ސުޕްރީމް ކޯޓް

އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވްކޮށްދިނުމަށް އެދި ޕެޓިޝަނެއް

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ދައުލަތުގެ މީޑިއާއިން ލައިވްކޮށްދިނުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައަކީ ދިވެހި އެންމެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމާއެކު އެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިންގަންވާނީ އެންމެންނަށް ވެސް ފެންނަ ގޮތަށެވެ.

އެހެންކަމުން އެ މައްސަލައިގެ ޝަރީއަތް ހިނގަމުންދާ ގޮތް ދައުލަތުގެ މީޑިއާއިން ލައިވްކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސުޕްރީމް ކޯޓުގެ ފަރާތުން އެ ޕެޓިޝަނުގައި އެދިފައިވެއެވެ.

އެ ޕެޓިޝަނުގައި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ވެސް ހިމަނާފައިވެއެވެ. އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ ކުރި ހޯއްދެވީ 58.4 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ.

ރިޔާސީ އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އެ މައްސަލަ ތާވަލްކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:00 އަށެވެ. އެ މައްސަލައަށް އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ޖަވާބުދާރީވާން ސުޕްރީމް ކޯޓުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ސަލީމް (ރޭސިން ސަލީމް) ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޕީޕީއެމްގެ އާންމު މެމްބަރުންނާއި އެހެނިހެން ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާތައް ބެލުމަށްފަހު ކަމަށެވެ.