އައިއޯއެސް 16 އާއި އެކު އައިފޯނުގެ ބަޓެރީ އަވަހަށް ހުލިވާ މައްސަލަ ބޮޑުވެއްޖެ އެވެ.
ދާދިފަހުން ކުރި ސާވޭއެއްގައި، އައިފޯންގެ އެންމެ ފަހުގެ އޯއެސް 16 އެޅި 63 ޕަސެންޓު މީހުން ބުނެފައިވަނީ އެމީހުންގެ ފޯނުތަކަށް ބެޓެރީގެ މައްސަލަ ބޮޑު ވެއްޖެ ކަމަށާއި އެގޮތަށް ދިމާވަނީ އައު އޯއެސްގެ ސަބަބުން ކަމަށެވެ.
އެހެން ދިމާވާ ސަބަބެއް ކަމުގައި ބެލެވެނީ އެއީ އައިއޯއެސް އިން ބެކްގްރައުންޑްގައި ފައިލްތަކާއި ފޮޓޯތަކާއި އެޕްތަކާއި އަދިވެސް އެތައް ކަމެއް ރީއިންޑެކްސް ކުރުން ފަދަ ކަންކަން ކުރަމުންދާތީ އާއި އެހާ ފައިލް ސައިޒް ބޮޑު އަޕްޑޭޓްތަކަކަށް ވާތީ ކަމަށް ވެސް ބުނެފައިވެއެވެ. ތިން ގީބީ އަށް ވުރެ ބޮޑު ފައިލް ބެކްގްރައުންޑްގައި ރީއިންޑެކްސިންގެ ހުރިހާ ކަމެއް ނިމުމުން ބެޓެރީ ދިއުމުގެ މައްސަލަ ކުރިން ހައްލުވެ ޝަކުވާތައް ކުޑަވެގެންދެއެވެ.
ނަމަވެސް މިއަހަރު އެ ޝަކުވާތައް މަޑުނުވެ، އައިއޯއެސް 16 އިން އައިފޯނުގެ ބެޓެރީ ލައިފް މުޅިން ހަލާކުކޮށްލާފައިވާ ކަމަށް ވަރަށް ގިނަ ޔޫޒަރުން ބުނެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އައިފޯން ބޭނުންކުރާ މީހުންގެ އެތައް ހާސް ޝަކުވާއެއް ބެޓެރީގެ މައްސަލާގައި ކުރަމުންދާ އިރު ގިނަ ބަޔަކު ގަބޫލު ކުރަނީ އެޕަލް އިން ނެރުނު އަައިފޯން 14 ގިނައިން ވިއްކުމަށްވެސް މިފަދަ ކަމެއް ކޮށްފާނެ ކަމަށެވެ.
މިދިޔަ ހަފުތާގައި އެޕަލް ފޯނު ބޭނުން ކުރާ މީހުންގެ ތެރޭގައި ނެގި ހިޔާލު ހޯދުމުގެ ޕޯލެއްގައި އައިފޯން ބޭނުންކުރާ 63 ޕަސެންޓު މީހުން ބުނީ އައިއޯއެސް 16 އިންސްޓޯލް ކުރުމަށްފަހު ބެޓެރީގެ ދިގުމިން މާބޮޑަށް ވެސް ގޯސްވެފައިވާ ކަމަށެވެ.