އެމްއާރްއެމް

ހުރިހާ ކަމެއްވެސް ވަނީ އިސްލާހުކުރަން ޖެހިފައި: މައުމޫން

އަހުމަދު ޖައިޝަން

ގައުމުގެ ހުރިހާ ކަމެއްވެސް ވަނީ އިސްލާހު ކުރަން ޖެހިފައި ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވީ "މާއްދާ 4"ގެ ނަމުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރުއެމް)ގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މައުމޫނު ވިދާޅުވީ ދައުލަތުގެ ހުރިހާ ދާއިރާތަކާއި ކަންތައްތައް އިސްލާހުކުރަން ޖެހޭ ކަމަށެވެ.

"ސަރުކާރުގެ ދާއިރާ އެބަޖެހޭ އިސްލާހުކުރަން. ގާނޫނީ ދާއިރާ އާދެ ރައްޔިތުންގެ މަޖިލިސް ވެސް އިސްލާހު ކުރަން އެބަ ޖެހޭ. ޝަރުއީ ދާއިރާ ވެސް އިސްލާހު ކުރަން ޖެހޭ. އަދި އަޅުގަނޑުމެންގެ މުއައްސަސާތައްވެސް އިސްލާހުކުރަން ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ އެތަންތަނުގެ ގާނޫނީ ވާޖިބު އަދާކުރުމަށްޓަކައި އެތަންތަނަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތަކެއް އެބަހުރި ކަމަށެވެ. އެ މަސައްކަތްތައް ކުރުމަކީ އެމްއާރުއެމްގެ މަގުސަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަމައެކަނި ވަކި ކަމެއް އިސްލާހުކޮށްފައި ދެންހުރި ކަންތައްތައް ދޫކޮށްލުމެއް ނޫން. ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އިސްލާހުކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.