'ބެރެބެދިމާގެ' ނަން އިވުމާއެކު ސިފަވާނީ ސުކޫލު ބެޖާއި ޔުނިފޯމެވެ. އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުން، ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި މިއީ ނުހަނު މަޝްހޫރު ނަމެކެވެ. އެތައް އަހަރެއް ވަންދެން އެގޭގައި ކުރެވުނު މިމަސައްކަތުގެ ހަނދާން އައްޑޫސިޓީގެ ހިތަދޫގެ ކޮންމެ ފަރުދަކުހެން ހަނދާން ހުންނާނެއެވެ. އޭރު ޔުނިފޯމުގައި ބެޖުޖެހުމާއި ޓައި، ބަންދު އަދި ޔުނިފޯމުގެ ރޫތައް ވަކި ހާއްސަގޮތަކަށް ނަގައި ފަހަން އެނގޭ ހީވާގި އަދި ކުޅަދާނަ ފަރާތްތައް އެހިސާބުގައި ވަރަށް މަދެވެ. ހަމަ އެންމެ ދެތިން ގެއެއްގެ ތިން ހަތަރު މީހަކު މިމަސައްކަތް ކުރަމުން ދިޔައިރު އެންމެ ގިނަ ފަރާތްތަކުގެ އޯޑަރުތައް ލިބެމުންދިޔަ އެތައް ބައެއްގެ ލޯބި ލިބެމުން ދިޔައީ ބެރެބެދިމާގޭ ފާތުމަތު ސައީދާއާއަށޭ ބުނުމަކީ އެހެން ފަރާތްތަކަށް ބޭއިންސާފުވެރި ބުނުމަކަށް ނުވާނެއެވެ. ސުކޫލުތަކުގެ އެކިކަހަލަ ސްޓޭޖުޝޯ ތަކާއި އެފަަދަ ކަންތައްތަކުގެ ދިދައާއި އެހެނިހެން ފަރުމާކުރުންތައްވެސް އެގޭގައި ކުރިއަށްދިޔައެވެ. ފެހުމާއި ޖަރީކުރުމާއި ފަރުމާކުރުމަށް އޭގެ ދެވަނައެއް ނުވާ ގެއެއްގެ ގޮތުގައި އެގެ މަޝްހޫރެވެ.
އާއިލާގެ ވާރުތައިންކަމެއް ނޫނީ އެހެން ގޮތަކުން ކަމެއް ނޭނގެއެވެ. މިއަދު އައްޑުއަތޮޅު ސިޓީއަކަށް ބަދަލުވެ ޒަމާން ތަރައްގީވި ފަހުން، ފާތުމަތު ސައީދާއާއި ހަސަން ލަބީބުގެ ދެވަނަ ދަރިފުޅު ޝަމްޒޫނާ ލަބީބު މިމަސައްކަތުގެ ތެރެއަށް ނުކުމެ ނުހަނު ގަޔާވުމާއެކު ފެހުމާއި ޑިޒައިނިން އަދި އަތްތެރި މަސައްކަތުގެ އެކިކަހަލަ މަސައްކަތުގެ ތެރެއަށް މިވަނީ ނުކުމެފައެވެ. ހުނަރާއި ހިލްމުން އޭނާވަނީ މަންމަގެ ފަރާތުން ވާރުތައިން މިބައި މާރަނގަޅަށްވެސް ލިބިގެންފައެވެ. އޭނާގެ މަސައްކަތްތަކުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ސުކޫލު ފޮތްތަކުގައި ލުމަށް ތައްޔާރުކުރާ ކަވަރެވެ. ފޮތިން ތައްޔާރު ކުރެވިފައިވާ މިކަވަރުގައި ކުއްޖާގެ ނަންޖަހަނީވެސް އެހާމެ ރީތި ގޮތަކަށެވެ.
އުމުރުން 41 އަހަރުގެ ޝަމްޒޫނާ ލަބީބަކީ ބެރެބެދިމާގެއަށް އުފަން، ފާތުމަތު ސައީދާ އާއި ހަސަން ލަބީބުގެ ދެވަނަ ދަރިފުޅެވެ. މިހާރު ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ޝަމްޒޫނާ 19 އަހަރުވަންދެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޕަބްލިކް ރިލޭޝަން އޮފިސަރަކަށް ހުރި ނަމަވެސް މިހާރު ރަސްމީ ވަޒީފާއެއް އަދައެއް ނުކުރެއެވެ. 19އަހަރުގެ ފިރިހެން ދަރިފުޅާއި 7 އަހަރުގެ އަންހެންދަރިފުޅާއެކު ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރިތާ އަދި މާގިނަ އަހަރުތަކެއް ނުވިކަމުގައި ވިޔަސް މިހާރު ކުރަމުން އަންނަ މަސައްކަތަށް މިހިސާބުން ލިބޭ ތަރުހީބު ބޮޑެވެ.
"އަޅުގަނޑުމެން ވަރަށް ކުޑައިރު މަންމަ ކުރަން ފެށި މަސައްކަތެއް މީ. ފުރަތަމަ މަސައްކަތް ފެށި އިރު ގޭގެ މެދުގޭތެރެ، ނޫނީ ސިޓިންރޫމް ތެރޭގައި ފަހާފޮށި ބަހައްޓައިގެން ހުރިހާ ކަމެއްވެސް ކުރާނީ. މަސައްކަތް ކުރިއަރަމުން ގޮސް މިހާރު ގޭތެރޭގައި ފަހާ ތަނެއް މުވައްޒަފުންނާއެކު ހިންގާ. މަަންމަ ބޮޑަށް މަޝްހޫރު ވާނީ ޔުނިފޯމު، ހާއްސަކޮށް ސުކޫލު ޔުނިފޯމު ފަހާ މީހެއްގެ ގޮތުގަ. އެކިކަހަލަ ޔުނިފޯމު ފަހާނެ. ހުރިހާ ވައްތަރެއްގެ ބެޖެއްވެސް ޖަހާނެ. މިހާރު ހުރިހާ ބެޖެއްގެ މަސައްކަތް ކުރާނީ ބައްޕަ."
ސުކޫލު ދައުރުގައި ކިޔެވުމަށާއި އިތުރު ހަރަަކާތްތަކުގައި އަދި ސުކޫލުގެ އެންމެ ހާއްސަ ދަރިވަރުންގެ ތެރޭ ފާހަގަކޮށްލެވުނު ޝަމްޒޫނާގެ ފެހުމާއި އަތްތެރި މަސައްކަތުގެ އެއްވެސް މާޒީއެއް ނެތެވެ. އެންމެ މަޖާ ކަމަކީ ޝަމްޒޫނާގެ މިހާރު އެތައް ބައެއްގެ ލޯތްބާއި ތަރުހީބު ލިބެމުން އަަންނަ 'ތުރެޑްސް"އިން އޭނާގެ މިހުނަރުން ފުރިފައިވާ ފުރިހަމަ މަސައްކަތުގެ ހިދުމަތް މީހުންނަށް ދިނަސް މިއީ އޭނާ ހަމަ އެއްގޮތަކަށްވެސް ކުރާނަމޭ ހިތަށްވެސް އެރި ކަމެއް ނޫނެވެ. އަމުދުން ކުޑައިރު މަންމަ ފަހަން އިންނައިރު ރޮއްޖެއް މޮހާލުން، ނޫނީ އެނގޭފަދަ ކަމެއް ހަވާލުކޮށްލިޔަސް އެކަމެއް އޭނާ ކޮށްލަނީ ވަަރަށް ފޫހިވެފައި އިނދެ މަންމަގެ ބަސް އެހުމުގެ ގޮތުންނެވެ. އެއްވެސް ވަރަކަށް ދަސްކުރަން، ކީއްކުރަން އެނގެންވެސް އޭނާ ބޭނުންނުވި މިމަސައްކަތް ވަނީ އޭނާގެ ލެއާއި ކަށީގައި ހިފައިފައެވެ. މިފަދަ ކަވި ކަމެއް ކުރަން ފަހަރެއްގައިވެސް ހިތަށްވެސް ނާރާ މީހަކު މިހާރު ކޮށްފައިވާ މަސައްކަތް ފެނިއްޖެނަމަ ކޮންމެ މީހަކުވެސް ހައިރާންވާނެއެވެ. މިދާއިރާއިން ޝަމްޒޫނާ ހެދި ކޯހެއް ނެތެވެ. ދަސްކުރި ފިލާވަޅެއް ނޫނީ ބަލައިގެން ވިސްނައިގެން ދެނެގަތް އެއްވެސް ކަމެއް ނެތެވެ. އެހެންނަމަވެސް އޭނާއަށް ވާރުތައިން ލިބިފައިވާ ހުނަރާއި ހިލްމު ގުޅިގެން އުފެދޭ ހިޔާލުތަކަށް ކުރެވޭ މަސައްކަތްތައް ހަމަޔަގީނުންވެސް ކުޅަދާނަ ކާރުހާނާއެއްގެ އުފެއްދުމަކަށް ތަންފުކެއްވެސް ދުލެއް ނުކުރެއެވެ.
"ހަމަ ވަރަށް ފޫހިވާ ކަމެއް މިއީ. މަންމަ އެއްޗެއް މޮހާލަން ދިނަސް އަދި އެނގޭ ކުދި ކަންތައް ހަވާލުކުރުމުން، ވަރަށް ގަޔާނުވެ ތުންދަމައިގެން އިނދެކަހަލަ ގޮތަކަށްވެސް، އެކަން ކޮށްނިންމަން." ޝަމްޒޫނާ ހެމުން ކިޔައިދިނެވެ.
މިހާ ފޫހިވާ އަދި ގަޔާނުވާ ކަމެއް ކުރަން ފެށުނު ގޮތް ހީނގެންފައި، ކިޔައިދެމުން ޝަމްޒޫނާ ބުނީ މިއީ އޭނަގެ ލޮބުވެތި ފިރިމީހާގެ ހިޔާލަށް، ފިރިމީހާގެ ބުނުމަކަށް ފެށިކަމެއް ކަމުގައެވެ. ގޭގައި އިނދެ އަމިއްލަ މަސައްކަތެއް ފެށުމަށް ފިރިމީހާ ތާއަބަދު ކިޔާތީވެ، ރަށުގައި ހުރިއިރު ޝަމްޒޫނާ އެތައް ގޮތަކަށް ވިސްނާފައި ކުޑަކުދިންގެ ހެދުންތަކާއި ފާޑުފާޑުގެ ބޭބީ އެއްޗެހި ތައްޔާރު ކުރަން ނިންމީ ރަށުގައި ތުއްތުކުދިންގެ އުފެއްދުންތައް ތައްޔާރު ކުރާ މީހަކު ނެތުމުންނެވެ. ދުވަހަކު ނުފެހިޔަސް ފަހަން އެނގޭނެކަމުގެ އެންމެ ފުރިހަމަ ޔަގީންކަމާއި އިތުބާރު ޝަމްޒޫނާގެ ހިތުގައި އުފެދުނު ގޮތެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް ދުވަހަކުވެސް ނުކުރާ ކަމަކަށްވިޔަސް ފަހާފޮށީގެ ދަތްގަނޑު ތަޅުވަން، އޭގެ ފައިގައި ފިޔަވަޅު ހަމަކުރަން ޝަމްޒޫނާ ވަރަށް ފަރިތައެވެ. ބޭބީ ހެދުންކޮޅުތަކުން ފެށި ޝަމްޒޫނާގެ އެންމެ ހާއްސަ އެއް މަސައްކަތަކީ ސުކޫލު ފޮތްތަކުގެ ބޭރުގައި ލެއްވުމަށް ތައްޔާރުކުރާ ފޮތިކަވަރެވެ. ދަރިވަރުގެ ނަމާއި މައުލޫމާތު ފޮތީގައި ފަރުމާކޮށް ނުހަނު ފުރިހަމައަށް މިކަވަރު ތައްޔާރު ކުރުމުގައި ޝަމްޒޫނާ ބެލި ނުވަތަ ދަސްކުރި އެއްވެސް އެއްޗެއްނެތެވެ.
ކޮންމެޔަކަސް އެދުރަކާ ނުލައި ދަރިވަރުވެފައިވާ ޝަމްޒޫނާއަކީ ބެރެބެދިމާގެ ފެހުމާއި ޖަރީޖެހުމާއި އަތްތެރިމަސައްކަތް ދިރުވައިއާލާ ކުރާ ފަރާތެވެ. އޭރު ވަޒީފާއިން ގެއަށް އައިސް މަސައްކަތް ކުރާ ކަމަށާއި ގިނަ އޯޑަރުތައް ލިބެން ފެށުމުން ބޭބީ ހެދުންތަކުން އިތުރު ވައްތަރުތަކަށް ފުޅާވެ، ފޭސްބުކުގެ 'ތުރެޑްސް އެމްވީ' ޕޭޖު ހެދީއެވެ. އަދި މިހާރު ހުޅުމާާލެއަށް ދިރިއުޅުން ބަދަލު ކުރި ފަހުން ހުރިހާ ވަގުތެެއްވެސް ޝަމްޒޫނާ ދެނީ މި މަސައްކަތަށެވެ. ލިބޭ ތަރުހީބު ބޮޑެވެ. އޯޑަރުތައް ގިނައެވެ. ގޭގައި އިނދެގެން ފައިސާ ހޯދުމަށް ކުރަން މިއީ އެންމެ ރަނގަޅު މަސައްކަތެއްކަމަށް ޝަމްޒޫނާ ދެކެއެވެ.
މަންމަގެ އެހީތެރިކަމާއި ފިރިމީހާގެ ހާއްސަ ސަމާލުކަމަކާއި އެހީތެރިކަމެއް ލިބިގެން ފެހުމާއި އަތްތެރި މަސައްކަތް ކުރުމުގައި ކުރިއަށް ދާ ޝަމްޒޫނާއަށް އޭނާގެ މަސައްކަތަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ކުރަން ބޭނުންވާ ކަންތައްތަކަށް ބޭނުންވާ ސާމާނުތައް ލިބުން ދަތިވުމެވެ. ވަރަށް ފޫހިވާ، ކުރާހިތް ނުވާ ކަމަކުން ކުރިމަގެއް އުޖާލާކުރަމުން އަންނަ ޝަމްޒޫނާ ދެކޭ ހުވަފެނަކީ އޭނާގެ އަމިއްލަ ފަހާތަނެއް ހުރެ، އެތަނުން ހުރިހާ ވައްތަރެއްގެ އެއްޗެއް ފެހުމުގެ ހިދުމަތުގެ އިތުރަށް ފަހަން ބޭނުންވާ ސާމާނަށް ދާންދެން އެތަނުން ލިބޭނެ ތަނެއް ހުރުމެވެ. އާއިލާއެއް ބަލަހައްޓަމުން ގެވެހި އަނތްބެއްގެ ދައުރު އަދާ ކުރަމުން ދިޔަނަމަވެސް ޝަމްޒޫނާ އޭނާގެ މަސައްކަތް ބަހާލައިގެން ކުރަނީ ކަސްޓަމަރުން ރުހޭފަދަ ހިތްހަމަޖެހޭފަދަ ގޮތަކަށެވެ. ބައެއް ރޭތަކުގެ ދަންވަރުތަކުގައި ބޮޑެތި، މަސައްކަތްތައް ނިންމަން އިންނަން ޖެހުނަސް އޭނާއަށް ނުވާވަރަށް ގިނައިން އޯޑަރެއް ނުނަގައެވެ.
ފަށްފަށުން ހިތުގެ އަޑިން ލޯބިވާ ފިރިމީހާއަށް ޝުކުރު އަދާ ކުރާއިރު މިކަންތައްތައް ފެށުމުގައި މަންމަވީ އެހީއާއި ބައްޕަ ދިން ހިތްވަރަށްވެސް ޝަމްޒޫނާ ޝުކުރު އަދާ ކުރެއެވެ. މިފަދަ ކަމެއް ކުރަން ބޭނުންވާ ފަރާތެއް ހުރިނަމަ ޖެހިލުމެއް ނެތި އަވަހަށް ކުރަން ފެށުމަށާއި ހިތްވަރާއެކު ކުރިއަށް ދިއުމަކީ ޝަމްޒޫނާގެ ނަސޭހަތެވެ. އޭނާގެ 'ތުރެޑްސް'އަށް ތަރުހީބުދޭ ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ޝުކުރު އަދާ ކުރަމުން ޝަމްޒޫނާ އަބަދުވެސް މިދާއިރާއިން ފެންނާނެ ކަމަށާއި އެއްއިރެއްގައި ކިތަންމެ ފޫހިވިޔަސް މިއީ މިހާރު އޭނާގެ ހަޔާތުގެ ބޮޑު ހިއްސާއެއް ކަމަށްވެސް ޝަމްޒޫނާ ބުންޏެވެ.
ޝަމްޒޫނާގެ މަންމަ ފާތުމަތު ސައީދާގެ ބަހެއް ހިމަނާ ނުލައި ބެރެބެދިމާގެ ފެހުމުގެ ތާރީހު ލިޔެވުނުކަމަކަށް ނުވާނެއެވެ. ސައީދާ މިމަސައްކަތް އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުގައި ފެއްޓި އިރު ކަންތައް ހުރި ގޮތާއި މިހާރު ގޭގައި ފަހާތަނެއް ހުޅުވައިގެން މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރާއިރު ހުރި ތަފާތުތަކުގެ ވާހަކައެވެ. ކުރެވޭ އިހުސާސްތައް އަދި ދަރިފުޅު ޝަމްޒޫނާ މިމަސައްކަތް ކުރާތީ ސައީދާގެ ހިތުގައިވާ އިހުސާސްތައް އަޑުއަހާލުމުން ހުނަރުވެރި އަންހެނެއްގެ ހިތްވަރާއި މަސައްކަތުން އަދު އޭނާ ވާސިލުވެފައިވާ ހިސާބު އެނގި ހާމަވިއެވެ. އަދި އާއިލާގެ ނަމާއި ގަަދަރު ހިފެހެއްޓި ދަރިފުޅާމެދު ފަހުރުވެރިވާވަރުވެސް ހާމަވެގެން ދިޔައެވެ.
"އަޅުގަނޑު ފުރަތަމަ ދިޔައީ އައްޑޫ ގަމުގައި ހިންގި ފެކްޓަރީއަކަށް. އެތަނަށް ދާން ފެށިތާ ދެމަސްވީއިރު ސުޕަވައިޒަރުކަން ހަވާލު ކުރީ. އޭރު ޝަމްޒޫނާއަށް 6 އަހަރު ފުރެނީ. ކުދިން ސުކޫލަށް ވައްދައިގެން ގޭގައި މަޑުކުރުމަށްފަހު ކުރަން ފެށި މަސައްކަތެއް މީ. ފެހުމަކީ މިހާރު މިކުރާހެން ފަސޭހަކޮށް ކުރާ ކަމެއް ނޫން އޭރު. ވަރަށް ދަތިހާލުގަ ޔުނިފޯމު ފަހަން ހުދު ފޮތިކޮޅުވެސް ގެންނަނީ މާލެއިން މުދާ ގެންނަ ވިޔަފާރިވެރިޔަކާ ގުޅައިގެން އެތައް ދުވަހަކުން. މިހާރު އެހެނެއް ނޫން. މިހާރު ހަމަ ވަރަށްވެސް ފަސޭހަ. އޮންލައިންކޮށް ހުރިހާ އެއްޗެއް ބޭނުން ކޮލިޓީއަކުން ބޭނުން އިރަކު ލިބޭ."
ގޭގައި ފަހާ ތަނެއްގައި ބިދޭސީ މީހުން ފެހުމަށް ގެންގުޅޭ ވާހަކަ ކިޔައިދެމުން ސައީދާ ބުނީ މިއީ ވަރަށްވެސް ބޮޑު ފަސޭހައެއް ކަމަށެވެ. 35 އަހަރު އެއްކަމެއްގައި ދެމިހުރެވޭނީ ވަރަށްވެސް ހިތްވަރުގަދަވެފައި ކަމަށް ލޯބި ހުރެގެންކަން ޔަގީނެވެ. އޭރު ހުވަފެނުންވެސް މިއަދު މިއޮތް ފަސޭހަކަމާއެކު ސުކޫލުތަކުގެ ބެޖުޖަހައި ޔުނިފޯމު ފެހުމުގެ އިތުރަށް އެހެންވެސް ތަކެތި ފެހުމުގެ މަސައްކަތް ކުރެވޭނެކަމަށް ހީކޮށްފައި ނުވާ ސައީދާއަކީ އައްޑޫގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އަދި ލިބެމުން އަންނަ މީހެކެވެ.
ޝަމްޒޫނާ މިމަސައްކަތް ކޮށްފާނެކަމަށް ފަހަރެއްގައިވެސް ސައީދާ ހީކޮށްފައި ނުވިޔަސް ދަރިފުޅު މިކަމަށް ގާބިލުކަމާމެދު ސައީދާގެ އިތުބާރު އަބަދުވެސް އޮތެވެ. ތިމާ ކުރާ މަސައްކަތް ދިރުވައި އާލާކޮށް ބަޔަކަށް މިހިދުމަތް ތިމާގެ ދަރިފުޅު ދޭތަން ފެނުމަށްވުރެ މީހަކު އުފާވާނެ ވަކި އިތުރުކަމެއް މިފަދަ ދާއިރާއެއްގައި ނޯންނާނެކަން ގައިމެވެ.
"ވަރަށް އުފާވޭ. ބޭނުމީ އަޅުގަނޑު ހުރި ހިސާބަށް ދަރިފުޅުވެސް އައުން. ދަރިފުޅަށް ވާނެކަމާމެދު އެއްވެސް ޝައްކެއް ނެތް. އެއީ އަޅުގަނޑުގެ ދަރިފުޅަށްވީތީ، ޝަމްޒޫނާ ބޮޑުވަމުން އައީ އަޅުގަނޑުގެ މިމަސައްކަތުގެ ތެރޭގައި. ހަމަ އިންތިހާއަށް އުފާވޭ. ހުރިހާ ހެޔޮދުއާއެއްވެސް ދަރިފުޅާއެކުގަ އަބަދުވެސް ވާނެ."
ބެރެބެދިމާގޭ ސައީދާ ނުވަތަ ޝަމްޒޫނާއޭ ބުނުމުން ނޭނގޭ މީހަކު އައްޑޫސިޓީގެ ހިތަދޫގައި ހުންނާނެހެނެއް ހިއެއް ނުވެއެވެ. ބެރެބެދިމާގޭގައި ފެހުމާއި ބެޖުޖެހުމުގެ ދިގު ތާރީހެއް އެބައޮތެވެ. އަދި މިއަދު ޒަމާނީ ތަރައްގީގެ ކުރިއެރުމާއި ޓެކްނޮލޮޖީއާއެކު މަންމަ ރަށުގައި މިމަސައްކަތް ކުރިއަށް ތަރައްގީކޮށްގެން ހިންގާއިރު ހުޅުމާލޭގައި ދަރިފުޅު، ޝަމްޒޫނާ އަންނަނީ ފެހުމުގެ އިތުރުން ބައެއްކަހަލަ އަތްތެރި މަސައްކަތްތައްވެސް ކުރަމުންނެވެ. މިދެމައިންގެ މަސައްކަތުގައިވެސް ސުކޫލުތަކުގެ ކަންތައް ހިމެނެއެވެ. މަންމަ ޔުނިފޯމާއި ބެޖުގެ ކަންތައް ކުރާއިރު ދަރިފުޅު ފެހުމުގެ އިތުރަށް ޔުނިފޯމު ނުވަތަ ބެޖުގެ މަސައްކަތުގެ ބަދަލުގައި ފޮތުގެ ކަވަރުފަދަ ތަކެތި އުފައްދައެވެ. މިއީ ހަމަގައިމުވެސް ބޮޑު ގުޅުމެކެވެ. ތަފާތު ލޯތްބެކެވެ.
ކުރާހިތްނުވާ ކަމަކަށް ވިޔަސް އެކަމަކަށް ތިމާ ގާބިލު، ތިމާއަށް އެކަމެއްގެ ހުނަރާއި އިލްމާއި ހިލްމު ލިބިފައިވާ ކަމެއްގައި ކުރިއަރައިގެން ދާން ޖެހޭނެކަމާއި އަދި ކިތަންމެ ފޫހިވާކަމަކުންވެސް ދިރިއުޅުން އުޖާލާ ކުރެވިދާނެކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށްވާ ޝަމްޒޫނާގެ މިހިތްވަރާއި ކެރުމަށް، އަދި ކުރިއެރުމަށް ސާބަހެވެ. "ވަން"އިން އެދެނީ ޝަމްޒޫނާއަށް އަދި ބެރެބެދިމާގެ ފެހުންތެރި އާއިލާއަށް ފާގަތި މުސްތަގުބަލަކާއި ފަހި ކުރިއެރުމެކެވެ.