ޝަހީދާ އަބްދުﷲ ސައީދު
ރެހެންދި ޚަދީޖާގެ ރަސްކަމުގެ ދުވަސްވަރު ކަންހިނގާފައިވާ ގޮތް ތާރީޚު ދިރާސާކުރައްވާ ފަރާތްތަކުން އަލުން ދިރާސާކުރައްވައި އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ގޮވައިލައްވައިފިއެވެ.
މާފުށީގައި މިއަދު ކުރިއަށްދިޔަ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ރެހެންދި ހަދީޖާގެ ރަސްކަމުގެ ދުވަސްވަރު ރަސްކަމުގެ ކޮއިލުތެރޭގައި ހިނގާފައިވާ ކަންކަމުގެ މައުލޫމާތު މުޖުތަމައަށް އަންގައިދީފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.
ރެހެންދި ހަދީޖާގެ ދެ ފިރިންނާއި ކޮއްކޯފުޅު އަވަހާރަކޮށްލި ކަމަށް ބުނެ ތާރީޚު ދިރާސާކުރެއްވި ފަރާތްތަކުން އެކަން ހާމަކުރެއްވިއިރު، އެކަން ކުރަންޖެހުނު ސަބަބުތަކާއި ގަނޑުވަރު ތެރޭގައި ކަންކަން ހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ހާމަކޮށްފައި ނުވާކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ ރެހެންދި ހަދީޖާފަދަ ގައުމަށް ބޮޑު ހިދުމަތެއް ކޮށްދެއްވި ކަނބަލަކާމެދު މުޖުތަމައަށް ނުބައި ތަސައްވުރެއް ދެއްކުމަށް ފުރިހަމަ ނޫން މައުލޫމާތު ހާމަކޮށް، އެކަމަނާގެ ޝަޚުސިއްޔަތު ސިފަކުރެވިފައި އޮތްއޮތުން އެއީ އެންމެ އިންސާފުވެރިގޮތްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
''ރެހެންދި ހަދީޖާގެ ރަސްކަމުގައި ކަން ހިނގާފައިވާ ގޮތް ކަމަށް ބަޔާންކޮށްފައިވާ ހާދިސާތައް ހިނގަންމެދުވެރިވި ސަބަބުތައް އަލުން ދިރާސާކޮށް އަންނަންއޮތް ޖީލުތަކަށް ސާފުކޮށްދެއްވުމަށް ތާރީޚުގެ އިލްމުވެރިންނަށް މިފުރުސަތުގައި އަޅުގަނޑު ގޮވައިލަން.'' މިނިސްޓަރު ސިދާތާ ވިދާޅުވިއެވެ.
މީގެއިތުރުން ރެހެންދި ހަދީޖާގެ އަންހެން ދެކޮއްކޮ އާއި މެދުވެސް އެދުވަސްވަރު ރާއްޖޭގައި ކަންކަން ހިނގާދިޔަ ގޮތް އަންނަންއޮތް ޖީލަށް ވާސިލުކޮށްދިނުމަށްޓަަކައި އެކަން ދިރާސާކުރުމަށްވެސް ޝިދާތާ އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ ދިވެހި އަންހެނުންނަކީ ހިތްވަރު ގަދަ ބައެއްކަން ތާރީޚުން ފެންނަން އެބަ އޮތް ކަމަށެވެ. ގައުމު ފަހުރުވެރިވާ ފަދަ ކަނބަލުން ގައުމަށް ހިދުމަތްކޮށްދެއްވިއިރު އެކަނބަލުންނަށް ނިސްބަތްކޮށް ބިނާތަކަށް ނަން ދިނުމުގައިވެސް ތަފާތު ކުރުންތައް ގެންގުޅެފައިވާތީ ހިތާމަކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.