ޝަހީދާ އަބްދުﷲ ސައީދު
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަންގެ ދިހަ މެންބަރުން ތިބިކަމުގައި ވިޔަސް، ދީނީ މިނިވަންކަމަށް ފުރުސަތު ހުޅުވައިލާ ބިލު ފާސްކުރަން ފުރުސަތު ނުދެއްވާނެ ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ ކޯލިޝަނަށް ލިބުނު ނަމަވެސް ރައްޔިތުންނާ ގުޅުންހުރި މުހިންމު ބިލުތަކަށް މީގެކުރިންވެސް ވޯޓް ދެއްވާފައިވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިދިކޮޅު ޕާޓީތަކުން އެފަދަ ބިލުތަކަށް ވޯޓް ދެއްވާނެ ކަމަށެވެ.
ނަމަވެސް ދިވެހި ޖުމްހޫރިއްޔާގެ އާ ގާނޫނު އަސާސީ އެކުލަވައިލި ދުވަސްވަރު އެމްޑީޕީން މަގުމަތީގައި މުޒާހަރާކޮށް، ރާއްޖޭގައި ހުރިހާ ދީނަކަށް ފުރުސަތު އޮންނަންވާނެ ކަމަށް ބުނެ ވަކާލާތު ކުރި ބަޔަކު މަޖިލީހުގައި ތިއްބަވައިގެން އިސްލާމް ދީނާއި ގައުމުގެ މިނިވަންކަމަށް ނުރައްކާވާފަދަ ބިލުތަށް ހުށަހެޅި ނަމަވެސް އެކަމަށް އެއްބާރުލުން ނުދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
'' މިމީހުން ކުރަން މިއުޅޭ ހުރިހާކަމެއް ނުކުރެވޭނެ. މިގައުމު ވިއްކައެއް ނުލެވޭނެ. މިގައުމުގައި ހުރި އަގުހުރި ތަރިކަތަކެއް ދޫކޮށެއް ނުލެވޭނެ. މިގައުމުގައި މިނިވަންކަން ނަގާލައި ދީނަކީ އިސްލާމް ދީނޭ ބުނާ މާއްދާ އުވައިލާކަށް ޖާގައެއް ނުދެވޭނެ. އެކަންކުރަން މެޖޯރިޓީ ހޯދަން އެއުޅެނީ، ދެވަނަ އެއްވެސް ކަމަކު ނޫން. މިއަދު މެޖޯރިޓީ ހޯދަން އެއުޅެނީ އެބޭފުޅުންނާ ގުޅިފައި ހުރި ބޭރުގެ ޔަހޫދީ ދައުލަތްތަކާ ޖަމާއަތްތަކުން ބޭނުންވަނީ ދީނީ މިނިވަންކަން އޮތް ގައުމަކަށް ހަދަން. އެފުރުސަތު ލިބޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން. އެހެންވެގެން މެޖޯރިޓީ ހޯދަން އުޅެނީ. އެ ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެން ކަހަލަ ދިހަ މީހުން ތިއްބަސް ލާހިކެއް ނޫން އެކަން ކުރާކަށް.'' އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް އިންތިޚާބުކުރަން ވާނީ ގައުމާއި ދީނުގެ ހައްގުގައި ތެދުވަން ކެރޭ މީހުން ކަމަށެވެ.
އަދި މަޖިލިސް އިންތިޚާބުގައި ޕީޕީއެމް އާއި ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް އަބްދުއްރަހީމް ވަނީ ގޮވައިލައްވައިފައެވެ.
އަދި ރައީސް ނަޝީދަށް މަޖިލީހުގައި ކުރެއްވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށާއި ނަޝީދުގެ ފަހަތްޕުޅުގައި ގައުމަށް ހެޔޮއެދޭ އެތައް މެންބަރުންނެއް ތިއްބަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.