ބޭހަށާއި ވިޔަފާރިއަށް އިންޑިއާއަށް ދާ ދިވެހިންނަށް މާދަމާއިން ފެށިގެން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.
މިއީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު ސޮއިކުރި ވިސާއާ ބެހޭ އާ އެގްރިމެންޓަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފެށުމުން ލިބިގެންދާ ލުޔެކެވެ. މި އެގްރީމެންޓް މާދަމާ ތަންފީޒުކުރަން ފަށާއިރު، ބޭސް ފަރުވާއަށާއި ވިޔަފާރީގެ ބޭނުންތަކަށް ދާ ކޮންމެ މީހަކަށްވެސް އޮން އެރައިވަލް ވިސާ ލިބެން ފަށާނެއެވެ.
މީގެ އިތުރުން ދަރިވަރުންނަށް ވެސް ވިސާ ދިނުމުގައި ވަނީ ލުއި ފަސޭހަ ގޮތްތަކެއް އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފައެވެ.
އެގޮތުން ސަރުކާރު ގަބޫލުކުރާ މަރުކަޒެއްގައި ފުލްޓައިމް ޕްރޮގްރާމެއްގައި ބައިވެރިވާ ދަރިވަރުންނަށް، ކޯހުގެ މުއްދަތުގައި މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ހަމަޖެހިގެން ދާނެއެވެ. އަދި 18 އަހަރު ނުވާ، ސްޓޫޑެންޓް ވިސާގައި ތިބޭ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށްވެސް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އަލަށް ވިސާގެ އެގްރިމެންޓެއް އެކުލަވައިލައި އަމަލު ކުރަން ނިންމީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިޔާއަށް ކުރެއްވި ދަތުރު ފުޅުގަ އެވެ.