އޭޝިއަން ކަޕް

ދެވަނަ މެޗުގައި ސައުދީ ކައިރިންވެސް ޒުވާން ގައުމީ ޓީމަށް ބޮޑު ބައްޔެއް

ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ބޮޑު ތަފާތަކުން ހޯސްޓް ގައުމު އަތުން ބަލިވެއްޖެއެވެ.

ސައުދީގެ ދައްމާމުގައި ރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ 11-0 ގެ ބޮޑު ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ރާއްޖެއިން ކުޅުނު ދެމެޗުގައި ކޮޅަށް 18 ގޯލު ވަދެފައިވެއެވެ. އެއީ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ އުޒުބެކިސްތާނު އަތުން 7-0 ގެ ނަތީޖާއަކުން ކަމަށް ވާތީއެވެ. ދެން ރާއްޖެ ހިމެނޭ ގްރޫޕުގައި އޮތީ ޗައިނާގެ އިތުރުން މިޔަންމާއެވެ. ރާއްޖެއިން ދެން ކުޅެން ޖެހޭ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ޗައިނާ އޮތީ ފުރަތަމަ މެޗުގައި މިޔަންމާ ބަލިކޮށްފައެވެ.

ރޭގެ މެޗުގައި ރާއްޖެ ކޮޅަށް ސައުދީގެ ގޯލުތައް ޖެހީ އަބްދުﷲ ހާދީ ރަދީފްއާއި މެޝާރީ ފަހާ އަލްނެމޭރުގެ އިތުރުން އަބްދުލް އަޒީޒް ސައުދާއި ޔާސީން އަތިއާ އަލްޒުބައިދީ، ޔަޒީދު ޔަހްޔާ އަދި ސާލިހު އަހުމަދު އަލްރަހުމާނީ އެވެ. މެޗުގައި ހާދީ ރަދީފާއި މެޝާރީ ފަހާ ވަނީ ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހަދައިފައެވެ.

ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕަށް ދިޔަ ޒުވާން ޓީމުގެ ކޯޗަކީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. މުބާރާތުގެ ކުރިންވެސް ޝާކިއްޓެ ބުނެފައި ވަނީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ހިމެނުނީ އެންމެ ވަރުގަދަ ގްރޫޕުގައި ކަމަށާއި، މެޗުތައް ޗެލެންޖިން ވާނެ ކަމަށެވެ.