ޕޮލިސް

ޝިމާގެ ކޮއްކޮ ޑިންގީއަކަށް ލައިގެން ދިޔަ ބަޔަކު ހައްޔަރުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ޑިންގީއެއް ބަންޑުން ޖަހާލުމުގެ ސަބަބުން ގެއްލިގެން ހޯދަމުންދިޔަ ޝިމާ ނާފިޒުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 4:00 ހާއިރު ލ. މާމެންދޫ 16 އަހަރުގެ އަންހެން ކުއްޖަކު ޑިންގީއަކަށް ލައިގެން ސިކްސް ސެންސް ރިސޯޓު ކައިރިން ދަތުރުކުރަމުންދަނިކޮށް ފުލުހުން ހިފަހައްޓާފައިވާ ކަމަށެވެ.

އަދި އެވަގުތު ޑިންގީގައި ތިބީ އަންހެން ކުއްޖާއާއެކު ދިވެހި ތިން ފިރިހެނުން ކަމަށާއި އެތިން މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މާމެންދޫ މީހަކު ވަން އޮންލައިނަށް މައުލޫމާތުދެމުން ބުނީ ޑިންގީގައި ގެންދިޔަ އަންހެން ކުއްޖަކީ ގެއްލިގެން ހޯދަމުންދާ ޝިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނަށް ރިޕޯޓްކުރީ އަންހެން ކުއްޖާގެ އާއިލާއިންނެވެ. ޝިމާގެ ކޮއްކޮ ގެންދަން އުޅުނީ މާމެންދޫއިން މަތިމަރަދޫއަށެވެ.

ޑިންގީ ބަންޑުން ޖަހާލުމުގެ ސަބަބުން ހޯދަމުންދާ ޝިމާއާއެކު ޑިންގީގައި ދަތުރުކުރި އިބްރާހީމް ފަޒީލަކީ މަތިމަރަދޫ މީހެކެވެ. އޭނާ ވަނީ އެ ހާދިސާއިން ސަލާމަތްވެފައެވެ.