ކުޑަ ކުދިންނާ ބެހުނު ކަމުގެ ތުހުމަތުތައް އާންމުވެ މައިކަލް ޖެކްޝަންގެ ލަވަތައް ޖެހުން ދުނިޔޭގެ އެކި ގައުމުތަކުގެ ރޭޑިއޯ ސްޓޭޝަންތަކުން ހުއްޓާލައިފިއެވެ.
އެޗްބީއޯއަށް ދިން އިންޓަވިއުއެއްގައި ވޭޑް ރޮބިންސަން އަދި ޖޭމްސް ސޭފްޗަކް ވަނީ މައިކަލް ޖެކްޝަން އެމީހުންގެ އުމުރުން ހަތް އަހަރުގަައާއި ދިހަ އަހަރުގައި ބެހިފައިވާ ކަމަށް ބުނެފައެވެ.
މި ތުހުމަތާއެކު ދުނިޔޭގެ އެކި ގައުމުތަކުގެ ރޭޑިއޯ ސްޓޭޝަންތަކުން އަންނަނީ މައިކަލް ޖެކްޝަންގެ ލަވަތައް ޖެހުން ހުއްޓަައިލަމުންނެވެ. އެންމެ ފަހުން ލަވަތައް ހުއްޓާލައިފައިވަނީ އޮސްޓްރޭލިޔާ، ނިއުޒިލޭންޑް އަދި ކެނެޑާއިންނެވެ. މީގެ ތެރެއިން ބައެއް މީޑިއާ ގްރޫޕް ތަކުން ބުނާ ގޮތުގައި މައިކަލް ޖެކްޝަންއަށް ކުރާ ތުހުމަތު ތަކަކީ ތެދުތޯ ދޮގުތޯ ބަލަން ބޭނުން ނުވާ ކަމަށާއި، އެމީހުން ބޭނުން ވަނީ އަޑުއެހުންތެރިން އަހަން ބޭނުންވާ ކަހަލަ ލަވަތައް ޖެހުމަށް ކަމަށެވެ.
ކުޑަ ކުދިންނާ ބެހޭ ކަމުގެ ތުހުމަތު ތަކަކީ މައިކަލް ޖެކްޝަން ދުނިޔޭގައި ހުރި އިރުވެސް ކުރެވޭ ތުހުމަތު ތަކެއް ނަމަވެސް އެ މައްސަލަތައް ސާބިތުވެފައެއް ނުވެއެވެ.
ނަމަވެސް އެޗްބީއޯއިން ދެއްކި ހަތަރު ގަޑިއިރުގެ އެ ޑޮކިއުމެންޓަރީން ވަނީ މައިކަލް ޖެކްޝަން މަރުވިތާ ދިހަ އަހަރު ފަހުން އަނެއްކާވެސް އެ ތުހުމަތުތައް މީހުނަށް ހަދާންކޮށްދީފައެވެ. ޑޮކިއުމެންޓަރީގެ އިމޯޝަނަލް ކަމުން އެ ބެލުމަށްފަހު ނަފްސާނީ ގޮތުން އަސަރު ކުރި މީހުނަށް ކައުންސެލިން ދީފައިވެ އެވެ.
މައިކަލް ޖެކްޝަންގެ އާއިލާއިން ވަނީ އެ ޑޮކިއުމެންޓަރީ ކުށްވެރިކޮށް އެޗްބީއޯއާ ދެކޮޅަށް 100 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފައެވެ.