އެކި ކަހަލަ ބާރުތައް ލިބޭހެން ކޮކްޓެއިލެއް ގޮތަށް ރިޔާސީ ކޮމިޝަން ހެދުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ދީފައިވާ ހުރި ބާރުތައް ފުރޮޅައިލާ އެ ބާރުތައް ރިޔާސީ ކޮމިޝަނަށް ދިނުމަކީ ގާނޫނު އަސާސީގެ ރޫހާ އެއްގޮތްވާ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"މީގެކުރީން ވެސް ކޮމިޝަންތައް ހެއްދެވި. ރައީސް ނަޝީދުވެސް ހުންނެވި. އަދި ޔާމީންވެސް ވަނީ ވެރިކަމުގައި ކޮމިޝަން ހައްދަވާފައި. އޭގެކުރީން މައުމޫން ހުންނެވި އިރު އެމަނިކުފާނުވެސް ކޮމިޝަން އުފެއްދެވި. އެކަމަކު ގާނޫނެއް ހަދައިގެން އެހުރިހާ ދައުލަތުގެ މުއައްސަސާތަކަށް ގާނޫނު އަސާސީން މެންޑޭޓް ދީފައި ހުރި މުއައްސަސާގައި ހުރި ބާރުތައް ކޮކްޓޭލަކަށް ހަދައިގެން އެއްތަނަކަށް އަޅައިގެން އެ ނަންގަވައި ރައީސުލްޖުމްހޫރިއްޔާ 115 ވަނަ މާއްދާގެ (ގ)ގެ ދަށުން ނަގާ ކޮމިޓީއަކަށް ދޭކަށް އެއްގޮތަކަށްވެސް އެބޭފުޅުންނެއް ނޫޅުއްވާ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކޮމިޝަންތަކަށް ބާރުދޭ ވާހަކަ ދައްކާ އިރު އެއާ ގުޅިގެން އަންނަނީ ކޮންކޮން ކަންތައްތަކެއް ކަމާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.
"ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށްވެސް ހުންނާނީ ކައްޗަށޭ ބުނާ އުސޫލުން އެއީވެސް ރަނގަޅު ބިންގަލަކަށް ނުވާނެ ހަމަގައިމުވެސް،" ގާސިމް ވިދާޅުވިއެވެ.