ޓެކްނޮލޮޖީ

އައިފޯން 14 އިންޑިޔާގައި އުފައްދަން ފަށަނީ، ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަށް އިންޑިއާގެ މަރުހަބާ!

އާދަމް ނަސީރު

2017 އިން ފެށިގެން އިންޑިޔާގެ ޗެންނާއިގައި ހުންނަ އެޕަލް ފެކްޓަރީގައި އައިފޯން އުފައްދަމުން އައި ނަމަވެސް އިންޑިޔާގައި މުޅިންވެސް އުފައްދަމުން އަންނަނީ ކުރީގެ އަދަދަތަކެވެ. އެންމެ ފަހުގެ އައިފޯންތައް ގިނައިން އުފައްދަނީ ޗައިނާގައެވެ. އެހެން ނަމަވެސް އެމެރިކާ ސަރުކާރުން ޗައިނާ ދެކެ ރުޅި އައިސްފައިވާ މި ދަނޑިވަޅުގައި އެންމެ ފަހުން ނެރުނު އައިފޯން 14 އިންޑިޔާގައި އުފައްދަން މިހާރު ވަނީ ނިންމާފައެވެ.

އިންޑިޔާގައި އައިފޯންގެ އެންމެ ފަހުގެ އަދަދު އުފައްދަން ނިންމުމަކީ އިންޑިޔާ ސަރުކާރުން ވަރަށް ބޮޑަށް އުފާކުރާ ކަމަކެވެ. ސަބަބަކީ އެޕަލް ކުންފުނިން ކުރާނެ ބޮޑު އިންވެސްޓްމަންޓެވެ. އައިފޯން ފެކްޓަރީއެއް އިމާރާތްކުރުމަށް މަދުވެގެން ބިލިއަން ޑޮލަރު ހަރަދު ކުރާނެވެ.

ޗައިނާގައި އަދިވެސް ކޮވިޑްގެ ސިޔާސަތު ހަރުކަށިކަމާއި ދެ ސަރުކާރުގެ ކޯޅުމުގެ ސަބަބުން އެޕަލް އައިފޯން އުފައްދާ ފެކްޓަރީތަކާ މެދު އެޕަލް އިން ދެކެނީ ރިސްކް ބޮޑު ކޮށެވެ.

އެހެންކަމުން އިންޑިޔާގައި އައިފޯން 14 އުފައްދަން ނިންމި ނިންމުމަކީ ޗައިނާއަށް ބަރޯސާވުން ކުޑަ ކުރުމާއި އެކު އެކި ގައުމު ތަކުގައި އެޕަލްގެ ފެކްޓަރީތައް ބެހެއްޓުމުގެ ސިޔާސަތުގެ ދަށުން ގެނައި ބަދަލެކެވެ. މި އަހަރު އައިފޯން 14 ގެ ފަސްޕަސެންޓް ފޯން އިންޑިޔާގައި އުފައްދާނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި އެ އަދަދު ފަންސަވީސް ޕަސެންޓަށް އެރުވުމަކީ އެޕަލްގެ އަމާޒެކެވެ.

އިންޑިޔާއަކީ ފަހުގެ އައިފޯން އެންމެ އަގުބޮޑު އެއް ގައުމު ނަމަވެސް އައިފޯން އިންޑިޔާގައި އުފައްދައިގެން ނެރެން ފެށުމުން އަގަށް ހެޔޮ ބަދަލެއް އައުމަކީ ދުރުކަމެއް ނޫނެވެ. އިންޑިޔާ ސަރުކާރުގެ ފުރިހަމަ ތާއީދު މިކަމަށް ލިބުމަކީ އެޕަލް ކުންފުނީގެ އުފެއްދުންތަކަށް ހެޔޮ ފާލެކެވެ.