ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓު ބަޑިޖަހައި، ވައްޓާލުމަށްފަހު ހިފެހެއްޓި ޕައިލެޓު އަބިނަންދަން ވަރުތަމަން ވަނީ މާޗް އެކެއްގައި ދޫކޮށްލައިފައެވެ.
އެ ދެބޯޓު ޕާކިސްތާނުގެ ސަރަހައްދަށް ވަނީ މިދިޔަ ފެބްރުއަރީ މަހު ކަޝްމީރުގެ ޕުލްވާމާއަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ދެ ގައުމުގެ ގުޅުން ހީނަރުވެ ހަމަލާތައް ރައްދުކުރަމުން ދަނިކޮށެވެ.
އަބިނަންދަން ވަރުތަމަން ދޫކޮށްލީ "ސުލްހައިގެ ރަމްޒެއްގެ" ގޮތުގައި ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ އިއުލާން ކުރައްވައިފައެވެ.
ޕައިލެޓް އަބިނަންދަން ވަނީ އިންޑިއާގެ ހީރޯ އެއްކަމަށް އެ ގައުމުން ބަލައިގަނެފައެވެ. ބޮލީވުޑްގެ ތަރިންވެސް ވަނީ އަބިނަންދަން ގެ ހިތްވަރަށް ތައުރީފު ކޮށްފައެވެ.
ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި އަބިނަންދަންއަށް ބައޯޕިކްއެއް ހެދުމަށް ބޮލީވުޑްގެ ފިލްމު އުފައްދާ ގިނަ ފަރާތްތަކުން ވެސް ބޭނުން ވެއެވެ. މީގެ އިތުރުން އަބިނަންދަންގެ ރޯލު އެންމެ ރަނގަޅަށް ކުޅެވޭނީ ރަންވީރު ސިންގަށް ކަމަށްވެސް މީސް މީޑިއާގައި އަންނަނީ އަޑު ފެތުރެމުންނެވެ.
ފިލްމް ފެއާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އަބިނަންދަންއަށް ފިލްމު އުފައްދަނީ ސަންޖޭ ލީލާ ބަންސާލީއެވެ. އެ ޓުވީޓަށް އައިސްފައިވާ ކޮމެންޓް ތަކުގައި ފިލްމުގެ ލީޑް ރޯލަށް އެންމެ ކަމުދާ ތަރިއެއްގެ ގޮތުގައި ރަންވީރު ސިންގުގެ ނަން ވަނީ ފާހަގަ ކޮށްފައެވެ.
ރަންވީރު މި ދުވަސްވަރު މަސައްކަތް ކުރަމުން އަންނަނީ ފިލްމު "83" ފެށުމަށެވެ. އެ ފިލްމަކީ ކްރިކެޓް ކުޅުން ތެރިޔާ ކަޕިލް ދޭވް ގެ ދިރިއުޅުމުގެ މައްޗަށް ހަދާ ފިލްމެކެވެ.