މުނިފޫހިފިލުވުން

ދުނިޔޭގެ އެންމެ ޒުވާން "ސެލްފް މޭޑް" ބިލިއަނަރަކަށް ކައިލީ

ދުނިޔޭގެ އެންމެ ޒުވާން ސެލްފް މޭޑް ބިލިޔަނަރަކަށް ކައިލީ ވެފައިވާކަމަށް ފޯރބްސް އިން އިއްޔެ ވަނީ އިއުލާން ކޮށްފައެވެ.

މިދިޔަ ޖުލައި މަހު ފޯރްބްސް އިން ނެރުނު މެގަޒިން ކަވަރުގައި ކައިލީގެ ފޮޓޯ ހުރުމުން ގިނަ ބަޔަކު އެއަށް ފާޑު ކިޔެވެ. މެގަޒިންގައި ކައިލީއަށް މުހާތަބު ކޮށް ލިޔެފައިވަނީ ސެލްފް މޭޑް އެވެ. ބިލިޔަނަރުންނަށް ހާއްސަ އެއަދަދުގައި ކައިލީގެ ފޮޓޯ ހުރުމުން އެއަށް ވަނީ ނުރުހުން ރައްދުވެފަ އެވެ. އޭރު ފޯރްބްސްއިން ކައިލީގެ ނެޓް ވޯތް ބެލި އިރު ހުރީ 900 މިލިއަން ޑޮލަރެވެ. އެހެން ކަމުން ބިލިޔަނަރަކަށް ވުމަށް އޭރު ބޭނުންވަނީ އެންމެ 100 މިލިއަން ޑޮލަރުކަމުން ފޯރްބްސް އިން ކައިލީ އެ މެގަޒިން ކަވާގައި ހިއްސާކުރީއެވެ.

ހަތް މަސްފަހުން މިހާރު ކައިލީ މިވަނީ ރަސްމީކޮށް ބިލިޔަނަރަކަށްވެފައެެވެ. ކައިލީ ބުނި ގޮތުގައި އޭނާގެ ކޮސްމެޓިކްސް ލައިން މިހާ ކާމިޔާބު ވާނެ ކަމަށް ދުވަހަކުވެސް ހީ ނުކުރާކަމަށެވެެ. އެއްވެސް އިރެއްގައި މާ ދުރަށް ނުވިސްނާ ކަަމަށް ބުނަމުން ކައިލީ ބުނީ ކާމިޔާބީ ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ކައިލީއަށް މި މަގާމު ލިބުނީ ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާރގް ވައްޓާލައިފައެވެ. މާކް ވަނީ 23 އަހަރުގައި ބިލިޔަނަރަކަށްވެފައެވެ. ކައިލީގެ އުމުރުން މިހާރު 21 ކަމުން އޭނާއަށް މަގާމު ލިބިފައިވަނީ ދެ އަހަރުގެ ފަރަގަކުންނެވެ.

"ސެލްފް މޭޑް" ކަމަށް އޭނާއަށް މުހާތަބު ކުރާ ކުރުމަށް ކައިލީވަނީ އިންޓަވިއުއެއް ދީފައެވެ. އޭގައި އޭނާ ބުނި ގޮތުގައި 15 އަހަރުގައި މައިންބަފައިން ވަނީ ފައިސާ ދިނުން ހުއްޓާލައިފައެވެ. އަދި އަމިއްލަ ހަރަދުތައް އެ ދުވަހުން ފެށިގެން ކުރަނީ އަމިއްލައަށެވެ،

މައިންބަފައިން ބޭނުންވީ ކައިލީ އަމިއްލަ ފައިމައްޗަށް ތެދުވަން ކަމަށާއި ފައިސާ ރައްކާ ކުރާނެ ގޮތާއި ހަރަދު ކުރާނެ ގޮތް ދަސްކުރީ އަމިއްލައަށް ކަމަށް ކައިލީ ވަނީ ބުނެފައެވެ. މި ފައިސާ އަކީ ލިބިފައިވާ ފައިސާއެއް ނޫން ކަމަށާއި ކޮންމެ ފައިސާ ފޮއްޗަކީވެސް އަމިއްލައަށް ހޯދާފައިވާ އެއްޗެއްކަމަށްވެސް ކައިލީ ބުންޏެވެ.