ސަލާމްކުރުމަށް އިސްލާމްދީނުގެ ރިވެތި އުސޫލު "ހަލޯ"، "ހާއީ" ނުވަތަ ހަމައެކަނި ނިތް އަރުވާލުމަކީ ނުވަތަ އަތުން އިޝާރާތް ކޮށްލުމަކީ ﷲ ގެ ރަހުމަތާއި އެކަލާންގެ އޯގާވަންތަކަން ބޮލާލާ ޖެހުން ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނަކީ ސިލާމް ސަލާމަތުގެ ދީން ކަމަށާއި އެންމެންނަށް ރައްކާތެރިކަމާއި އަމާން ގެނެސްދިން ދީން ކަމަށެވެ. އަދި މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާ ހިނދު ސަލާމުން ސަލާމް ކުރުމަކީ ނުހަނު ގިނަ ދަރުމައާއި ސަވާބު ހުރި ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
"ސަލާމްކުރުމަށް ދީނުގައި ވަކި ހާއްސަ އިބާރާތެއް ކަނޑައެޅިފައިވާ އިރު، އިސްލާމްދީނުގެ ރިވެތި އުސޫލު ދޫކޮށްލައި، އޭގެ ބަދަލުގައި "ހަލޯ"، "ހާއީ" ނުވަތަ ހަމައެކަނި ނިތް އަރުވާލުމަކީ ނުވަތަ އަތުން އިޝާރާތް ކޮށްލުމަކީ ﷲ ގެ ރަހުމަތާއި އެކަލާންގެ އޯގާވަންތަކަން ބޮލާލާ ޖެހުން ކަމުގައި ނޫނީ ނުވާނެއެވެ،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ސަލާމް ކުރުމުގައި މާތްވެގެންވާ އިސްލާމްދީނުގައި އަދަބުތަކަކާއި އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ފިރިހެނުން ފިރިހެނުންނާ އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމާއި އަންހެނުން އަންހެނުންނާ އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމަށް އިސްލާމްދީން ބާރުއަޅާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.