މިދިޔަ ޖެނުއަރީ އަދި ފެބްރުއަރީ މަހު ދައުލަތަށް 4.193 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ފާއިތުވި ދެ މަހު ދައުލަތަށް ލިބުނު އާމްދަނީގެ މައުލޫމާތު ހިއްސާކުރުމަށް އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ދެ މަހުގައި ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހުގައި ލިބުނު އާމްދަނީއަށްވުރެ މަތީ އަދަދެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހު ދައުލަތަށް ލިބިފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ ފުރަތަމަ ދެ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި ވަނީ 872.1 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައެވެ. އަދި ޖީއެސްޓީގެ ގޮތުގައި ވަނީ 428.9 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައެވެ.
ފާއިތުވި ދެ މަހުގައި ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށާއި ޕެންޝަން ފަންޑަށެވެ. އެގޮތުން އެކަމަށް 1.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.