ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

ރަދީފުގައި ''އަންހެނުން'' މާނަކޮށްފައިވާ ގޮތް ބަދަލުކުރަންޖެހޭ: މިނިސްޓަރު ޝިދާތާ

ޝަހީދާ އަބްދުﷲ ސައީދު

2

ދިވެހި ބަހުގެ ރަދީފުގައި ''އަންހެނުން"ގެ ލަފްޒީ މާނަ ބަދަލުކުރަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މާފުށީގައި މިއަދު ބޭއްވި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ދިވެހި ބަހުގައި އަންހެނުންނާއި ފިރިހެނުން މިބަސް މާނަކޮށްފައިވާ ގޮތްވެސް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ބަހުގެ ރަދީފުގައި އަންހެނުންނާއި ފިރިހެނުން މިންތީގެ ހަމަތަކަށް ބަލާއިރުވެސް ތަފާތުކޮށްފައިވާ ކަމަށެވެ.

އެގޮތުން އަންހެނުންނަށް ރަދީފުގައި ''އިންސާނުންގެ ދަރިމައިވާ ބާވަތުގެ ގިނަ މީހުންނަށް ކިޔާނަން'' ''ފިރިހެނުންގެ މާނަ އަކީ ''އިންސާނުންގެ ތެރެއިން އަންހެން ޖިންސު ނޫން އަނެއް ޖިންސުގެ ތަސައްރަފު ފުދިފައިވާ މީހުން'' ގެ ގޮތުގައި މާނަކޮށްފައިވާއިރު، އަދި މަޖާޒީ ބަހެއްގެ ގޮތުގައި ފިރިހެނުން މާނަކޮށްފައިވަނީ ''ހިތްވަރުގަދަ މީހުން'' ގެ ގޮތުގައި ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ހިތްވަރު ގަދަވުމަކީ ވަކި ޖިންސަކަށް ތޮބީއީ ގޮތުން ހާއްސަ ސިފައެއް ލިބިގެންވާ ކަމެއް ނޫން ކަމަށާއި އަންހެނުންނަކީ ވެސް ފިރިހެނުންނެކޭ އެއްގޮތަށް ހިތްވަރު ލިބިގެންވާ ބައެއް ކަމަށާއި ޖިންސު ވަކިކުރުމުގެ މާނައިގައި މިފަދަ ބޮޑު ގޮތަކަށް ތަފާތުތައް ހުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެގޮތުން އަންހެނުންނަކީ ދަރިމައިވާ ބާވަތުގެ ގިނަ މީހުންނަށް ކިޔާނަން ކަމަށް މާނަކުރާނަމަ ދަރިމައިވުމަށްފަހު ބަލިވެ އިނުމާއި ވިހެއުމަކީ ހިތްވަރުގަދަ ބަޔަކަށް ނޫނީ ނުވާނެ ކަމެއްކަން ކޮންމެ މީހަކަށްވެސް އެނގޭނެ ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ރާއްޖެއަކީ ޒަމާންވީ މުއްސަނދި ތާރީހެއް އޮތް ގައުމެއް ކަމަށެވެ. ދިވެހި އަންހެނުންނަށް އިޖްތިމާއީ އަދި ސިޔާސީ މައިދާނުގައި ހަމަހަމަ ކަމާއެކު ޒަމާނުއްސުރެ ފުރުސަތު ލިބިދީފައިވާ ކަމަށް ތާރީހުން ފެންނަންއޮތް ކަމަށެވެ. އިޖްތިމާއީ އަދި ސިޔާސީ ދާއިރާގައި އަންހެނުން މުހިންމު ރޯލެއް އަދާކޮށްފައިވާކަން ތާރީހުގެ ފަތްފުށްތަކުން ހެކިދޭ ކަމަށްވެސް މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟