ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީލޯންޑާކުރުމުގެ މައްސަލައިގެ ތަހުގީގު މީޑިޔާތަކުން ވަގުތުން ދުރަށް ދެއްކުމަށް ރައީސް އަބުދުﷲ ޔާމީން ބޭނުންފުޅުވާކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ހެކި ނައްތައިލާފާނެކަމުގެ ބިރަށް ރައީސް ޔާމީން ހައްޔަރުކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނު ހައްޔަރުގައި ބަހަައްޓަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
އަދި ރައީސް ޔާމީނަކީ ވަރަށް ސާބިތުކަމާއެކު ޖަވާބުދާރީވެ ވަޑައިގަންނަވާ ބޭފުޅެއްކަމަށާއި އެކަން މާޒީގައިވެސް ދައްކަވައިފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަނީލޯންޑާގެ މައްސަލައިގެ ތަހުގީގު ވީހާވެސް ހާމަކަންބޮޑު ގޮތަކަށް، ރައްޔިތުންނަށް ފެންނާނެހެން ކުރިއަށް ގެންދިއުމަށް ޔާމިން އެދިވަޑައިގެންނެވި ކަމަށެވެ.
'' 23 ސެޕްޓެމްބަރަށް ފަހު ރައީސް ޔާމީން ހުންނެވީ ރާއްޖޭގައި މިނިވަންކަމާއެކު، ޕާސްޕޯޓް ހިފަހައްޓާފައެއްނޫން. ބޭނުންފުޅުވިނަމަ ފިލައިގެން ނުދެޥޭނެތޯ. އެކައުންޓްގައިހުރި ފައިސާ ބޭނުންފުޅުވި ނަމަ ނުނެގޭނެތޯ. އެމަނިކުފާނު ވަރަށް ސާފުކޮށް ވިދާޅުވި އެކައުންޓްގައި ހުރީ ނުހައްގުން ހޯދާފައި ހުރި ފައިސާ ނޫން ކަމަށާއި، އެއީ 2013 އިން ފެށިގެން ވަރަށްގިނަ ކެމްޕޭން ތަށް ކުރައްވާފައިވާ ބޭފުޅެއް ކަމާއި އަދި މަޖިލިސް އިންތިޚާބަށްވެސް ކެމްޕޭނަށް ހުރި ފައިސާކަމަށް ވަރަށް ތަފްސީލުކޮށް ވިދާޅުވި ނޫންތޯ. ރައީސް ޔާމީނަށްވުރެ ތަފްސީލުކޮށް ވާހަކަ ދެއްކެވޭނެ ބޭފުޅަކު ނުހުންނާނެ. އެއްވެސް ކަމެއް ނުފޮރުއްވާނެ، ވަރަށް ސާފުކޮށް ވިދާޅުވާނެ ހުރިހާއެއްޗެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީލޯންޑާގެ މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފިނަމަ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރާ މަނީލޯންޑްރިންގެ މައްސަލައިގައި އެމަނިކުފާނު ކޯޓު އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ހައްޔަރުގައި ބަހައްޓަން ހުކުމް އިއްވާފައިވަނީ ޕީޖީން އެދިގެންނެވެ.
ކުރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ޕީޖީން ވަނީ އެމައްސަލައިގެ ހެކި ނައްތައިލަން މަސައްކަތް ކުރުމާއި ހެއްކަށް ނުފޫޒު ފޯރުވަން ރައީސް ޔާމީން މަސައްކަތްކުރެއްވި ކަމަށް ވިދާޅުވެ ބަންދުގައި ބަހަައްޓައިގެން މައްސަލަ ކުރިއަށްގެންދަން އެދިފައެވެ.