ޓެކްނޮލޮޖީ

އެޕަލް ގެ އެންމެ ފަހުގެ އެންމެ ބޮޑު ގަޑި، އެޕަލް ވޮޗް އަލްޓްރާ

އާދަމް ނަސީރު

އެޕަލް ވޮޗް އަލްޓްރާ އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ބޮޑު ގަޑިއެވެ. ކުރީގެ ގަޑި ތަކަށްވުރެ ބޮޑު މިގަޑީގެ ބޮޑުމިނަކީ 49 އެމްއެމް އެވެ. 45 އެމްއެމް އެޕަލް ވޮޗް ސީރީޒް 8 ގެ ގަޑިތަކަށްވުރެ 4 އެމްއެމް ބޮޑުކޮށް އުފައްދާފައިވާ މިގަޑި އައިފޯން 14 އާއި އެކު ވަނީ ލޯންޗު ކޮށްފައެވެ.

ފެންނުވަންނަ މި ގަޑީގެ މޮޅު ވާހަކަ އެކި މީހުން އެކި ގޮތްގޮތަށް ދައްކަމުން އަންނައިރު މި ގަޑި އަތްތިލަ ސައިޒަށް ބަލާފައި ބޮޑުކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ހީކުރި ވަރަށްވުރެ ބޯ ކަމަށް ވެސް ބުނެއެވެ. އެހެން ނަމަވެސް 45 އެމްއެމްގެ އެޕަލް ވޮޗް ކުޑަވެގެން އުޅުނު ގިނަ ފަރާތްތަކަށް އެޕަލް ވޮޗް އަލްޓްރާ މާ ބޮޑުކަމުގެ އިހުސާސެއް ނުކުރެވޭނެއެވެ.

ކުރީގެ ގަޑިތަކަށް ވުރެ ޑިޒައިނަށްވެސް ބޮޑު ބަދަލެއް ގެނެސްފައިވާ އަޑުގަދަ ސުޕީކަރެއްވެސް ހިމެނޭ، ގިނަ ބަޔަކު ބޮޑުކަމަށް ބުނާ އެޕަލް ވޮޗުގެ ފީޗާސް ތަކަށް ބަލާއިރު، ވޮޗް އަލްޓްރާ ފަރުމާކޮށްފައިވަނީ "އެޑްވެންޗަރުންނާއި އެކްސްޕްލޯރަރުންނަށް" ކަމުން، ޑައިވިނަށް ދިއުމަށާއި އެކި އެކި ކަސްރަތު ކުރުމަށް ހާއްސަ ފީޗާސްތައް ވަނީ ހިމަނާފައެވެ. ދުވާ މީހުންނާއި ފަރުބަދަ ތަކަށް އަރާ ހައިކު ތަކަށް ދާ މީހުންނަށްވެސް އެންމެ ފުރިހަމަ ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ގަޑި ވަރަށް ފުރިހަމަ ކަމަށް އެޕަލްގެ ސަޕޯޓަރުން ބުނެއެވެ.

އާ ކޮމްޕަސް އެޕްލިކޭޝަނާއި ވޭޕޮއިންޓްސް ސެޓްކޮށް، ގެއްލިގެން ދިއުމުގެ ނުރައްކާ އޮތް ނަމަ ބެކްޓްރެކް ބޭނުން ކުރުމުގެ އިހުތިޔާރު ވެސް މި ގަޑީގެ މުހިއްމު ފީޗާރސްތަކުގެ ތެރޭގައި ހިމެނެއެވެ. މި ގަޑީގެ ބޮޑުކަމާ އެއްވަރަށް ފުރިހަމަ ފީޗާސްތަކެއްވެސް ހިމެނިފައިވުމުން އެޕަލް ގަޑީގެ މުހިއްމުކަން މިހާރު މިވަނީ އިތުރުވެފައެވެ.

އަގުބޮޑު ފަހުގެ އައިފޯނަކާއެކު އަޕަލްގެ ފަހުގެ ގަޑިއެއްވެސް އޮވެގެން ނޫނީ މިހާރު ވަށާ ނުޖެހޭ ގޮތަށް އެދަނީ އެޕަލްގެ އެކި އެކި ޑިވައިސްތައް ތަރުތީބު ކުރަމުންނެވެ.