ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

އަޅުގަނޑާއި ރައީސް ސޯލިހު އެކުގައި މަސައްކަތް ކުރުމުން އިންތިހާބުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ: ނަޝީދު

1

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރުމުން އިންތިހާބުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމާ މެދު ޝައްކެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ރައީސުލްޖުމްހޫރިއްޔާއަކީ މި ޕާޓީގެ އަޅުގަނޑާ އެއްވަރަށް މަސްއޫލިއްޔަތު، ޒިންމާ އުފުއްލަވާ ބޭފުޅެއް. މި ޕާޓީގެ އަސާސީ ގަވާއިދު ވަރަށް ސާފު. އަޅުގަނޑުމެން ދެ މީހުން އެކުގައި އަޅުގަނޑުމެންނަށް މި އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދިދާނެ ކަމުގެ އެއްވެސް ޝައްކެއް ނުހިނގާ، އެއްވެސް ޝައްކެއް އަޅުގަނޑުމެންނަކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެން އެކުގައި ނުކުމެ، ގޮނޑިތައް ކާމިޔާބު ކުރުމުގެ މިސްރާބު ހިފާފައިވާ ކަމަށާއި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށެވެ.

"ބައެއް ފަހަރު އަޅުގަނޑު ލަދުގަނޭ ބައެއް ބޭފުޅުން ދައްކާ ވާހަކައިން. އެއީ ތިބޭފުޅުންގެ ދާއިރާގައި ކޮންމެވެސް ބޭފުޅަކު ބުންޏޯ މިވެނި މިވެނި ކެންޑިޑޭޓަކީ ސަރުކާރުގެ ކެންޑިޑޭޓެއް ނޫނޭ. އަޅުގަނޑަށް މި ޕާޓީއަށް 13 އަހަރު ވާއިރު އެއަށްވުރެ ހެއްވާ ވާހަކައެއް ނެތް. ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް. މިހާރު އެއީ ރައީސުލްޖުމްހޫރިއްޔާ. ތިބޭފުޅުންނަކީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ކެންޑިޑޭޓުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟