އިންޓަނޭޝަނަލް ގިމަހަ ކަރާޓީ ޗެމްޕިއަންޝިޕް 2019 އިން ރާއްޖެއަށް 7 ގޯލްޑް މެޑަލް އަދި 1 ރިހި މެޑަލް ކާމިޔާބުކޮށްފިއެވެ.
ސްރީލަންކާގައި އިއްޔެ ކުރިއަށް ދިޔަ މި މުބާރާތުގައި ރާއްޖޭ ކަރާޓީ އެސޯސިއޭޝަނުން ވަނީ 8 ދިވެހިން ވާދަކޮށްފައެވެ. މި ޓީމުގައި ހިމެނެނީ 6 ފިރިހެނުންނާއި ދެ އަންހެނުންނެވެ. އެގޮތުން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދެ އަންހެން ބައިވެރިންވެސް ވަނީ ރަން މެޑަލް ހާސިލް ކޮށްފައެވެ.
ރާއްޖޭ ކަރާޓީ އެސޯސިއޭޝަންގެ ފަރާތުން މުބާރާތުގައި ބައިވެރި ކުރުވި 8 މެންބަރުންގެތެރޭ ދިވެހިން ދެ ފުލުހުންވެސް ހިމެނެއެވެ. އެއީ ޕޮލިސް އިންސްޕެކްޓަރ އިބްރާހީމް ޒުހައިރާއި ޕޮލިސް ސްޓާފް ސާޖަންޓް އަހުމަދު ފަޒީލެވެ. މި ދެ ބައިވެރިންވެސް ވަނީ ބައިވެރިވި ކެޓަގަރީން ރަން މެޑަލް ހާސިލްކޮށްފައެވެ.