އަބްދުﷲ ޝާހިދު

މަޖިލިސް މި ދެކެމުންދާ ކަޅު ދުވަސްތަކެއް ކުރިން ދުވަހަކު ވެސް ނުދެކެން: ޝާހިދު

މަޖިލިސް މި ދެކެމުންދާ ހިތްދަތި، ކަޅު ދުވަސްތަކެއް ކުރިން ދުވަހަކު ވެސް ދެކިފައިނުވާ ކަމަށް ޗެއާމަން އޮފް ޓްރާންސިޝަން އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވަނީ 25 އަހަރަށްފަހު މަޖިލިސް މެމްބަރުކަމުން އިސްތިއުފާ ދެއްވާނެކަން އިއުލާންކުރައްވައިފައެވެ. ޝާހިދު ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، މެމްބަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ މަޖިލީހުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި މިއަދު މިދެކެހާ ހިތްދަތި، ކަޅު، ދުވަސްތަކެއް ދެކިފައިނުވާ ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި މި ހޭދަކުރި ދުވަސްތަކަކީ ރައްޔިތުންގެ މަޖިލީހުގެ އެކި ކަހަލަ މަރުހަލާތައް، އެކި ކަހަލަ ދުވަސްތައް، ފެނިގެންގޮސްފައިވާ ދުވަސްތަކެއް. އެހެންނަމަވެސް މިއަދު ރައްޔިތުންގެ މަޖިލިސް މި ދެކެމުންދާ ހިތްދަތި، ކަޅު، ދުވަސްތަކެއް ކުރިން ދުވަހަކު ވެސް ފެނިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރުންނެއް އެ ތިއްބެވީ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެންނެވޭ ގޮތް ހަދާފައި ކަމަށާއި އެ މެމްބަރުންނަށް ރައްޔިތުންގެ ބަސް، ރައްޔިތުންގެ މަޖިލީހުގައި ބުނުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށެވެ.

"ރައްޔިތުންގެ ބަސް، ރައްޔިތުންގެ މަޖިލީހުގައި ބުނުމުގެ ފުރުސަތު ހުއްޓުވާފައި. އަޅުގަނޑު އުންމީދުކުރަނީ ކުރިއަށްއޮތް ދުވަސްތަކުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ އެ މަޖިލީހުގެ ފުރިހަމަ އާރާއި ބާރާއެކު ރައްޔިތުންގެ އަޑުއުފުލާ، ރައްޔިތުންގެ ހައްގުތަކަށް މަސައްކަތްކުރައްވަމުން ގެންދަވާ މަޖިލީހެއް ކަމުގައި ވުމަށް،" އޭނާ ވިދާޅުވިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާއި އަބްދުﷲ ޝާހިދު، އެކުގައި މަޖިލީހުގައި ހޭދަކުރައްވާ މިއީ ފަސްވަނަ ދައުރެވެ.