މާތް ﷲއަށް ޝުކުރު ކުރުމަކީ އިސްލާމީ ޝިއާރެއް ކަމަށާއި ޝުކުރުވުމަކީ އަޅުކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ މާތް ﷲ ގިނަގުނަ ނިއުމަތްތަކެއް ދެއްވާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ނިއުމަތަކީ އިސްލާމްކަމުގެ ނިއުމަތް ކަމަށެވެ.
"މީގެ 900 އަހަރުކުރިން މާތްﷲ މިވަނީ އަޅުގަނޑުމެންނަށް އިސްލާމްދީނުގެ ހިދާޔަތު ދައްކަވައި އެކަނލާގެއަށް އީމާންވާ މުސްލިމުން ކަމުގައި ލައްވައިފައެވެ. އެދުވަހުން ފެށިގެން މި ލޮބުވެތި ފަސްގަނޑު މިވަނީ ސައްތައިން ސައްތަ ޠާހިރު އިސްލާމީ ފަސްގަނޑަކަށް ވެފައެވެ. މާތް ﷲ މިދެއްވި ނިއުމަތަށް އަޅުގަނޑުމެން ޝުކުރު ކުރަން ޖެހޭނެއެވެ. މާތްﷲއަށް ޝުކުރު ކުރުމަކީ އިސްލާމީ ޝިއާރެކެވެ. ޝުކުރުވުމަކީ އަޅުކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ކާބަފައިން އިސްލާމްދީން ގެނެސްދިނުމަށްޓަކައި އެމީހުންގެ ނަފްސާއި، ނަފީސުން ގުރުބާން ވެފައިވާ ކަމަށާއި ރާއްޖެ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމިއޮތަ ދިނުމަށްޓަކައި އިއްޔެ މަސައްކަތްކުރި ގޮތަށް މިއަދު ވެސް އެބަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"ވަތަނުގެ އަމްނާއި އަމާންކަމަކީ ވެސް މާތް ﷲ ދެއްވާފައިވާ ނިއުމަތެކެވެ. އަޅުގަނޑުމެންނަށް ލިބެމުންދާ ކުރިއެރުމާއި ތަރައްގީގެ އަސާސަކީ މިއަދު އަޅުގަނޑުމެން ގައުމުގައި ފެތުރިފައިވާ އަމްނާއި އަމާންކެމެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގައުމުގެ މުއްސަނދިކަމާއި ކެރިފޯރުންތެރިކަން ހެޔޮގޮތުގައި ބޭނުން ކުރެވެމުން މިދަނީ އަމާންކަމާއި ސުލްހަވެރިކަމުގެ ސަބަބުންނެވެ. މިކަންކަން ދަމަހައްޓަވާ ދެއްވާތޯ އަޅުގަނޑުމެން މާތް ﷲއަށް ޝުކުރު ދަންނަވަން ޖެހޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ މާތް ﷲއަށް ތަގުވާވެރިވުމަކީ އެކަލާނގެ ނިއުމަތްތަކަށް ސިއްރާއި ފާޅުގައި ޝުކުރުވެރިވުން ކަމަށާއި އެ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އަމަންއަމާންކަމާއި ހަމަޖެހުމުގެ އަސާސް ކަމަށެވެ. އަދި އެ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އެ ނިއުމަތްތައް ދެމިއޮންނާނެ ކަމުގެ ޖާމިނުވުމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.