ރައްޔިތުންގެ މަޖިލިސް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހަބީބް އައްޔަންކުރަން ފާސްކޮށްފި

މަރިޔަމް ޝަހުދާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އިސްމާއީލް ހަބީބު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިހާރުވެސް އީސީގެ މެމްބަރު ކަމުގައި ހުންނެވި އިސްމާއީލް ހަބީބުގެ ދައުރު މިމަހު 13ގައި ހަމަވާތީ، މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން، ހަބީބު އަނެއްކާވެސް އެ ކޮމިޝަނަށް އައްޔަން ކޮށްފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

އިއްޔެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ވަނީ ހަބީބު އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ވޯޓަށް ފޮނުވައިފައެވެ. އީސީގެ މެންބަރުކަމަށް ޖުމުލަ 16 ބޭފުޅުން ކުރިމަތިލެއްވި އިރު އެ ހުރިހާ ބޭފުޅުންގެ ނަންތައް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ. ކޮމެޓީގެ އިންޓަވިއުއިން އެންމެ ގިނަ ޕޮއިންޓް ވެސް ލިބިވަޑައިގަތީ ހަބީބަށެވެ. އެއީ 90.28 ޕަސެންޓެވެ.

ހަބީބު އީސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް 58 މެންބަރުން ވޯޓުދެއްވައިފައިވެ އެވެ.