޔާރުތަކާއި ޙައްޤުތައް އެންމެންނަށް އެއްވަރަކަށް ލިބެމުންދިޔުމެވެ. އެންމެންނަށްވެސް ޤާބިލިއްޔަތުގެ ބިންގަލުގެ މަތީގައި މަގާމުތައް ލިބުމެވެ. (ސިޔާސީ މަޤާމުތަކުގެ ނަމުގައި މަޤާމުތައް އުފައްދައި ކާފަބޭ މަސްބަހާގޮތަށް "ގޭދޮށުކުދީންނަށާއި ތިމާގެމީހުންނަށް" ބަހައިލައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދިނުމަކީ އިސްލާމީ އިންސާނީ މުސާވާތުގެ ކަންފުޅެއްވެސް ނެތުމެވެ.) ޢަރަބި ޤައުމުތަކުގައި އަމުދުންވެސް މިނިވަންކަމެއްނެތެވެ. ދުލާއި ގަލަމުގެ ބޭނުންކުރާ ކަމުގައިވާނަމަ ކުރާންވަނީ، ރަސްރަސްކަލުންނަށާއި މުސްތަބިއްދު އަމީރުންނަށް ސަނާކިޔުމަށެވެ. ވައިއެޅުވުމަށެވެ.
ޙަޤީޤަތުގައި މިނިވަންކަމާއި ހަމަހަމަކަމުގެ ނިޢުމަތް ލިބޭނީ ޙަޤީޤީ ޖުމްހޫރިއްޔަތުގެ ތެރެއިންނެވެ. ކުރީއްސުރެ ދަންނަވަމުން އަންނަފަދައިން އިސްލާމީ ސިޔާސީ ނިޒާމާ އެންމެ ކައިރި ވެރިކަމުގެ ނިޒާމަކީ ޖުމްހޫރީ ނިޒާމެވެ. މުސްލިމުންގެ ބައެއް ޢިލްމުވެރީން މުސްލިމުންގެ ސިޔާސީ ނިޒާމަށް ޖުމްހޫރިއްޔަތުގެ ނަން ދެއްވަނީ އެހެންވެގެންނެވެ. އެކަމަކު މިހާރަކަށްއައިސް އިސްލާމީ އެއްވެސް ޤައުމަކުން އެ ނިޒާމު ފެނުމަކީ ކާޅަކުން ހުދުފަތެއް ފެނުންކަހަލަ ކަމެކެވެ. އިސްލާމީ ގިނަ ޤައުމުތަކުގައި ޙަޤީޤީ މާނައިގައި ސިޔާސީ ޢިލްމު ކިޔަވައެއްވެސް ނުދެއެވެ. ޖުމްހޫރީ އަސާސުތައް ރައްޔިތުންނަށް ދަސްވިޔަ ނުދިނުމަށްޓަކައެވެ. ޖުމްހޫރީ ޙައްޤުތައް ހޯދަންއުޅޭން އެނގުނަ ނުދިނުމަށްޓަކައެވެ. (ސަޢޫދީ ނޫސްވެރިޔާ ޚަޝޯޤީ މަރައިލުމަށްފަހު އަނގުންތައް ބުރިކޮށް ގޭސް ޗޭމްބަރަށް އަޅައިލީ ކީއްވެގެންތޯއެވެ؟) ރައްޔިތަކު ކިރިޔާ ކޫސްކިޔައިލިކަމުގައިވިޔަސް ގެންގޮސް ވައްދަނީ ޖަލަށެވެ. ފިރުޢައުނާއި ހާމާނުވެސް މީހުންނަށްދޭން ނުދަންނަ އަދަބުތައް މިހާރުވަނީ سـيسـى އާއި بـشّـــار ގެ ޖަލުބަނޑޭރީން ދަސްކޮށްފައެވެ. މުސްލިމުންގެ ތެރެޔަކު މިހާރަކު أحمــد بــن حـنـبـــل رحــمـــه اللّــه އެއް ނުއުޅުއްވައެވެ. ބުރަކަށިފުޅުގައި ހަންމުށީން ތަޅަމުން ގެންދާއިރުވެސް ޙައްޤު ބަސްފުޅުގެ އަޑުހަރުކުރައްވަމުން ގެންދަވާނީ އެހެންނަމައެވެ.
(ނުނިމޭ)