ޑރ. މުހައްމަދު ޖަމީލް އަހްމަދު

ވަށްކަމާއި ކޮރަޕްޝަން ބަލަން ވަކި ގާނޫނެއް އޮންނަންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

ވަށްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ވަކި ގާނޫނެއް އޮންނަންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ ޑރ. ޖަމީލު ވަނީ ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރަމުންދާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވަށްކަމާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ކުރިމަތިވުމުން، އެކަން ބަލައި ތަހުގީގުކޮށް، ދައުވާކޮށް ޝަރީއަތް ހިންގަނީ ރިޔާސީ ކޮމިޝަނަށް ބިލުތައް އައިސްގެންތޯ ސުވާލު އުފައްދަވައިފައެވެ.

ޑރ. ޖަމީލު ވިދާޅުވީ މީގެކުރިން ސަރުކާރުން ފޮނުވާގޮތަށް މަޖިލީހުން ބިލުތައް ފާސްކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ބުނެ މުޅި މުޖުތަމައުން އަޑުއުފުލި ކަމަށެވެ.

'' އަޅުގަނޑުމީ ތަހުގީގު ދާއިރާގައިވެސް އުޅުނު މީހެއް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން. ދައުވާކުރުމުގެ ދާއިރާއާއި ޝަރީއަތް ކުރުމުގެ ދާއިރާގައި ވެސް އުޅުނިން. ކޮންމެ ބަޔަކު ތަހުގީގު ކުރަން އުޅުނަސް ފުލުހުންގެ އެހީ ހޯދަންއެބަޖެހޭ. ކޮމިޝަނަށް ބާރު ދިނީމައި ކޮމިޝަންގައި ހުންނާނެތޯ ފޮރެންސިކް ހޯދުމުގެ ގާބިލުކަން. ހަމަ މިޖެހެނީ ފުލުހުންގެ އެހީތެރިކަން ހޯދަން. ދެން ކީއްކުރަންތޯ އެއްކަމެއް ޑްބްލިކޭޓް ކުރަންވީ. ގައުމަށްވެސް އެންމެ ފައިދާ ހުންނާނީ މުއައްސަސާތައް ހަރުދަނާކުރުން. އަޅުގަނޑު ގަބޫލެއް ނުކުރަން ވަށްކަމާއި ކޮރަޕްޝަން ބަލަން ވަކި ޚާއްސަ ގާނޫނެއް އޮންނަންޖެހޭނެ ކަމަކަށް.'' ޑރ. ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ކޮމިޝަންތައް ނަހަދައި ގާނޫނީ ޒިންމާތައް ހަވާލުކޮށްފައިވާ އިދާރާތަކާއި ތަހުގީގު ކުރަން ހަވާލު ކުރިނަމަ، އެމައްސަލަތައް ތަހުގީގު ކުރުން މާބޮޑަށްވެސް އަވަސްވެގެންދާނެ ކަމަށެވެ