އ.ދގެ ''ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން''ގެ 63 ވަނަ ސެޝަންގައި ބައިވެރިވުމަށް މިނިސްޓަރު އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓަރު ޝިދާތާގެ މި ދަތުރުގައި ''ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން''ގެ 63 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައި މިނިސްޓަރު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
މިމަހުގެ 20ގެ މިޔަލަށް މިނިސްޓަރު ކުރައްވާ މި ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވަނީ ''ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން''ގެ މި ސެޝަންގައި ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރުން އަންހެންކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އެ ކައުންސިލާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ރާއްޖެއިން އަންހެންނާ ގުޅޭ ގޮތުން ސޮއިކޮށްފައިވާ އެކި މުއާހަދާތައް ތަންފީޒުކުރަމުން އަންނަ ގޮތާ ގުޅޭގޮތުން މައުލޫމާތު ދެއްވާނެކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
ޖެންޑާ އިކުއަލިޓީގެ ގާނޫނު އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް ރާއްޖެއިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި، ބޭރުގެ ގައުމުތަކާއެކު ކުރެވެން ހުރި މަސައްކަތްތަކާއި، މިގާނޫނުން ކަނޑައެޅިފައިވާ އެކި ކަންކަން ތަންފީޒުކުރުމަށް ބާރުއެޅުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅެގޮތުންވެސް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.