ގާސިމް އިބްރާހިމް

ސަރުކާރުގެ ނުފޫޒު ކޯޓުތަކުގައި އެބައޮތް : ގާސިމް

އަހުމަދު ޖައިޝަން

އިބްރާީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ނުފޫޒު ރާއްޖޭގެ އެކި ކޯޓުތަކުގައި އޮތް ކަން އެނގިވަޑައިންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި "ވާނުވާ" ޖަހައި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުގައި ކޯޓަށް ނުފޫޒު ފޯރުވުމާ ގުޅިގެން ގާސިމް ވަނީ ސުވާލުކުރައްވާފައެވެ.

"އޭގެ މާނައަކީ ޝަރީއަތް ނިމެންދެން ހުކުމްކޮށްފައި ކަހާ ހިރުވާތަނެއް ހުރި މީހަކުވެސް ނެތް. ހަމަ ބާއްވަނީ ޖަލުގައި. މިއީ ކޮންކަމެއްތޯ؟" ގާސިމް ސުވާލުކުރެއްވިއެވެ.

އެގޮތަށް ކަންތައް ކުރެވިގެން ނުވާނެ ކަމަށާއި ހައްގު އިންސާފު އަދާކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ޒިންމާދާރު ވުމަކީ، މަސްއޫލިއްޔަތު އަދާކުރުމަކީ އެމީހަކަށް ޖެހޭ ކަންތައް އެމީހަކު ކުރާން ޖެހޭނެ. ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން އުފައްދަވަންވީނުންތޯ އެކަން ބަލަން،" ގާސިމް ވިދާޅުވިއެވެ.