ހައުސިން މިނިސްޓްރީ

''ހިޔާ''، ''ގެދޮރުވެރިކުރުވުން'' އަދި ''ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް''އާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ހުޅުވާލައިފި

މަރިޔަމް ޝަހުދާ

''ހިޔާ'' މަޝްރޫއު، ''ގެދޮރުވެރިކުރުވުން' މަޝްރޫއު' އަދި ''ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް''އާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވަލޮޕްމަންޓުން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީ އިން މިއަދު އާންމު ކުރި އިއުލާނެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވަލައިލައްވައިފައިވާ ފްލެޓް ތަކުގެ މައްސަލަބަލާ ކޮމިޓީއަށް މި ތިން މަޝްރޫއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައިވާ ކަމަށެވެ. ހައުސިންގް މިނިސްޓްރީ އިން ވަނީ ''ހިޔާ'' މަޝްރޫއު، ''ގެދޮރުވެރިކުރުވުން' މަޝްރޫއު' އަދި ''ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް''އާ ގުޅޭ ޝަކުވާ ބަލައިގަނެ އެކަންކަން ބެލުމަކީ ރައީސް އެކުލަވައިލައްވައިފައިވާ ކޮމިޓީގެ މަސައްކަތަކަށް ވުމުން ޝަކުވާ ފޯމު ބަލައިގަންނާނީ ހަމައެކަނި ރައީސް އޮފީހުން ކަމަށް ބުނެފައެވެ. އަދި ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ހާއްސަ ފޯމެއް ރައީސް އޮފީހުން އާންމުކޮށްފައިވާނެކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މިދިޔަ ސަރުކާރުން ކުރިޔަށް ގެންދިޔަ އެ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.