އިމާދު ލަތީފު
ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ރަޝިޔާގެ އިގްތިސާދަށް ވަނީ ނުހަނު ބޮޑު ބަދަލެއް އައިސްފައެވެ. ބޭރު ގައުމުތަކާއެކު ހިންގާ އިގްތިސާދީ މުއާމަލާތަށް ބޮޑު އިންގިލާބެއް ވަނީ އައިސްފައެވެ. ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިއުމަށްފަހު ދެން އައި ތިރީސް އަހަރުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކާއި ރަޝިޔާގެ ގުޅުންތައް ތޮށަލިދުޅައިން ކުރިއަށްދިޔަ ކަމަށްވިޔަސް އިގްތިސާދީ ދާއިރާގައި އޮތީ ވަރަށްވެސް ބަދަހި ގުޅުމެކެވެ. ހުޅަނގުގެ ޚިދުމަތްތަކާއި މުދައު ރަޝިޔާ މީހުންނަށްވެސް ފަސޭހަކާއެކު ލިބެއެވެ. ދަތުރުފަތުރުވެސް ކުރެވެއެވެ. އެކަމަކު އެއީ މާޟީއެވެ. ހާލަތު މިހާރު ބަދަލުވެއްޖެއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ހުޅަނގުން ވަނީ ރަޝިޔާއާ ދެކޮޅަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅައިފައެވެ.
ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެގައުމުގެ މާލީ ރިޒާރވްގެ ތެރެއިން ގައުމުން ބޭރުގައި ހުރި އެއްޗެއް ވިއްޔާ އޭގެ ދެބައިކުޅަ އެއްބައި ގަނޑުކުރުން ހިމެނެއެވެ. ބައިނަލްއަގުވާމީ މާލީ ވިޔުގައިގެ ތެރެއިން ރަޝިޔާގެ ކުދިބޮޑު އެންމެހައި ބޭންކުތައް ވަނީ ބޭރުކޮށްލައިފައެވެ. ރަޝިޔާގެ އާގުބޯޓުފަހަރާއި މަތިންދާބޯޓުތަކަށް ހުޅަނގުގެ ގައުމުތަކުގެ ސަރަހައްދު ބޭނުންކުރުން މަނާވެއްޖެއެވެ. ރަޝިޔާގެ ތެލާއި ބޯޓުދެލި ގަތުން ހުއްޓާލައިފިއެވެ. ބައެއް ބާވަތުގެ ޒަމާނީ ޓެކްނޮލޮޖީ ރަޝިޔާއަށް ލިބުން ހުއްޓުވައިފިއެވެ. ރަޝިޔާގައި އޮޕަރޭޓްކުރަމުން އައި ހުޅަނގުގެ ކުންފުނިތައް އެގައުމުން ފައިބައިފިއެވެ. ނުފައިބައި ތިބި ބަޔަކު ވިއްޔާ ރަޝިޔާއިން ސައްޕެއް ޖަހައި ބޭރުކޮށްލައިފިއެވެ. އެޕަލްއަކާއި މެކްޑޮނަލްޑަކާއި ވިސާއަކާއި މާސްޓަރކާޑެއް މިހާރު ރަޝިޔާއަކުން ނުފެންނާނެއެވެ. އެންމެން ބޭރުވެ ނިމުނީއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުން މިހާތަނަށް ނެރެވުނީ ކޮންކަހަލަ ނަތީޖާއެއް ބާވައެވެ. ނެރެވިފައިވަނީ މަސްހުނި ނަތީޖާއެކެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރަޝިޔާގެ ޖީޑީޕީ ވަނީ މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ހަތަރު އިންސައްތަ ދަށަށް ގޮސްފައެވެ. އިންފްލޭޝަން ވަނީ ދެއަކުރުގެ އަދަދަކަށް އަރައިގެން ގޮސްފައެވެ. ހުޅަނގުގެ ކޮމްޕޯނެންޓްތައް ލިބުން ހުއްޓުނީމާ ބައެއްކަހަލަ ފެކްޓަރީތަކުގެ މަސައްކަތް ވަޅުޖަހައިފިއެވެ. ޚާއްސަކޮށް ކާރު އުފައްދާ ފެކްޓަރީތަކެވެ. މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ރަޝިޔާގެ ކާރު އުފެއްދުމުގެ ސިނާއަތުން ގާތްގަޑަކަށް 62 އިންސައްތަ ގެެއްލިގެން ހިނގައްޖެއެވެ. އެންމެބޮޑު ގޮންޖެހުމަކީ މައިކްރޯޗިޕް ނުލިބުމެވެ. މިއީ ވަރަށް ބޮޑަށް ހުޅަނގަށް ބަރޯސާކުރަން ޖެހިފައިއޮތް ދާއިރާއެކެވެ.
މިދެންނެވި ކަންކަން އެގޮތަށް ހުއްޓަސް ގިނަބަޔަކު ހީކުރިގޮތާ ޚިލާފަށް އިގްތިސާދީގޮތުން ރަޝިޔާ ކުޑަކަކޫ މައްޗަށް ތިރިކޮށެއް ނުލެވުނެވެ. އެއަށްވުރެ ރަޝިޔާގެ އިގްތިސާދު ފެނުނީ ވަރުގަދަކޮށެވެ. އިންތިޒާމުތައް ފެނުނީ ހަރުދަނާކޮށެވެ. ހަނގުރާމަ ފެށިގެން ފުރަތަމަ ދެމަސް ދުވަހުގެ ތެރޭގައި ރަޝިޔާގެ ފައިސާގެ އަގު ރާސްލާފައި ދަށްވެގެން ދިޔަކަމަށްވިޔަސް އޭގެފަހުން ފެނުނީ ހަމަޔަކަށް އެޅުނު މަންޒަރެވެ. އަހަރު ދެބައިވީއިރު ޔޫރަޕުގައި އެންމެ ހަރުދަނާ ފައިސާއެއްގެ ގޮތުގައި ފެނުނީވެސް ރަޝިޔާގެ ރޫބަލްއެވެ. ރަޝިޔާގެ ކަރަންޓް އެކައުންޓް ސަރޕްލަސް ވަނީ 167 ބިލިޔަން ޑޮލަރަށް އަރައިފައެވެ. ކަރަންޓް އެކައުންޓް ސަރޕްލަސްގެ މާނަޔަކީ އިމްޕޯޓަށްވުރެ އެކްސްޕޯޓް އިތުރުވުމެވެ. ދަރަނީގެ މައްޗަށް އަރަނި ކުރި ހޯދުމެވެ. މިދިޔަ އަހަރަށް ނިސްބަތްކުރާއިރު މިއީ ތިންގުނައިގެ ކުރިއެރުމެކެވެ.
ރަޝިޔާގެ އިގްތިސާދަށް ދިރުން ލިބުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ ތެލާއި ގޭހެވެ. ޔޫރަޕަށް ސަޕްލައިކުރާ މިންވަރު މަދުކުރުމާއެކު އިންޑިޔާއާއި ޗައިނާފަދަ ގައުމުތަކަށް އެކްސްޕޯޓްކުރާ މިންވަރު ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ. ތެލާއި ގޭސް އެކްސްޕޯޓްކޮށްގެން އެކަނިވެސް މިއަހަރު ރަޝިޔާގެ އިގްތިސާދަށް 337 ބިލިޔަން ޑޮލަރު ވަންނާނެއެވެ. މިއީ ހުސްވި ދެހާސްއެކާވީސް ވަނަ އަހަރު ލިބުނު މިންވަރަށްވުރެވެސް 38 އިންސައްތަ އިތުރު މިންވަރެކެވެ. ސަރުކާރުން އެކި ކަންކަމަށް ކުރާ ހޭދަވެސް މިއަހަރުގެ ތެރޭގައި ބޮޑު ތަނުން ވަނީ އިތުރުކޮށްފައެވެ. އެހެންވީމާ ރައްޔިތުންގެ އަތުގައި ފައިސާ އެބަހުއްޓެވެ. ފައިސާހުރީމާ ސުޕަމާކެޓްތަކާއި ރެސްޓޯރަންޓްތަކާއި ގްރޯސަރީތައް އެހެރީ ފުލްކޮށެވެ. ވިޔަފާރިތައް ދަނީ ބަރާބަރަށް ބާރުދުވެލީގައި ކުރިއަށެވެ.
ދުނިޔެއަކީ މިހާރު ބަދަލުވެފައިވާ ތަނެކެވެ. އެއްދޮރު ބަންދުކޮށްފިއްޔާ ެއަނެއް ދޮރު މިހާރު ހުޅުވޭނެއެވެ. އެގޮތުން ހުޅަނގުގެ ދޮރާށިތައް ބަންދުކުރީމާ އިރުމަތީން އެތައް ދޮރެއް ހުޅުވިއްޖެއެވެ. ޚާއްސަގޮތެއްގައި ޗައިނާޔާއި އިންޑިޔާއިންނެވެ. ތުރުކީއާއި އީރާނާއި ސައޫދީ އަރަބިޔާއިންވެސް އެތިބީ ރަޝިޔާއަށް ދޮރުތައް ހުޅުވާލައިގެންނެވެ. ރަޝިޔާއަކީ އިންތިހާ ދަރަޖައިގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. ތެލާއި ގޭހުންނެވެ. ލަކުޑިޔާއި މައުދަނުންނެވެ. އެހެންވީމާ ރަޝިޔާއަށް ދޮރުހުޅުވައިލާ ބަޔަކަށް އޮތީ މަންފާއެވެ. ދޮރުތައް ބަންދުކުރާ ބަޔަކަށް އޮތީ ގެއްލުމެވެ. މިގޮތުން ރަޝިޔާ އެކަހެރިކޮށްގެން ހުޅަނގަށް ލިބޭންއޮތް ފައިދާއަށްވުރެ ބޮޑީ ގެއްލުމެވެ. މިހާރުވެސް މިކަމުގެ ހެކި އެހެރަގެންދަނީ ފެންނަމުންނެވެ. ހުޅަނގު ޔޫރަޕް އެއޮތީ ގޭހަށް ޖެހިފައެވެ. ތަކެތީގެ އަގު އެހެރަގެންދަނީ އުފުލެމުންނެވެ.