ޕީޕީއެމް

ޕީޕީއެމްގެ މެމްބަރުކަމުން އަޒްލީން ވަކިކުރަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަހްމަދު، ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލޭ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި އަޒްލީން، ޕީޕީއެމުން ވަކިކުރަން ނިންމާފައިވަނީ އެ ޕާޓީގެ ސުލޫކީ ކޮމިޓީންނެވެ.

އަޒްލީން ވާދަކުރައްވާ ހުޅުމާލޭ ދާއިރާއަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރިކަލުން އިބްރާހިމް ފައިސަލް ވެސް ވާދަކުރައްވާ ދާއިރާއެވެ. އެ ދާއިރާއަށް ފައިސަލް ކުރިމަތިލައްވާފައިވަނީ ޕީއެންސީގެ ޓިކެޓުގައެވެ.

ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްއާއި ޕީއެންސީން ވާދަކުރަން ޓިކެޓު ދީފައިވާ ދާއިރާތަކަށް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ފިޔަވަޅުއަޅާނެ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.