ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މަޖިލިސް ބަހުސް ބޭއްވުމަށް ޕީއެސްއެމް އިން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން މަޖިލިސް ބަހުސް ބޭއްވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފިއެވެ.

މަޖިލިސް ބަހުސް ބޭއްވުމަށް ނިންމާފައިވާކަން ޕީއެސްއެމް އިން އިއުލާންކޮށްފައިވަނީ އެ މީޑިއާ އިން ނެރުނު ނޫސްބަޔާނެއްގައެވެ.

ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން މަޖިލިސް ބަހުސް އިންތިޒާމުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމް އިން ނިންމާފައިވާ ކަމަށާއި އެ ބަހުސް ކުރިއަށްދާނީ މިމަހުގެ 10 އިން 28 އަށް ކަމަށެވެ.

ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް މަޖިލިސް ބަހުސްއާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި އެ ބަހުސްގައި ބައިވެރިވުމަށްޓަކައި އެއްވެސް ސިޔާސީ ޕާޓީއެއް ތަފާތު ކުރުމެއް ނެތި އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ހިމެނޭ ގޮތަށް ހުރިހާ ކެންޑިޑޭޓުންނަށް ދައުވަތު އަރުވާފައިވާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.

"މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވިޔަފާރި އުސޫލުން ދޫކުރަން ހަމަޖެހިފައިވާ ވަގުތުގެ ތަފްސީލާއި ބަހުސްގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ބަހުސްއާ ގުޅުންހުރި އެހެނިހެން މައުލޫމާތު ޕީއެސްއެމްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ..،" ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޕީއެސްއެމް އިން އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް އެ ޕާޓީއަކުން ބޭނުންވާ ދެ އިވެންޓެއް އެއްވެސް އަގެއް ނެގުމެއް ނެތި ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަން ސިޔާސީ ޕާޓީތަކާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.