މާލޭގެ ތިން ރެސްޓޯރެންޓަކަށް 24 ގަޑިއިރު ހުޅުވާފައި ހުރެ ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ، މިއަދު އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ތިން އެސްޓެބްލިސްމެންޓަކަށް 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެއީ :
1. ދަ ސީހައުސް، ހުޅުމާލެ ފެރީ ޓާމިނަލް
2. ސެފްރަން ކެފޭ، ހ. ވަލިގެ، ސޯސަން މަގު
3. ނައިސް އެންޑް ސްޕައިސް، ހުޅަނގު ފުޑްކޯޓު، ސްޓޯލް ނަމްބަރު 1، ބްލޮކް 2، އަމީނީ މަގު
ހުއްދަ ހޯދުމަށްފަހު ރެސްޓޯރަންޓްތަކާއި ސައި ހޮޓާތަކުގެ އިތުރުން ކެންޓީންތައް 24 ގަޑިއިރު އޮޕަރޭޓްކުރެވޭ ގޮތަށް ހެދުމަށް ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރީން ބުނީ އެތަންތައް 24 ގަޑިއިރު އޮޕަރޭޓްކުރާނަމަ ފަސް ޝަރުތެއް ފުރިހަމަ ވާން ޖެހެއެވެ. އެގޮތުން އެތަނަކީ މިނިސްޓްރީގެ މަޝްވަރާގެ މަތީން ކައުންސިލުން ކަނޑައަޅާފައިވާ ތަނަކަށް ވާން ޖެހުމާއި ރެސްޓޯރަންޓުގެ ބޭރުން ބަލާއިރު، ސާފުކޮށް އެތެރެ ފެންނާނޭހެން އަލިކުރެވޭގޮތަށް ހުރި ތަންތަންކަމުގައި ވާން ޖެހެއެވެ.
އޭގެ އިތުރުން އެތަނަކީ 24 ގަޑިއިރު ސީސީޓީވީ ކެމެރާ އޮޕަރޭޓްކުރެވޭގޮތަށް ހުރި ތަނެއްކަމުގައި ވުމާއި 0100 އިން ފެށިގެން ފަތިހު 0430 އާ ހަމައަށް އެތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނަކަށް ވާން ޖެހޭނެ ކަމަށްވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.