ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަނގެތީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްސަލައެއް އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދަނގެތި ދާއިރާއަށް ޖޭޕީން ކުރިމަތިލެއްވި ކެންޑިޑޭޓް، މ. ސީނުކަރަންކާގޭ މުހައްމަދު ނާޒިމުގެ ނަމުގައި އޮންނަ "ނާޒިމް އަފާފު ފައުންޑޭޝަން" އިން ރައްޔިތުންގެ މަޖިލީހުގެ 2019ގެ އިންތިހާބާ ދިމާކޮށް، އެ ދާއިރާގެ ރަށްރަށަށް ވަކި ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނަމުންދާތީ، އެ މައްސަލަ އެމްޑީޕީގެ ފަރާތުން އިއްޔެ އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމަހުގެ ހަތަރުވަނަ ދުވަހު ނާޒިމްގެ ވައިބާ ގްރޫޕުގައި ދަނގެތީ ކައުންސިލަރު ރަމްޒީ ލިޔުނު ޕޯސްޓެއްގައި، ދަނގެތީ ހަނދުރުބާގިޑިގޭގެ ހުރިހާ ހަރަދެއް ފަންޑުކޮށް ދިނީ "ނާޒިމް އަފާފު އުންޑޭޝަން" އިން ކަމަށް ބުނެފައިވާ ކަމަށެވެ.
"އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެކަމަށް ބުނުމަކީ ކުށެއްކަމުގައި އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވެއެވެ..،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި އެމްޑީޕީ ދަނގެތީ ދާއިރާއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، އެފަދަ އަމަލުތަކަށް ކިޔަނީ "ހޮޅިންނަށް ދިގުރަށް ދެއްކުން" ކަމަށްވާ އިރު، ވާނުވާ ނޭނގި، މީސްތަކުންނަށް އިރުޝާދާއި ވައުދުވުމުގެ މަސައްކަތް ޖޭޕީ ކެންޑިޑޭޓު ކުރަމުންދާތީ އެކަންކަން އިންތިހާއަށް ކުށްވެރިކުރާ ކަމަށެވެ.