އައިޝަތު ނަހުލާ

އިބޫ ހޮވިފައެވަނީ ހައްގު ވޯޓަކުން، އޮޅުވާލުމެއް، މަކަރެއް ނެތް: އައިޝާ

މުހައްމަދު އައުޒަމް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ހައްގު ވޯޓަކުން ކަމަށާއި އެކަމުގައި އޮޅުވާލުމެއް، މަކަރެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ގާސިމާއެކު އދ. މާމިގިއްޔަށް މިއަދު ހަވީރު ވަޑައިގެން ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އައިޝާ ވިދާޅުވީ ރިޔާސީ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ޕީޕީއެމަށް ނުވިސްނޭތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޮވިފަ އެހެރީ ހައްގުގޮތުގައި. ހައްގު ވޯޓަކުން ހޮވިފަ އެހެރީ. މިއަކު އޮޅުވާލުމެއް، މަކަރެއް ނެތް. އެހެންވީމަ މިކަމާ މެދު ބިރުގަނެ ބަޔަކު ޝައްކު އުފައްދައި، އެހެންކަމެއްކޮށް، އިލެކްޝަނަށްގޮސް، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން އުޅޭ ހުށަހެޅުމަކީ އެބޭފުޅުންގެ ދޯދިޔާކަން. އެބޭފުޅުން ނުވިސްނޭތީ ކުރާ ކަމެއް،" އައިޝާ ވިދާޅުވިއެވެ.

އައިޝާ ވިދާޅުވީ ބަލި ގަބޫލު ނުކުރަން ބޭނުންވާ ބަޔަކު އުޅުނަސް އާބާދީގެ ބޮޑުބައެއް ތިބީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކަމަށެވެ.

ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އައިޝާ ވިދާޅުވީ ކޯލިޝަން ބައިބައި ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ވިޔަ ނުދެއްވާނެ ކަމަށެވެ.

ކޯލިޝަން ބައިބައިވުމުގެ ފުރުސަތެއް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ނުދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ އައިޝާ ވިދާޅުވިއެވެ.

"ކިޔާނެ އެއްޗެއް، ކިޔާނެ ގޮތަކަށް، ކިޔާނެ ބަޔަކަށް ކިއިދާނެ. އަޅުގަނޑުމެން މިތިބީ އެކުގައި. އަޅުގަނޑުމެންގެ ލޯބިވާ ތިން ލީޑަރުން ދެން ތިއްބެވީވެސް. އެއީ ރައްޔިތުން ބަލައިގެންފައިވާ ބައެއް. އެކަން ރައްޔިތުންގެ ވޯޓުން ސާފުވޭ،" އައިޝާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ކުރެއްވި ޓްވީޓެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ރީ ޓްވީޓު ކުރުމުން އެމްޑީޕީގެ ބައެއް އިސްވެރިންނާއި އެ ޕާޓީގެ އެކްޓިވިސްޓުން އިއްޔެ ވަނީ އެކަމާ ނުރުހުންފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ކޯލިޝަންގެ ގުޅުމަށް ހީނަރުކަން އަންނާނެ ފަދަ ކަމެއް ނުކުރެއްވުމަށް ގާސިމަށް ގޮވާލައްވާފައެވެ.

ގާސިމް ވިދާޅުވެފައި ވަނީ އަލްހާންގެ ޓްވީޓް ރީ ޓްވީޓް ކުރެއްވީ ރައީސް ނަޝީދަށް ހެޔޮ އެދިވަޑައިގަންނަވާތީ ކަމަށެވެ. ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމުގެ ކުރިން، ހުކުމް ރިވިއުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމަށް ގާސިމް ވަނީ ރައީސް ނަޝީދަށް އިލްތިމާސް ކުރައްވާފައެވެ.

ހުކުމްގައި ހުރެގެން ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ޖަލަށް ގެންދާނެ ކަމަށާއި އެމަންޒަރު ދެކެން ބޭނުންނުވާ ކަމަށް ގާސިމް ވިދާޅުވިއެވެ.