އިނގިރޭސިވިލާތުގެ ރަނިކަން 70 އަހަރުގެ ދިގު މުއްދަތަކަށް އެލިޒަބަތު ދެވަނަ ވަނީ ކުރައްވައިފައެވެ. ނަތީޖާއެއްގެ ގޮތުން އެކަމަނާގެ ތަސްވީރު މީސްތަކުންގެ ސިކުނޑިތަކުގައި ވަރަށް ފުންކޮށްވަނީ ބިންވަޅުނެގި ހަރުލައިފައެވެ. އެކަމުގެ މައިގަނޑު ސަބަބަކީ އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ ބައެއް ގައުމުތަކުގެ ފައިސާގައި އެކަމަނާގެ ތަސްވީރު ކުރަހާފައި ހުރުމެވެ. އިނގިރޭސި ޕައުންޑަށް އެކަނި ބެއްޔަސް ގާތްގަޑަކަށް 4.5 ބިލިޔަން ނޫޓުގައި އެލިޒަބަތު ދެވަނައިގެ ސޫރަ ކުރަހައިފައިވެއެވެ. ޖުމްލަކޮށްލީމާ އެއީ 80 ބިލިޔަން ޕައުންޑުގެ އަގުހުރި ނޫޓެވެ. ކޮމަންވެލްތުގެ އެހެނިހެން ގައުމުތަކަށް ބަލާއިރު ކެނެޑާޔާއި ނިއުޒިލެންޑާއި އަދިވެސް ކިތަންމެ ގައުމެއްގެ ފައިސާގައި އެލިޒަބަތު ދެވަނައިގެ ތަސްވީރު ކުރަހައިފައިވެއެވެ. އެތަކެއްޗަށް ދެން އަންނާނީ ކޮން ބަދަލެއް ބާވައެވެ.
ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން ނެރޭ ފައިސާގައި ހުންނާނީ އައު ރަސްގެފާނު ޗާލްސް ތިންވަނައިގެ ތަސްވީރެވެ. އަދި މައުދަނުން ތައްޔާރުކުރާ ފައިސާފޮތީގައިވެސް ހުންނާނީ ޗާލްސްގެ ތަސްވީރެވެ. މިދެންނެވި މުއްދަތުގެ ތެރޭގައި ރާނީގެ ތަސްވީރު ޖެހި ނޫޓާއި ކޮއިން ބާޒާރުން ނަގައި އެތަކެތި ދައުރުވުން ހުއްޓުވާނެއެވެ. އޭގެ ބަދަލުގައި ހަމައެވަރަށް އައު ނޫޓު ނެރޭނެއެވެ. އެހެންވީމާ ވީނުވީއެއްވެސް ނޭނގި ދުވަސްކޮޅަކުން އިނގިރޭސި ފައިސާއިން ރާނީގެ ތަސްވީރު ގެއްލިދާނެއެވެ. އެނޫން ގައުމުތަކުގައިވެސް ކަންކަން ހިނގާނީ މިމަގުންނެވެ. އެހެންވީމާ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެވައްތަރެއްގެ ނޫޓު ފެންނާނެއެވެ. ރާނީ އެލިޒަބަތު ދެވަނައިގެ ތަސްވީރު ޖެހި ބައު ނޫޓާއި އައު ރަސްގެފާނު ޗާލްސް ތިންވަނައިގެ ތަސްވީރު ޖެހި އައު ނޫޓެވެ.
އިނގިރޭސިވިލާތުގައި ބައު ނޫޓާއި ބައު ކޮއިން ދައުރުވުން ހުއްޓުވުމަށް ވަކި މުއްދަތެއް ކަނޑައެޅިފައި އޮތަސް ކެނެޑާޔާއި ނިއުޒިލެންޑުގައި އެކަހަލަ މުއްދަތެއް ނެތެވެ. އެގައުމުތަކުގައި ކުރާނޭ ކަމަކީ އަލަށް ޗާޕުކުރާ ނޫޓުތަކާއި އަލަށް ނެރޭ ކޮއިންގައި އެލިޒަބަތުގެ ތަސްވީރު ނުހިމަނައި އައު ރަސްގެފާނުގެ ތަސްވީރު ހިމެނުމެވެ. ބައު ނޫޓާއި ބައު ކޮއިން މުޅިން ނެގުމަށް ވަކި މުއްދަތެއް ކަނޑައެޅިފައެއް ނެތެވެ. ރާނީގެ ތަސްވީރު ޖެހި ޕައުންޑް ނުފެންނަތާ ޒަމާންތަކެއްވާއިރުވެސް ކެނެޑާޔާއި ނިއުޒިލެންޑުގެ ޑޮލަރުން އެ ތަސްވީރު ފެންނާނެއެވެ. މިދެންނެވި ދެގައުމުގެ ފައިސާޔަކީވެސް ބައިނަލްއަގުވާމީ ބާޒާރުގައި ބަރުދަންހުރި ފައިސާއެވެ. ޚާއްސަކޮށް ކެނެޑާގެ ޑޮލަރެވެ. ކެނެޑާޔަކީ ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުގެ ތެރެއިން އެއް އިގްތިސާދެވެ.
ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން ފައިސާ ނޫޓާއި ފައިސާ ފޮތީގައި ރާނީގެ ތަސްވީރު ބޭނުންކުރާ ގައުމުތަކުން އެތަސްވީރު ކުރަހަމުން އައީ އެކަމަނާގެ މޫނުފުޅު ކަނާތަށް ހުންނަ ގޮތަށެވެ. އައު ރަސްގެފާނު ޗާލްސް ތިންވަނައިގެ ތަސްވީރު ކުރަހާނީ އެޔާ ތަފާތުކޮށް ވާތަށް މޫނުފުޅު ހުންނާނޭ ގޮތަށެވެ. މިއީ ރަސްކަމުގައި ހުންނެވި ބޭފުޅަކު އަވަހާރަވެގެން ނުވަތަ އެނޫންގޮތަކުންވެސް ތަޚުތު ހުސްވީމާ އައު ރަސްކަލަކު ތަޚުތަށް އިސްވެވަޑައިގަތުމަށްފަހު ދެ ދައުރު ތަފާތުކުރަން ޒަމާނުއްސުރެވެސް ކުރަމުން އަންނަ ކަމެކެވެ. ޖެހިޖެހިގެން ދެ ބޭފުޅެއްގެ ތަސްވީރު އެއް ބައްޓަމަކަށް ކުރެހުމަކީ އެންމެ އިހުއްސުރެވެސް ނުކުރާ ކަމެކެވެ. ރަސްމީ ފޮޓޯފުޅުތަކުންވެސް އެ ބަދަލު ފެންނާނެއެވެ. އޭގެތެރޭގައި އޮފީސް އޮފީހުގައި ބެހެއްޓޭ ފޮޓޯ ލޯގަނޑުވެސް ހިމެނެއެވެ.
އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ތަސްވީރު އެހާބޮޑަށް މީސްތަކުންގެ ސިކުނޑީގައި ބިންވަޅު ނެގިފައި އޮތުމުގެ އަނެއް ސަބަބަކީ ސްޓޭމްޕެވެ. ދުނިޔޭގައި އެންމެ މަޝްހޫރު އެއް ސްޓޭމްޕަކީ އިނގިރޭސި ސްޓޭމްޕެވެ. އޭގައި ހުންނަނީ ތަންކޮޅެއް ޒުވާންކޮށް ފެންނަ އެލިޒަބަތެކެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން ފައިސާގައި ރާނީގެ ތަސްވީރު ބޭނުން ނުކުރާ ގައުމުތަކުގައިވެސް އެތަންތާގެ ސްޓޭމްޕުގައި ރާނީގެ ތަސްވީރު ބޭނުންކުރެއެވެ. ރާނީ އަވަހާރަވީ ކަމަށްވިޔަސް ރާނީގެ ތަސްވީރު ކުރެހި ސްޓޭމްޕް ބޭނުންކުރުން ނިމުމަކަށް ނާންނާނެއެވެ. ދެންވެސް އެތައް ޒަމާނަކަށް ބޭނުން ކުރާނެއެވެ. ރާނީގެ ސްޓޭމްޕާއެކު އައު ރަސްގެފާނު ޗާލްސް ތިންވަނައިގެ ތަސްވީރު ހިމެނޭ ސްޓޭމްޕްވެސް ދާނީ ފެންނަމުންނެވެ. އެކަމަކު ޗާލްސްގެ ތަސްވީރު ހުންނާނީ ކުރީންވެސް ދެންނެވުނު ގޮތަށް ތަފާތު ބައްޓަމަކަށެވެ.
އިނގިރޭސި ރަސްކަމަކީ މިޒަމާނުގައި މައިގަނޑުގޮތެއްގައި ރަމްޒީ ރަސްކަމެކެވެ. ވެރިކަމުގެ މާބޮޑެތި ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ރަސްގެފާނަކަށް ނޯވެއެވެ. އެހެންކަމަށްވިޔަސް މި ރަސްކަމަކީ އިނގިރޭސި ސަގާފަތުގެ ރަމްޒަކަށްވާތީޔާއި އެ ސަގާފަތާއި އެ ހައިބަތު ދެއްކުމަށް ރަސްމީ ގޮތުން ޚާއްސަ ކަންތައްތަކެއް ހަމަޖެހިފައި ހުރެއެވެ. އެކަންތައް ކުރެވޭ އުސޫލާއި ތަރުތީބަށް އައު ރަސްގެފާނު ޗާލްސް ވަރަށް ބޮޑެތި ޒަމާނީ އިސްލާހުތަކެއް ގެންނަވާނޭ ކަމަށް ވަނީ ގަބޫލުކުރެވިފައެވެ. ހަމައެޔާއެކު ޝާހީ އާއިލާގެ އެކި ބޭފުޅުންނަށް ރާނީގެ ދުވަސްވަރު އެރުވިފައިވާ ލަގަބުތަކަށްވެސް ބަދަލު ގެނެވި އުނިއިތުރު ފެނިގެންދާނޭ ކަމަށްވެސް ވަނީ ގަބޫލު ކުރެވިފައެވެ. މިކަންކަން ފެށޭނީ ޗާލްސްގެ ކޮރޮނޭޝަން ހަފުލާއަށްފަހު އަންނަ އަހަރުން ފެށިގެންނެވެ.