މިރޭ 12އިން ފެށިގެން ހެލްމެޓް އެޅުމުގެ ގަވައިދަށް އަމަލު ކުރަން ފަށާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން މިދިޔަމަހު 28ގައި ގެޒެޓްކޮށްފައިވާ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދުން ވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލު ދުއްވާ މީހުން އަދި ދުއްވާ މީހާގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އަޅަން މަޖުބޫރުކޮށްފައެވެ. އެ ގަވައިދަށް މިރޭ 12އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ފުލުހުން އިއުލާނުކޮށްފައި ވީނަމަވެސް ޓްރާންސްޕޯޓުން އިސްލާހާއެކު ގެޒެޓްކުރި ގަވައިދުގައިވާގޮތުގައި ހެލްމެޓް ނާޅާ ދުއްވާ މީހުންނާއި މެދު ފިޔަވަޅު އަޅަން ފަށާނީ އަންނަ އޭޕްރީލްމަހުން ފެށިގެނެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަހަރުގެ ޖެނުއަރީ މަހު ކުރީ ކޮޅު ވަނީ މިމަހު 10 ވަނަ ދުވަހުން ފެށިގެން ބްރިޖާއި ހައިވޭގައި ދުއްވާ ނަމަ ހެލްމެޓް އަޅަން މަޖުބޫރު ކުރާނެކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖާއި ހައިވޭ އާންމުންނަށް ހުޅުވާލުމަށް ފަހު ބްރިޖާއި ހައިވޭމަތީ ހިނގާ އެކްސިޑެންޓުތައް ގިނަވަމުން ދިއުމުގެ ސަބަބުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައެވެ.